ރައީސް ނަޝީދު މިހާރު ދައްކަވަނީ ބުއްދި ހަމަނުޖެހޭ ވާހަކަ: ޖަމީލު

ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު އަހުމަދު
ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު އަހުމަދު
ބުދަ , 14 އޮކްޓޯބަރ 2020 | 16:31

ރައީސް ނަޝީދު މިހާރު ދައްކަވަނީ ބުއްދި ހަމަނުޖެހޭ ވާހަކަ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ދެއްކެވި ވާހަކަތަކަކާއި ގުޅިގެންނެވެ. އެގޮތުން އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ މެމްބަރުން، ނަޝީދު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަކިވެވަޑައިގަންނަވަން ޖެހޭ ކަމަށް ގޮވާލެއްވުމުން ޖަވާބުގައި ނަޝީދު ވިދާޅުވީ ގާނޫނު އަސާސީ މިހާރު އޮތް ގޮތުން ޖޭއެސްސީން ވަކިވެވަޑައިގެން ނެތް ކަމަށެވެ. ހަމަ މިއާއެކު އެމަނިކުފާނު ޖޭއެސްސީގައި އިންނެވުމަކީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވެ ވަޑައިގަންނަވާނެ ގޮތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

މިކަމަށް އިޝާރާތް ކުރައްވައި ޖަމީލު ވިދާޅުވީ ރައީސް ޔާމީނަށް ކްރިމިނަލް ކޯޓު ގައި އިންސާފު ނުލިބުމުގެ އެންމެ ބޮޑު ސަބަބަކީ ރައީސް ނަޝީދާއި މި ސަރުކާރުގެ ނުފޫޒު ޖޭއެސްސީ ގައި އޮތުމުންކަމަށް ރައީސް ޔާމީން ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ޖޭއެސްސީ އިން ވަނީ ފާޅުގައި ރައީސް ޔާމީންގެ ޝަކުވާތަކަށް ހުރަސް އަޅާފައި ކަމަށްވެސް ޖަމީލު ވިދާޅުވި އެވެ.

ޖަމީލު ވަނީ ނަޝީދު ބޭނުންވަނީ ޑިފެކްޓޯ ސީޖޭ އަށް ވެވަޑައިގަންނަވަންތޯ ސުވާލު އުފައްދަވައިފަ އެވެ.

މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ކުރީގައި ވެރިކަން ކޮށްފައި ތިއްބަވާ ބޭފުޅުން ނުރަނގަޅު ކަމެއް ކުރީމައި ޖަލަށް ލާންޖެހޭ ވަކި ގޮތްތަކެއް ކަނޑައެޅިފައިވާ ކަމަށެވެ. އަދި އެކަން ކުރެވެން ޖެހޭނީ ވަކި އުސޫލެއްގެ ދަށުން ކަމަށާއި، ކުރިން ޖަލަށް ވަޑައިގެންނެވި ބޭފުޅެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވާނީ އިންސާފުން ހުރިހާ ކަމެއްވެސް ގެންދިޔުމަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ޖޭއެސްސީއަށް ސިޔާސީ ނުފޫޒު ފޯރާފައިވާ ކަމަށް ބުނެ މަޖިލީހަށްވެސް މިއަދު ވަނީ އިސްލާހެއް ހުށަހަޅައިފަ އެވެ. އިދިކޮޅު ކޯލިޝަންގެ މެމްބަރަކު ހުށަހެޅި އެ ބިލު މިއަދު މަޖިލީހަށް ބަލައިގެންފައިވާއިރު އެ ބިލުގައި ވަނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް އެދިފަ އެވެ.