އިންޑިއާއާއި ގުޅުވައި އިދިކޮޅުން ދައްކާ ވާހަކަ ގަބޫލުކުރާނެ މީހަކު ނެތް: އާޒިމް

އެމްޑީޕީ ޕީޖީ ލީޑަރު އަލީ އާޒިމް
އެމްޑީޕީ ޕީޖީ ލީޑަރު އަލީ އާޒިމް
އާދިއްތަ , 18 އޮކްޓޯބަރ 2020 | 15:25

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން އަވަށްޓެރި އިންޑިއާއަށް ތުހުމަތުކޮށް ދައްކަމުން ދަނީ އަސާސެއް ނެތް ވާހަކަތަކެއް ކަމަށާއި އެ ވާހަކަތައް ދިވެހިން މިއަދު ގަބޫލު ނުކުރާ ކަމަށް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ސިލްސިލާކޮށް ނެރެމުންދާ "ޚަބަރު ސިޓީ" މަޖައްލާގެ މިއަދުގެ ކޮލަމްގައި އާޒިމް ލިޔުއްވާފައިވާ މަޒުމޫނެއްގައި ވަނީ އިންޑިއާއާ ގުޅުން ބަދަހިކޮށް އެ ގައުމުން އެތައް އެހީއެއް ރާއްޖެއަށް ދިން ނަމަވެސް، ދެ ގައުމުގެ ސަރުކާރުން ވެސް ރާއްޖޭގެ މިނިވަން ކަމަށް އަސަރު ކުރާ ގޮތަށް އަމަލު ނުކުރާ ކަމަށެވެ.

އިންޑިއާ އިން ރާއްޖެއަށް އަތްގަދަ ކުރަން ނޫޅޭ ކަމަށާއި އުޅެންވީ ސަބަބެއް ވެސް ނެތްކަމަށް އާޒިމް ލިޔުއްވާފައިވެ އެވެ.

މިލިޓަރީ ބޭސް ހަދާކަށް ނޫޅެއެވެ. ރާއްޖެ ހިފާކަށް ވެސް ނުމެއުޅެމެވެ. އެ ފުރުސަތު ދީގެން ބަލާކަށް ދުނިޔޭގެ އެހެން ގައުމުތަކަށް ނުވެސް ތިބެވޭނެއެވެ.

- އަލީ އާޒިމް

އާޒިމް ވިދާޅުވީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތުތައް ހަރުދަނާ ކަމަށާއި ދުނިޔޭގެ ކޮންމެ ކަންކޮޅެއްގައިވާ ގައުމުތަކާވެސް ގުޅުން ބަދަހި ކަމަށެވެ. އެގޮތުން އިންޑިއާއާ ގުޅުން ބަދަހި ކުރަމުންދާ އިރު، ޗައިނާއާ ވެސް ގުޅުން ރަނގަޅު ކަމަށާއި މެދުއިރުމައްޗާއި ޔޫރަޕާއި އެމެރިކާއާ ވެސް ގުޅުން ބަދަހި ކަމަށް އާޒިމް ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީނަށް ތާޢީދު ކުރައްވާ މީހުންނަށް އިޝާރާތް ކުރައްވައި އާޒިމް ވިދާޅުވީ އޭރުގެ ސަރުކާރުގައި ޗައިނާ ފަދަ މަދު ގައުމެއް ފިޔަވައި އެހެން ގައުމުތަކާ ގުޅުން ހީނަރުވެ، އެ ގައުމަށް އެކަނި ބަރޯސާވެގެން ގައުމު ހިންގަމުން ދިޔަ ކަމަށެވެ.

އެ ގައުމުން ބޮޑެތި އިންޓެރެސްޓްގައި ލޯނު ނަގައި، އެތައް ހާސް ގަނޑެއްގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމް ކުރުމުގެ ސަބަބުން އޭރުގައި ދިވެހި ގައިމުގެ މިނިވަން ކަމަށް މާ ބޮޑަށް އަސަރު ކުރި ކަމަށް އާޒިމް ލިޔުއްވާފައި ވެއެވެ.

އާޒިމް ދެކެވަޑައިގަންނަވާ ގޮތުގައި އިދިކޮޅު ފަރާތްތަކުން ދިވެހި ސަރުކާރާއި އިންޑިއާގެ ސަރުކާރާ ގުޅުވައި އަސާސެއް ނެތް ވާހަކަތައް ފަތުރަމުން ދަނީ އެ ސަރުކާރުގައި ހިނގި ހިޔާނާތުގެ މައްސަލަތައް ތަހްގީގް ކުރެވެމުންދާތީ ސަރުކާރު ބަދަލުކޮށް އެ ކަން ހުއްޓުވުމުގެ ބޭނުމުގަ އެވެ.