އަޅުގަނޑު ޖޭއެސްސީގައި އިންނަން ރައީސް ޔާމީންވެސް ބޭނުންފުޅުވާނެ: ނަޝީދު

މަޖިލިސް ރައީސް މުހައްމަދު ނަޝީދު
މަޖިލިސް ރައީސް މުހައްމަދު ނަޝީދު
ބުދަ , 14 އޮކްޓޯބަރ 2020 | 12:01

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިންނަވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅު ވެގެން ކަމަށް ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަންގެ މެންބަރުން ވަނީ ޖޭއެސްސީ އިން ރައީސް ނަޝީދު ވަކިވެވަޑައިގެންނެވުމަށް ގޮވާލައްވައިފަ އެވެ. އެހެންނަމަވެސް ނަޝީދު ޖޭއެސްސީން އިން ވަކިވެވޭނީ މަޖިލީހުގެ ރައީސްގެ މަގާމުން ވަކިވެގެން ނުވަތަ ޖޭއެސްސީގެ މެމްބަރުން އެކުލަވާލާ އުސޫލަށް ބަދަލު ގެނަސްގެންނެވެ.

އިދިކޮޅު ކޯލިޝަންގެ މެމްބަރުންގެ ވާހަކަތަކަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ ރައީސް ޔާމީން ވެސް ބޭނުންފުޅު ވާނީ ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި އެމަނިކުފާނު އިންނެވުމަށް ކަމަށެވެ. ސަބަބަކީ ރައީސް ޔާމީނަށް އިންސާފު ކަށަވަރު ވާނީ ވެސް އެމަނިކުފާނު ޖޭއެސްސީގައި އިންނެވުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގައި އިންސާފުވެރިކަމާ އެކީގައި ޝަރީއަތްތައް ހިނގޭ ގޮތް މެދުވެރިނުވެއްޖެނަމަ ކުރީގެ ރައީސުންނަށް ލިބޭނެ އަނިޔާއާއި ގެއްލުން އިންތިހާއަށް ވާނެ. އަޅުގަނޑަކީ އިންސާފު ނެތަތީ އެ ކަން ވަރަށް ގާތުން ސީދާ ތަޖުރިބާ ކުރި މީހެއް

- މަޖިލިސް ރައީސް މުހައްމަދު ނަޝީދު

ކުރީގެ ރައީސް މައުމޫނާއިއެކު ނަޝީދު ޖަލަށް ލި ހާދިސާއަށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވީ ކުރީގެ ރައީސުންގެ ވެރިކަމުގައި ކުރެއްވި ނުރަނގަޅު ކަންކަމަށް އަދަބު ދިނުމަށް ދިވެހިން އަބަދުވެސް އެދޭ ކަމަށާއި އެ އިންތިޒާމު ވެސް ހަމަޖެހިފައި އޮންނަ ކަމަށެވެ. އެހެންނަމަވެސް އެކަންކަން ހަމަޖެހިގެން ދާން ޖެހޭނީ އިންސާފާއިއެކު ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ގާނޫނު އަސާސީ މިހާރު އޮތް ގޮތަށް އޮތްހާ ދުވަހަކު ޖޭއެސްސީގައި އިންނަވައި މަސައްކަތް ކުރައްވާނީ އިންސާފުވެރި ކަމާއިއެކު ކަމަށެވެ.

އަނިޔާވެރިކަން ކުޑަކޮށް ވެސް އިސް ނުކުރާނަން

- މަޖިލިސް ރައީސް ނަޝީދު

ރައީސް ޔާމީނުގެ ސަރުކާރުގައި ޖޭއެސްސީއަށް އޮތީ ވަރަށް ބޮޑަށް ސިޔާސީ ތުހުމަތު ކުރެވިފަ އެވެ. އެހެންވެގެން އޭރު އިދިކޮޅުގައި ތިއްބަވައި އެމްޑީޕީން ވަނީ ޖޭއެސްސީ އިސްލާހު ކުރުމަށް ވައުދު ވެފަ އެވެ. އެމްޑީޕީން ބުނީ ޖޭއެސްސީގައި ސިޔާސީ ބޭފުޅުންނާއި ފަނޑިޔާރުން ތިއްބަވަން ނުޖެހޭ ގޮތަށް އުސޫލު ބަދަލުކުރާނެ ކަމަށެވެ.

އެހެންނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ޖޭއެސްސީ އިސްލާހު ކުރުމުގެ ވާހަކަތައް ނުދައްކަވައެވެ. މިހާރު އެ ކޮމިޝަނުގައި ސިޔާސީ ގޮތުން އެމްޑީޕީއަށް ވާގިވެރިވާ މީހުން ގިނަ އެވެ.