ސަރުކާރުގެ އޮފީސްތަކުން ދޭ ހިދުމަތުގެ ފެންވަރު ބެލުމަށް ސްޕޮޓް އޮޑިޓެއް ކޮށްފި

ވަޒީރުންގެ މަޖިލީޙުގެ ބައްދަލުވުމުގެ ތެރެއިން
ވަޒީރުންގެ މަޖިލީޙުގެ ބައްދަލުވުމުގެ ތެރެއިން
ބުރާސްފަތި , 13 ފެބްރުއަރީ 2020 | 13:05

ސަރުކާރު އޮފީސްތަކުން ފޯރުކޮށްދޭ ހިދްމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އާންމުންގެ އިތުބާރު ހޯދައި، ތަސައްވުރު ރަނގަޅުކުރުމުގެ ގޮތުން ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން މުހިންމު ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.

އެގޮތުން، މާލޭގައި ހިނގަމުންދާ ސަރުކާރުގެ އޮފީސްތަކުގެ ތެރެއިން، އާންމުންނާ ސީދާ މުއާމަލާތް ކޮށްގެން ހިދުމަތްދޭ 54 ތަނެއްގެ ކައުންޓަރުތަކުން ހިދުމަތް ދޭ ގޮތާއި، ކައުންޓަރުތަކުން ހިދުމަތް ދިނުމުގައި ހުރި ދަތިތަކާއި، ހިދުމަތް ހޯދާ ފަރާތްތަކުން ހިތްހަމަޖެހޭ ގޮތަށް ހިދުމަތް ނުދެވޭ މައިގަނޑު ސަބަބުތައް ދެނެގަނެ، އެ ތަންތަނުގެ ކައުންޓަރުތަކުން ހިދުމަތް ދިނުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ގޮތް ބެލުމަށްޓަކައި، ރައީސުލްޖުހޫރިއްޔާގެ އޮފީހުން ފުރަތަމަ ފަހަރަށް ވަނީ ސްޕޮޓް އޮޑިޓެއް ކޮށްފައެވެ.

މި އޮޑިޓުން، އޮފީސްތަކުގެ ކައުންޓަރ ސަރވިސް ޒަމާނީ އުސޫލުތަކާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރެވެން ހުރި ވަރަށް ގިނަ ކަންކަން ފާހަގަކުރެވިފައި ވާއިރު، އެ އޮޑިޓުން ފާހަގަކުރެވުނު ކަންތައްތަކާއި، އޮފީސްތަކުގެ ކައުންޓަރުތަކުން ހިދުމަތް ދިނުމުގެ ކަންކަން މިހާރަށްވުރެ ރަނގަޅުކުރުމަށްޓަކައި އަޅަން ފެންނަ ފިޔަވަޅުތަކުގެ ތަފްސީލު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ މިހާރު ވަނީ ހިއްސާކުރައްވައި މެންބަރުންގެ ހިޔާލު ހޯދާފައި ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ. އަދި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން، މި ކަމާބެހޭ ގޮތުން އަޅަންންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ ކަންކަން މިހާރު ކުރަމުން ގެންދާ ކަމަށް ވެސް ރައީސް އޮފީހުން ހާމަކުރެއެވެ.