ޖޭއެސްސީ އިސްލާހު ކުރުމުގެ ވިސްނުމެއް އެމްޑީޕީގެ ނެތް: އިދިކޮޅު

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު
ބުރާސްފަތި , 15 އޮކްޓޯބަރ 2020 | 17:24

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހު ކުރުމުގެ ވިސްނުމެއް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ނެތްކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް އެކޮމިޝަނަށް ސިޔާސީ ނުފޫޒު ފޯރާފައިވާ ކަމަށް ބުނާތީ އެކަން އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) ވަނީ މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފަ އެވެ. އެ ބިލު މަޖިލީހަށް ބަލައިގަނެ އަންނަ ހަފްތާގެ ބިލްގެ އިބްތިދާއީ ބަހުސްގެ މަރުހަލާ ފަށާނެ ކަމަށް ބެލެވެއެވެ.

ޕީޕީއެމްއާއި ޕީއެންސީ އިން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބަދަލުވުމެއްގައި ވަނީ ޖޭއެސްސީ މެދުވެރިކޮށް ޝަރުއީ ދާއިރާއާއި ފަނޑިޔާރުންނަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ޖާގަ އޮންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްކެވި ވާހަކަފުޅުތަކުގެ އޯޑިއޯތައް އިއްވައިފަ އެވެ.

އަދި ރައީސް ސޯލިހްގެ ރިޔާސީ މެނިފެސްޓޯ އާއި އެމްޑީޕީގެ އެޖެންޑާ 19 ގެ މެނިފެސްޓޯގައި ހިމެނޭ ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރުމާ ގުޅޭ ވައުދުތަކުގެ ފޮޓޯ ވެސް އާންމު ކުރެއްވި އެވެ.

އެ ބައްދަލުވުމުގައި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ ރައީސް ސޯލިހް ވަނީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅާއި ހިލާފުވެވަޑައިގެންފައި ކަމަށެވެ. ޖޭއެސްސީ މެދުވެރިކޮށް ސިޔާސީ ނުފޫޒު ފޯރުވޭ ކަމަށް އަމިއްލަފުޅަށް ވިދާޅުވެ ވެރިކަމަށް ވަޑައިގެން ހަމަ އެތަން މެދުވެރިކޮށް ނުފޫޒު ފޯރުވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އާދަމް ޝަރީފު ވިދާޅުވީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރަން ބޭނުންވާ ކަން އިދިކޮޅު ކޯލިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންނަމަވެސް އެމްޑީޕީގައި ޖޭއެސްސީ އިސްލާހު ކުރުމުގެ ވިސްނުމެއް ހުރިކަން ފާހަގަނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އިބްތިދާއީ ބަހުސްގެ މަރުހަލާ ނިންމުމަށް ފަހު، މަޖިލީހުގެ ތަޅުމަށް ބަލައިގަތުމަށް ނަގާ ވޯޓުގައި އެބިލް ބަލައިގަތުމުގެ ރޫހެއް އެމްޑީޕީގައި އޮތް ކަމަށް ނުފެންނަ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ހައިސިއްޔަތުން ޖޭއެސްސީގައި އިންނަވަ އެވެ. އެމަނިކުފާނު ޖޭއެސްސީގައި އިންނަވައިގެން ނޫނީ ޖުޑިޝަރީ އިސްލާހު ނުވާނެކަމަށް މީގެ ކުރިން ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އެހެންނަމަވެސް އިދިކޮޅުން ބުނަނީ އެމަނިކުފާނާއި އެހެންވެސް ސިޔާސީ ބައެއް ބޭފުޅުން ޖޭއެސްސީގައި ތިއްބެވުމުގެ ސަބަބުން އެ ކޮމިޝަނުން ނިންމާ ނިންމުންތައް ސިޔާސީ ވެފައިވާ ކަަމަށެވެ.