ސިފައިން ގައުމު ހިމާޔަތް ކުރަން ތެދުވުމަށް ގޮވާލައިފި

ސިފައިން
ސިފައިން
އަންގާރަ , 23 ފެބްރުއަރީ 2021 | 11:49

ދިވެހި ސިފައިންގެ ހުވަޔާއި އެއްގޮތަށް ގައުމު ހިމާތަރް ކުރަން މިއަދު ތެދުވަންޖެހޭ ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު އެކަމަށް ގޮވާލައްވައިފި އެވެ.

އުތުރު ތިލަފަޅުގައި މިލިޓަރީ ޑޮކްޔާޑަކާއި ބަނދަރެއް ތަރައްގީ ކުރުމަށް އިންޑިއާ ސަރުކާރާއިއެކު ވަނީ އެއްބަސްވުމެއް ގާއިމް ކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން އިންޑިއާ ސަރުކާރުން ފަންނީ އެހީތެރިކަންވެސް ފޯރުކޮށްދޭނެ ކަމަށާއި، ދިވެހި ސިފައިން ޓްރެއިން ކުރުވާނެ ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ. މިކަމާއި ގުޅިގެން އިންޑިއާ ސިފައިން އުތުރު ތިލަފަޅުގައި ދާއިމަށް ތިބެން އެއްބަސްވެފައިވާ ކަމުގެ އަޑުތަކެއް ފެތުރުނު ނަމަވެސް އެމްއެންޑީއެފް އިން ވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ނުތިބޭނެ ކަމަށް ބުނެފަ އެވެ.

މިމައްސަލައިގައި އިންޑިއާއިން ފަންނީ އެހީތެރިކަން ފޯރުކޮށްދޭނީ އެގައުމުގެ ސިފައިންތޯ އަދި އެކަމަށް ހާއްސަކޮށް އެއްބަސްވުމުގައި ހިމެނި ނުގުތާ ހާމަކުރަން އެދުމުން އެމްއެންޑީއެފް އިން ވަނީ ދެކޮޅު ހަދައިފަ އެވެ. ގައުމީ މަސްލަހަތާއި ގުޅުންހުރި މިފަދަ އެއްބަސްވުންތައް ސިއްރު ނުކޮށް ރައްޔިތުންނަށް ފެންނާނެހެން ހާމަކުރަން އެދުމުން ދިވެހި ސަރުކާރުންވެސް އެކަމަށް ވަނީ ދެކޮޅު ހަދައިފަ އެވެ.

މިކަމާއި ގުޅިގެން ޑރ. ޖަމީލު ވިދާޅުވީ ސިޔާސީ ވެރިންގެ ނުރައްކާތެރި ޕޮލިސީތައް ދިފާއު ކުރާ ބަޔަކަށް ނުވުމަށް ދިވެހި ސިފައިންނަށް ގޮވައިލާ ކަމަށެވެ. އަދި ގައުމު ދިފާއުކުރަން ފުރާނައިން ގުރުބާން ވާން ކުރި ހުވާ ދަމަހައްޓަން އިލްތިމާސް ކުރައްވާ ކަމަށްވެސް ޖަމީލު ވިދާޅުވި އެވެ.

މީގެ އިތުރުން މިއަދު އެމްޑީޕީ ވެރިކަމުގައި އޮތަސް މާދަމާ އެހެން ބަޔަކު ވެރިކަމަށް އަންނާނެ ކަމަށާއި ދިވެހި ސިފައިން ގައުމު ހިމާޔަތް ކުރަން ތެދުވަން ޖެހޭކަމަށް ޖަމީލު ވިދާޅުވި އެވެ.

Articl Inline Image

އެކި ނަންނަމުގައި އިންޑިއާ ސިފައިން ރާއްޖޭގައި ދާއިމަށް ތިބެން އުޅޭ ކަމުގެ އަޑުތައް ގަދަވެ މިކަން ސާފު ކުރުމަށް އިންފޮމޭޝަން ކޮމިޝަނަރަށްވެސް މީގެ ކުރިން މައްސަލަ ހުށަހެޅި އެވެ. އިންޑިއާ ސަރުކާރާއިއެކު ގާއިމްކޮށްފައިވަނީ ސިއްރު އެއްބަސްވުމެއްތޯ ސުވާލު ކުރުމުން އެއީ ސިއްރު އެއްބަސްވުމެއް ނޫންކަމަށް ސަރުކާރުން ބުނި ނަމަވެސް އޭގެ ތަފްސީލު ހާމަކުރަން ދެކޮޅު ހަދަ އެވެ. ސަރުކާރުން ބުނަނީ އެއްބަސްވުމުގެ ތަފްސީލު ހާމަ ކޮށްފިނަމަ ރާއްޖެއާއި އިންޑިއާއާއި ދެމެދު އޮތް ގުޅުމަށް ބުރޫއަރާނެ ކަމަށެވެ.

އަޑު ފެތުރިފައިވާ ގޮތުގައި އުތުރު ތިލަފަޅު އެއްބަސްވުމުގެ ދަށުން އިންޑިއާ ސިފައިން ރާއްޖޭގައި ދާއިމަށް ގާއިމްވެ ތިބުމަށް ވަނީ އެއްބަސްވެފަ އެވެ. މިމައްސަލަ މަޖިލީހަށްވެސް ހުށަހަޅާފައިވާއިރު އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ބޭރުގެ އަސްކަރީ މަރުކަޒެއް ރާއްޖޭގައި ހުންނަން ޖެހޭ ކަމަށް ވިދާޅުވެ ވެސް ވާހަކަ ދައްކަވައިފަ އެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ނުތިބޭނެ ކަމުގެ ޔަގީން ކަމެއް އަދި އެކަމާއި ގުޅިގެން ވެފައިވާ އެއްބަސްވުމުގެ ސީދާ ތަފްސީލެއް މިހާތަނަށްވެސް ދިވެހި ސަރުކާރަށް ހާމައެއް ނުކުރެވެ އެވެ.