އެޗްޕީއޭއިން ހުއްދަ ނުދިނަސް ހަރަކާތްތައް ބާއްވާނަން: އިދިކޮޅު

އިބްރާހިމް ޝުޖާއު
އިބްރާހިމް ޝުޖާއު
ހޯމަ , 19 އޮކްޓޯބަރ 2020 | 16:27

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ކަމަށް ބުނެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތަކުގައި އެއްވެސް ހަމަހަމަކަމެއް ނެތްކަމަށާއި އެއަށް ސިޔާސީ ނުފޫޒު ފޯރުވާފައިވާކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ޝުޖާއު ވިދާޅުވީ އެޗްޕީއޭގެ ޕަބްލިކް ހެލްތުގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު ފުރުސަތު ދެއްވަނީ ސަރުކާރުގެ އިސް ބޭފުޅުން ބޭނުން ގޮތަކަށް ދަތުރުތައް ކުރުމަށް ކަމަށެވެ.

އެހެން ނަމަވެސް އާންމު ރައްޔިތުން އަމިއްލަ އުފަން ރަށަށް ކުއްލި ހާލަތެއްގައި ދަތުރު ކުރަން ޖެހިގެންވެސް އެތައް ދުވަހެއްގެ މުއްދަތަކަށް ކަރަންޓީނު ވާންޖެހޭ ކަމަށް ޝުޖާއު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެކަމުގެ ސަބަބުން ރައްޔިތުން އުޅެން ޖެހިފައިވަނީ ވަރަށް ހާލުގައި ކަމަށެވެ.

މީގެ އިތުރުން ކަރަންޓީނުގެ މުއްދަތު މިހާރު ވެސް ދަމަހައްޓަމުން ދަނީ އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕް ދަތުރުކޮށް ސަރުކާރުން ގައުމުގެ މިނިވަންކަމަށް އަސަރު ކުރާ ގޮތަށް ހިންގާ މުއާމަލާތްތަކާ ދެކޮޅަށް ހަރަކާތްތައް ބާއްވާނެތީ އެކަން ހުއްޓުވަން ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިންތަކަށް ބަލައިގެން ނުތިބެވޭނެ ކަމަށާއި ބޭނުން ތަނަކަށް ދަތުރުކޮށް އެ ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ކުރަން ޖެހޭ ކަންކަން ކުރަން ރައްޔިތުންނަށް ގޮވާލައްވާ ކަމަށެވެ.

އަދި ޕީޕީއެމްއާއި ޕީއެންސީގެ ލީޑާޝިޕަށްވެސް ދެން އެ އިރުޝާދުތަކަށް އަމަލު ކުރެވެން ނެތް ކަމަށާއި ސަރުކާރު ބަލި ކުރަން ހަރަކާތްތައް ހިންގަން ދެން ދަތުރުތައް ކުރާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި މައިމޫނާއަށް ރަސްމީ ސިޓީއެއް އެކަމާއި ގުޅޭގޮތުން ފޮނުވާފައިވާނެ އެވެ. އަދި ޖަވާބު ނުލިބިއްޖެނަމަ ބައްދަލުކުރަންވެސް ވަޑައިގަންނަވާނެ ކަމަށާއި ހުއްދަ ނުދިނަސް ހަރަކާތްތައް ބާއްވާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ގައިޑްލައިންތަކާއި ހިލާފުގެން ކަމަށްބުނެ ރައްޔިތުން ކިތަންމެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރިއަށް އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި އެ ޖޫރިމަނާތައް މައާފުކޮށްދެއްވާނެ ކަމަށެވެ.

ޝުޖާއު މިފަދައިން ވިދާޅުވިއިރު މީގެ ކުރިން އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފުވެގެން ވަނީ ޕީޕީއެމްއާ ޕީއެންސީ 75،000 ރުފިޔާއިން ޖޫރިމަނާ ކޮށްފަ އެވެ. އެ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ބައެއް އިސް ބޭފުޅުންވެސް މީގެ ކުރިން ވަނީ ޖޫރިމަނާ ކޮށްފަ އެވެ.