ރައީސް ޞާލިހުގެ ވެރިކަން މިވީ ބޮޑު ސަމާސާ އަކަށް: ޖަމީލު

ކުރީގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު
ކުރީގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު
ހޮނިހިރު , 17 އޮކްޓޯބަރ 2020 | 14:09

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަން ވެގެން ގޮސްފައި މިވަނީ ބޮޑު ސަމާސާއަކަށް ކަމަށް ކުރީގެ ނައިބުރައީސް އަދި މަޝްހޫރު ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލު މިފަަދައިން ވިދާޅުވީ ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ބޭނުން ކުރާ ވެންޓިލޭޓަރުތައް ހޯދުމުގައި ހިންގި ހިޔާނާތުގެ މައްސަލައިގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ މައްޗަށް ދައުވާ ކުރަން ފޮނުވުމުން ވެސް އަމީން މަގާމުން ވަކިނުކޮށް އޮތުމުން އެކަމަށް ފާޑޫ ވިދާޅުވަމުންނެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ވެންޓިލޭޓަރު މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށް ފަހު މިނިސްޓަރު އަމީން ހިމެނޭ ގޮތަށް 11 މީހެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައިފަ އެވެ. އެހެންނަމަވެސް މިހާތަނަށް އައިއިރު އެއްވެސް މީހެއްގެ މައްޗަށް ދައުވާ އުފުލަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފައެއް ނުވެ އެވެ.

މި ކަމަށް އިޝާރާތް ކުރައްވަމުން، ޖަމީލު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ސަމާސާއަކަށް ވެއްޖެ ކަމަށާއި ކޮރަޕްޝަންއަށް ޒީރޯ ޓެލޮރެންސް އޮތް ކަމަށް ވިދާޅުވެ ކެމްޕޭން ކުރިޔަސް އެއަށް އަމަލު ނުކުރައްވާ ކަމަށެވެ.

ހެލްތު މިނިސްޓަރު އަމީނަށް އިޝާރާތް ކުރައްވައި ޖަމީލު ވިދާޅުވީ މި ކުށަށް (ވެންޓިލޭޓަރު ހޯދުމުގައި ހިޔާނާތްތެރިވެ އޮޅުވާލުމުގެ ކުށަށް) ތަހުގީގު ކުރެވި، ދައުވާ އުފުލިޔަސް، އެއީ ލަދު ގަނެ ވަޒީފާ ގެއްލޭ ވަރު ކަމެއް ނޫންކަމަށެވެ. އަދި މިއީ ހަމަ ތާހިރު ގޮތްތޯ ޖަމީލު ވަނީ ސުވާލު އުފައްދަވައިފަ އެވެ.

ވެންޓިލޭޓަރު މައްސަލައިގައި މިނިސްޓަރު އަމީންގެ މައްޗަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވާފައިވާއިރު އެ މައްސަލައިގައި ރައީސް އޮފީހުން ބުނީ އަމީންއާ މެދު އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށެވެ. އެހެންނަމަވެސް މަގާމުން ވަކިކުރުމުގައި ވަކި ގޮތެއް ރައީސް އޮފީހުން އަދި ނުނިންމަ އެވެ. އަމީން މިހާރު ހުންނެވީ އަމިއްލަފުޅަށް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިވެވަޑައިގެންނެވެ. އެހެންނަމަވެސް މަގާމުން ވަކިނުކުރާތީ އަމީންގެ މުސާރަ އަދިވެސް ހިނގާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.