އާދަމް ޝަރީފު ނަޝީދަށް: ބައި އަޅައިގެން މަސް ބެހީމަ ކެޔޮޅު ގޯހެއް ނުވާނެ

މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު
މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު
އަންގާރަ , 20 އޮކްޓޯބަރ 2020 | 23:30

ކާފަ އަށް، ކާފަ ދަރިއަށް، ކާފަ ދޮންފުތަށް ބައި އަޅައިގެން މަސް ބެހީމައި ކެޔޮޅު ގޯސް ނުވާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވައިފި އެވެ.

އާދަމް ޝަރީފު މިފަދައިން ވިދާޅުވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ނުފެންނަކަމަށް އެމްޑީޕީ ޕީޖީން މިއަދު ފާސްކޮށްފައިވަނިކޮށް ވިޕްލައިނާ ހިލާފަށްވެސް އަމީން މަގާމުން ވަކިކުރަން ހުށަހަޅުއްވާނެ ކަމަށް ނަޝީދު ވިދާޅުވުމުންނެވެ.

އިދިކޮޅުން ތުހުމަތު ކުރައްވާ ގޮތުގައި ވެންޓިލޭޓަރު މައްސަލައިގައި ހެލްތު މިނިސްޓްރީން ހިންގި ކޮރަޕްޝަންގައި މުޅި ސަރުކާރުން ބައިވެރިވެ އެވެ. އޭގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުވެސް އިސްތިސްނާ ނުވާކަމަށް އިދިކޮޅުން ތަކުރާރުކޮށް ދަނީ ބުނަމުންނެވެ.

މިކަމާއި ގުޅިގެން އާދަމް ޝަރީފު ވިދާޅުވީ މިހާރު ތިޔަ ފަދަ ކަންކަން ވާނެހެން (އަމީންގެ އިތުބާރު ނެތްކަމަށް ފާސްވާނެހެން) ހީ ނުވާކަމަށެވެ. އަމީން ވަކި ނުކުރެވޭނީ ކީއްވެކަން ރައީސް ނަޝީދަށް އެނގިވަޑައިނުގަންނަވައިފާނެ ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.

އޮޑިން ފައިބަން ޖެހޭނީ ކުސްތަޅާ ފަޅުވެރިންކަމަށް ވިދާޅުވަމުން އާދަމް ޝަރީފު ވަނީ އެމްޑީޕީގައި އޮތް ނަޝީދުގެ ފެކްޝަން ބަލިވެފައިވާކަމަށް ނުސީދާކޮށް ވިދާޅުވެފަ އެވެ.

އެމްޑީޕީގެ ޕީޖީއަށް މިއަދު ކުއްލި ގޮތަކަށް އަމީންގެ އިތުބާރު ނެތްކަމަށް ހުށަހެޅި ނަމަވެސް އެގޮތަށް ފާހެއް ނުވި އެވެ. މައްސަލަ ހޫނުވެ ނަޝީދު ވިދާޅުވީ ވިޕްލައިނުން ބޭރުންވެސް އެކަން ކުރައްވާނެ ކަމަށެވެ.

އެމްޑީޕީގެ 24 މެމްބަރުންގެ ސޮޔާއިއެކު މަޖިލީހަށް މިހާރު ވަނީ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފަ އެވެ.