ރައީސް ސާލިހުގެ ދެ އަހަރު: ޖަޒީރާ ބޯހިޔާވަހިކަމަށް އެއްވެސް އުއްމީދެއް ނެތް

ރައީސް ޞާލިހާއި ރައީސް ނަޝީދު
ރައީސް ޞާލިހާއި ރައީސް ނަޝީދު
ބުދަ , 11 ނޮވެމްބަރ 2020 | 13:21

ޖަޒީރާ ގެއަކީ ފްލެޓެއް ނޫނެވެ. މާއުހަށް ބުރިބުރިއަށް ނަގާފައި ހުންނަ ޓަވަރުތަކެއްގެ ކުދިކުދި އެޕާޓްމެންޓު ތަކެއްވެސް ނޫނެވެ. ޖަޒީރާ ގޭގައި ދިރިއުޅޭ އާއިލާގެ ހުރިހާކަމެއް ހަމަޖައްސާން އޮންނާނީ ކުޑަކުޑަ ސިޓިން ރޫމެއް ނޫނެވެ. ޖަޒީރާ ގޭގެ އެންމެ އަސާސީ ސިފައަކީ އެކަށީގެންވާ ޖާގަ އެވެ. ގޯތިތެރެއާއި ބަދިގެދޮށް އޮންނަ ތަނަވަސް ދިރިއުޅުމެކެވެ.

މިއީ އެމްޑީޕީން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ދިމާކޮށް ރައްޔިތުންގެ އަތަށް ދިއްކޮށްލި ވައުދު ފޮތުގެ ގަނޑަކުން ޕެރެގުރާފެކެވެ.

ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ދިރިއުޅެނީ މާލެ ސަރަހައްދުގަ އެވެ. އެއީ މާލެ ، ހުޅުމާލެ އަދި ވިލިމާލޭގަ އެވެ. މާލޭގައި ދިރިއުޅޭ އާބާދީގެ ބޮޑު ބައެއް އުޅެން ޖެހިފައިވަނީ ކުދި ގޮޅިތަކެއްގައި ވަރަށް ހާލުގައެވެ. މިވާހަކަ ދައްކާތާ ވީ ދުވަހެއްވެސް ނޭނގެ އެވެ. ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ މީހުންގެ އެންމެ ވަރުގަދަ ހަތިޔާރަކީވެސް ހަގީގަތުގައި ރައްޔިތުންގެ މި ހިތްދަތި ކަމެވެ.

ރައްޔިތުންގެ މި ހިތްދަތިކަމަށް ހައްލު ހޯދައި ދިނުމަށް ކޮންމެ ސަރުކާރެއްގައިވެސް މަސައްކަތްތަކެއް ކުރި އެވެ. ނުވަތަ ކުރާނެ ކަމަށް ބުންޏެވެ. އެކި ނަންނަމުގައި ފްލެޓުތައް އެޅުމާއި، މާލެ ސަރަހައްދުން ބޯހިޔާވަހިކަން ތަނަވަސް ކޮށްދިނުމުގެ އެކި މަޝްރޫއު ތަކެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އެންމެ ބޮޑު އެއް ވައުދަކީވެސް މިދެންނެވި ބޯހިޔާވަހިކަމުގެ ވައުދެވެ. ޖަޒީރާ ވައްޓަފާޅިއަކަށް ދިރިއުޅުން ބައްޓަން ކުރެވޭނެ ވަރުގެ ތަނަވަސް ގެތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭނެކަމަށް އެމްޑީޕީން އެދުވަހު ވައުދު ވިއެވެ.

ހަގީގަތަށް ދަންނަވާނަމަ ހުރިހާ ކަމެއް ހަމަޖައްސަން ކުޑަކުޑަ ސިޓިން ރޫމެއްވެސް ނުލިބޭ އެތައް އާއިލާއެއް މާލޭގައި އެބަ ދިރިއުޅެ އެވެ. ތޮއް ޖެހިގެން 10 ދަރިން އެއް ކޮޓަރީގައި ގަޑި ބަހައިގެން ނިދާ އާއިލާތައްވެސް އެބަ އުޅެއެވެ. ރައްޔިތުންގެ ހާލަތު މިހެން އޮއްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ދިރިއުޅުމުގެ މި ދަތިކަން ހައްލުކޮށްދެއްވުމަށް ހުޅުމާލެއިން ދެގުނަ ބޮޑު ބިމެއް ހިއްކައި އެތަނުގައި 7000 ހައުސިން ޔުނިޓު އަޅައިދީފަ އެވެ.

ޔާމީނުގެ ސަރުކާރުން ގާއިމްކުރި މި 7000 ހައުސިން ޔުނިޓަކީ ޖާގައިގެ ގޮތުން ކުޑަ ތަނެކޭ ދެންނެވިދާނެ އެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ބަހުރުވައިންނަމަ "ކޮތަރު ކޮށި" ތަކެކެވެ. އެހެންނަމަވެސް ސުވާލަކީ މި ކޮތަރު ކޮށިތަކުން އުފާވެރިކަމާއި ހަމަޖެހުން ގެނުވައިދޭނީ މާލޭގައި ދިރިއުޅޭ ކިތައް އާއިލާއަށް ތޯއޭ އެވެ.

އެމްޑީޕީން 2018 ވަނަ އަހަރު ރިޔާސީ އިންތިހާބަށް ނިކުންނަވައި ދެއްކެވި ވާހަކަތަކުގެ ތެރޭގައި އަދި މިހާރު ސަރުކާރުގައި ތިބެވެސް ދައްކަމުންދާ ވާހަކަތަކުގެ ތެރޭގައި ހުޅުމާލޭގެ 7000 ހައުސިންގް ޔުނިޓުގެ ކޮޓަރިތަކާއި ސިޓިން ރޫމުތަކުގެ ޖާގައިގެ ކުޑަ ކަމުގެ ވާހަކަ ދައްކަ އެވެ. އެހެންނަމަވެސް ހައިރާންވާން ޖެހޭ ކަމަކީ ފްލެޓު ލިބުނު އެއްވެސް މީހަކު ނުވަތަ އެއްވެސް އާއިލާއަކުން އެ ތަން ކުޑަކަމުން ދޫކޮށްލަން ނުވަތަ ބޭނުން ނުވާކަމަށް ބުނެފައެއް ނުވެ އެވެ.

ރައީސް ޞާލިހު ވެރިކަމަށް ވަޑައިގެން ގާތްގަނޑަކަށް ދެ އަހަރު ދުވަހެވެ. މިއަދުގެ ހާލަތަކީ ކޮބައި ހެއްޔެވެ؟ ރައްޔިތުން އަދިވެސް ތިބީ މާލޭގެ ކުޑަ އަވަނުގެ ތެރޭގައި ތާށިވެ ތޮއްޖެހިފަ އެވެ. އާއިލާގެ ހުރިހާ ކަމެއް އަދިވެސް ހަމަޖައްސަނީ ކުޑަ ސިޓިން ރޫމުގަ އެވެ.

އަނެއްކާވެސް އެމްޑީޕީގެ ވައުދު ފޮރުން ޕެރެގުރާފެއް ހިއްސާކޮށްލާނަމެވެ.

އެމްޑީޕީގެ ޖަޒީރާ ރާއްޖޭގައި ކޮންމެ ގެއަކީ ޖަޒީރާ ގެއެކެވެ. މި ތަސައްވުރުގައި ކޮންމެ މީހަކު ދިރިއުޅޭ އެމީހެއްގެ އަމިއްލަ ގޯއްޗަކީ އިގްތިސާދުގެ ނާރެހަކަށް ހެދޭނެ އެވެ. ގޭގައި ކުރެވޭނެ ކިތަންމެ މަސައްކަތެއް މިހާރުވެސް އެބަހުރިކަމާއި، އިތުރުކަންކަން ތައާރަފުކުރެވި މުޅި އިގްތިސާދުގައި އެމީހާގެ ގެއިން ވާ ހިއްސާ ބޮޑުކުރެވޭނެ އެވެ.

އެމްޑީޕީގެ ވައުދުތައް ބޮޑަށް ވައްތަރުވަނީ ހިޔާލީ ފޮލާއަކާ އެވެ. މިވާހަކަ 2018 ވަނަ އަހަރުވެސް ދެކެވުނެވެ. ހަގީގަތަށް ބަލާނަމަ ރާއްޖޭގެ ރައްޔިތުންގެ މެޖޯރިޓީ އޮތީ މާލޭގަ އެވެ. ވީއިރު މާލެއިން ކޮންމެ މީހަކަށް ގޯއްޗެއް ދެވޭނެ ހަމަ އެއް ގޮތްވެސް ނޯންނާނެ އެވެ. ނުވަތަ ކޮންމެ އާއިލާއަކަށް ފްލެޓެއްވެސް ނުދެވޭނެ އެވެ. އެހެންނަމަވެސް ބޯހިޔާވަހިކަމަށް ހައްލު ހޯދުމަށް ކުރެވިދާނެ ކަންކަން އެބަ ހުއްޓެވެ.

މާލޭގައި ކުއްޔަށް ދިރިއުޅޭ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ކުޑަ ކޮޓަރިއެއްގެވެސް އަގު އަތް ނުފޯރާ ފަށުގައި ހުރުމެވެ. އާއިލާގެ ހުރިހާ މެމްބަރުން މަސައްކަތް ކޮށްގެން ކުއްޔަށް މި ހިފެނީ ދެ ކޮޓަރީގެ އެޕާޓްމެންޓެކެވެ. މިއީ މާލޭގައި ގޯއްޗަށް އޮތް ޑިމާންޑު ބޮޑުވުމުން ދިމާވާ ކަމެކެވެ.

މާލޭގައި ކުލި ކޮންޓްރޯލް ކުރުމުގެ ވާހަކަތަކެއްވެސް ދެކެވުނެވެ. އެހެންނަމަވެސް މިއީ އެންމެ ރަނގަޅު ގޮތް ނޫންކަމަށްވެސް ބައެއް މީހުން ދެކެ އެވެ. ބަދަލުގައި ޑިމާންޑު އިތުރަށް ނުއުފުލޭވަރަށް މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ ފުރުސަތުތައް ތަނަވަސް ކުރެވިދާނެ ކަމަށްވެސް ބައެއް މީހުން ދެކެ އެވެ. ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ގާނޫނުތަކުގެ ތެރެއިންވެސް މަސައްކަތްތަކެއް ކުރެވިދާނެ އެވެ. މިވަގުތު އޮތް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމަށް ވަޑައިގެންނެވި ފަހުން މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބޯހިޔާވަހި ކަމަށް ހަމަ އެއްވެސް ކަމެއް ކޮށްދީފައެއް ނުވެއޭ ދެންނެވުންވެސް ކުށަކަށް ނުވާނެ އެވެ. އެހެންނަމަވެސް ފާއިތުވެ ދިޔަ ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެކި ޕްރޮޖެކްޓުތައް ފަށަން ތައްޔާރުވާ ކަމަށާއި ވަރަށް އަވަހަށް މަޝްރޫއުތަކެއް ފަށާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެހެންނަމަވެސް އަމަލީ ގޮތުން ހަމަ އެއްވެސް ކަމެއް ސަރުކާރަކަށް ނުވެ އެވެ.

ކޮވިޑް-19 ގެ ސަބަބުން ޜާއްޖޭގެ އިގްތިޞާދަށް ވަރަށް ބޮޑު އަސަރެއް ކޮށްފި އެވެ. ދައުލަތުގެ އާމްދަނީވެސް އިންތިޙާއަށް ދަށަށް ހިނގައްޖެ އެވެ. މި ހާލަތުގައި ބޮޑެތި މަޝްރުއުތައް ނުފެށުމަށް ވޯލްޑު ބޭންކުން ވަނީ ލަފާ ދީފަ އެވެ. ވީއިރު ހައުސިންގެ ބޮޑު މަޝްރޫއެއްވެސް ނުފެށޭނެއޭ ބުނެވިދާނެ އެވެ.

އެހެންނަމަވެސް މިހެން ބުނުމުގެ ޖާގައެއްވެސް ހަގީގަތުގައި ސަރުކާރަކަށް ނެތެވެ. އެއީ ވޯލްޑު ބޭންކުން ޕްރޮޖެކްޓުތައް ނުހިންގުމަށް އަންގާފައި އޮއްވާ ސަރުކާރުން ވަނީ ރާއްޖޭގައި މިހާތަނަށް ހިންގާނެ އެންމެ ބޮޑު އުމްރާނީ މަޝްރޫއު "ތިލަމާލެ ބްރިޖު" ގެ މަޝްރޫއު އިއުލާނުކޮށް އޭގެ އެއްބަސްވުމުގައި ސޮއިވެސް ކޮށްފަ އެވެ. އެކަމަށް ބޭނުންވާ 500 މިލިއަން ޑޮލަރުވެސް މިހާރު ވަނީ ހޯދައިފަ އެވެ. ބޯހިޔާވަހިކަމަކީ ސަރުކާރުން އިސްކަމެއް ދޭ ކަމަކަށް ވާއިރު މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ އަދިވެސް އޮތް ގޮތުގައި އޮތީ ކީއްވެތޯ ސުވާލު އުފެދެ އެވެ.

ހަގީގަތަކީ ރައްޔިތުންގެ އެތައް އުއްމީދުތަކަކާއިއެކު ގެނައި ސަރުކާރު މިއަދު ރައްޔިތުންގެ ގައިގައި ކޮޅުފައިން ޖަހައިފި ކަމެކެވެ. ހިތާ ހިތުގެ ގުޅުމުން ފަރިކުރި ވެރިކަމުން ރައްޔިތުންނަށް ލިބުނީ ހިތް ދަތިކަމެކެވެ. މިއަދު ހަމައެކަނި އަޑު މި އިވެނީ ތަކެތީގެ އަގުތައް މައްޗަށް ގޮސް، ހިދުމަތުގެ އަގުތައްވެސް އުފުލޭނެ ކަމުގެ ވާހަކަތަކެވެ. އުއްމީދު ކުރާނެ ފަހި މަގެއް ފެންނަންވެސް ނެތީ އެވެ. ރައީސް ސާލިހު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ދެއްކެވި އެއްވެސް ވާހަކައެއްގެ އެއްވެސް އަގެއް މިއަދު ނެތްކަމީ ފެންނަން އޮތް ހަގީގަތެވެ.