އިސްތިއުފާ ދިނުން: ކުށުން ބަރީއަ ވުމަށް އޮތް ހުއްޖަތެއް؟

ބުރާސްފަތި , 12 ނޮވެމްބަރ 2020 | 00:39

"މިނިސްޓަރުކަމުން އިސްތިއުފާ ދީފިއެވެ." . "މިނިސްޓަރުކަމުގެ މަގާމުން ވަކިކޮށްފިއެވެ." މިއީ، ދާދިފަހުން މީޑިއާގެ ސުރުޙީތަކުން ޖާގަ ހޯދި ހޫނު ޚަބަރުތަކެކެވެ. މެދުވެރިވީ އާދައިގެ ތުހުމަތުތަކެއް ނޫނެވެ. މިހާރު މިއޮތް ސަރުކާރުގެ މިނިސްޓަރުންގެ ވާހަކައެވެ.

ޒިންމާދާރު އިސްމަގާމުތަކުގައި ތިބޭ މީހުންގެ މައްޗަށް ކުށެއްގެ ތުހުމަތު ކުރެވޭ ހިސާބުން މަގާމުން އިސްތިއުފާ ދިނުމާއި ކުށުގެ ތުހުމަތުގައި މަގާމުން ވަކިކުރުމަކީ ދުނިޔޭގެ އެކި ގައުމުތަކުގައިވެސް އާންމުކޮށް ހިނގަމުންދާ ކަމެކެވެ. އިތުބާރުކުރެވޭ މަގާމެއްގައި ހުންނަ މީހަކާމެދު ސީރިއަސް ތުހުމަތުތަކެއް ކުރެވޭ ހިސާބުން އިސްތިއުފާ ދިނުމަކީ ނުވަތަ މަގާމުން ވަކިކުރުމަކީ، އެމީހަކާމެދު އިންސާފު ހަމަކުރާނެކަން ދައްކުވައިދޭނެ ފުރަތަމަ ފިޔަވަޅުކަމަށް ބެލެވިދާނެއެވެ. ނަމަވެސް، އެފަދަ މީހުންނާމެދު އިންސާފުގެ އަތް ފޯރާ ކަމާމެދު އާންމުންގެ މެދުގައި ސުވާލު އުފައްދައެވެ. އެކަން ހިނގަނީވެސް އެހެން ނޫންކަމީ ފެންނަން އޮތް ހަގީގަތެވެ. އެފަދަ މީހުން މަގާމުން އިސްތިއުފާ ދިނުމަކީ ނުވަތަ މަގާމުން ދުރުކުރުމަކީ، އެމީހަކާމެދު ކުރެވޭ ތުހުމަތުތަކުން ބަރީޢަވުމަށް އޮތް ހުއްޖަތަކަށް ވެގެން ނުވާނެއެވެ.

މި ދައްކަނީ، ސަރުކާރު ހިންގުމުގެ އެންމެ އިސް ސަފުގައި ތިއްބެވި މިނިސްޓަރުންގެ ވާހަކައެވެ. އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކޮށްފައިވާ ބޮޑެތި ތުހުމަތުތައް ކުރެވިފައިވާ މީހުންގެ ވާހަކައެވެ.

ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް - ޒިންމާއަށް އިހުމާލުވުމުގެ ތުހުމަތު

Articl Inline Image

ޖެންޑަރ މިނިސްޓަރުގެ މަގާމަށް ޝިދާތާ ވަޑައިގެންނެވީ އަދާލަތު ޕާޓީގެ ސްލޮޓެއްގައި ކޯލިޝަނުގެ ތެރެއިންނެވެ. ޒިންމާ އަދާނުކުރާކަމުގެ ޝަކުވާ އިދިކޮޅުގައި ތިބި ފަރާތްތަކުން ކުރަމުން ގެންދިޔަނަމަވެސް މިނިސްޓަރަށް މާބޮޑު ޕްރެޝަރެއް ނެތެވެ. މީޑިއާއަށް އަރާ ޒިންމާ އަދާނުކުރާކަމަށް ބުނެލުން ފިޔަވައި އިތުރު ކަމެއް ނުވެއެވެ. މިނިސްޓަރުން ނުވަތަ ސަރުކާރު ޖަވާބުދާރީކުރުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެއެވެ.

ކުޑަކުދިންނަށް ކުރަމުންދާ ތަފާތު އަނިޔާގެ މައްސަލަތައް އިތުރުވެގެން ދާއިރު އެކަންކަން ހުއްޓުވުމަށް އެކަށީގެންވާ ގޮތެއްގައި ފިޔަވަޅު ނާޅާކަމުގެ ޝަކުވާއަކީ ޝިދާތާ ދައުރުގެ ނިމުމަކަށް އައުމުގެ ފެށުންކަމަށް ބެލެވިދާނެއެވެ. ރާއްޖޭގައި އެންމެ ގިނަ ބައެއްގެ ނުރުހުން ލިބޭ އެއްބަޔަކީ، ކުޑަކުދިންނާމެދު އަނިޔާވެރިވާ މީހުންކަމީ ދޮގަކަށް ނުވާނެއެވެ. އެފަދަ ފަރާތްތައް މުޖުތަމަޢުގެ ތެރޭގައި އާންމުންނާ އެއް ސަފެއްގައި ތިބެވިދާނެކަމަށް ގަބޫލުކުރާނެ އެއްވެސް މީހެއް ނޫޅޭނެއެވެ. ނަމަވެސް، ކުޑަކުދިންނަށް ކުރެވޭ އަނިޔާތައް ހުއްޓުވުމަށް ނުވަތަ އެފަދަ އަނިޔާވެރިންނަށް ހައްގު އަދަބު ދިނުމަށް ކުރެވުނީ ކޮންކަމެއްތޯ މިއަދުވެސް ސުވާލު އުފެދެއެވެ.

އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތަކުން މާބޮޑު ޕްރެޝަރެއް ނެތްނަމަވެސް، ދެން ޕްރެޝަރ ދޭންފެށީ ކުޑަކުދިންގެ ހައްގުއި ވަކާލާތުކުރަމުންދާ މަދަނީ ޖަމިއްޔާ ތަކާއި، ކުޑަކުދިންނަށް ލިބޭ އަނިޔާތަކާ ދެކޮޅަށް އަޑުއުފަލަމުންދާ އެކްޓިވިސްޓުންގެ ފަރާތުންނެވެ. ސުލްހަވެރި މުޒަހަރާތައްވެސް ބާއްވަމުން ދިޔައީއެވެ. އެ މުޒާހަރާތަކަކީ، ކުޑަކުދިންނަށް ކުރެވޭ އަނިޔާތަކާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ކުރިއަށްގެންދިޔަ ޙަރަކާތްތަކެކެވެ. އެގޮތުން ބޭއްވި ބައެއް ހިނގާލުންތަކުގައި މިނިސްޓަރ ޝިދާތާވެސް ބައިވެރިވެފައިވެއެވެ. ނަމަވެސް، އެފަދަ ހިނގާލުމެއްގެ ތެރެއިން މިނިސްޓަރ ޝިދާތާގެ އިސްތިއުފާއަށް ގޮވާލުން ވެގެންދިޔައީ އިތުރު ޕްރެޝަރަކަށެވެ. އެފަރާތްތަކުގެވެސް ތުހުމަތުތަކެއް ހުއްޓެވެ. ކުޑަކުދިންގެ ރައްކާތެރިކަމަށް އަޅަންޖެހޭ އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިނުވާކަމާއި، މަސްއޫލިއްޔަތު އަދާކުރުމަށް ފަސްޖެހޭކަމުގެ ޝަކުވާތަކެވެ.

ވެރިކަންކުރާ އެމް.ޑީ.ޕީގެ ތެރެއިންވެސް ޒިންމާ އަދާނުކުރާކަމާއި އިހުމާލުވުމުގެ ޝަކުވާތަކެއް ފެންމަތިކުރުވުމަކީ، ޝިދާތާއަށް ދެވަނަ ވިސްނުމަކަށް ދާންޖެހުނު އެންމެ ބޮޑު އެއް ސަބަބަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ޖިންސީ ގޯނާގެ މައްސަލަތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ބަލަހައްޓަމުންދާ ގޮތާގުޅޭ ގިނަ ތުހުމަތުތަކެއް އެމް.ޑީ.ޕީގެ ފަރާތުން ފެންމަތިކުރުވައި، ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކުޑަކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނުގެނައި މައްސަލަ އާންމުންގެ ސަމާލުކަމަށް އައުމާއެކު ޝިދާތާގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވާހަކައިގެ އަޑު ގަދަވާން ފެށިއެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޝިދާތާގެ އިތުބާރު ނެތްކަމަށް މެމްބަރުން ވާހަކަދައްކައި، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގެ އިއްތިފާގުން ޝިދާތާގެ އިތުބާރު ނެތްކަމަށް ފާސްކުރުމާއެކު، ޝިދާތާ އަމިއްލައަށް އިސްތިއުފާ ދެއްވިއެވެ.

ޝިދާތާގެ ޗެޕްޓަރ އެހިސާބުން ނިމުނީއެވެ. އަމިއްލައަށް އިސްތިއުފާ ދިނުމާއެކު ކުރެވުނު ތުހުމަތުތަކުން ބަރީއަވީއެވެ. އިސްތިއުފާ ދިނުމާ ހަމައަށް ކަންބޮޑުވާންޖެހޭ ވަރުގެ ބޮޑެތި ތުހުމަތުތަކެއް އެކި ފަރާތްތަކުން ކުރިއެވެ. ބޮޑެތި އިހުމާލުތަކުގެ ވާހަކައަކީ، މިހާ ފަސޭހައިން ދޫކޮށްލަން ހެޔޮވާވަރުގެ ކަންކަމެއް ނޫނެވެ.

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު – ޖިންސީ ގޯނާގެ ތުހުމަތު

Articl Inline Image

ޓޫރިޒަމް މިނިސްޓަރު ކަމުގައި ކުރިން ހުންނެވި ޢަލީ ވަޙީދުއަކީ، ސަރުކާރު ފެށިގެން އައިއިރު އެންމެ ހިންގުންތެރި އެއް ވަޒީރުކަމުގައިވެސް މީހުން ބުނެއުޅެއެވެ. ސަބަބުތަކެއް ހުރެގެންނެވެ. ޓޫރިޒަމް މިނިސްޓްރީން ކުރިއަށްގެންދާ ހުރިހާ އިވެންޓްތަކުގައިވެސް އަމަލީގޮތުން ބައިވެރިވާތީއެވެ. ރަސްމީ މަސައްކަތުގައި ނުރަސްމީ ހެދުންކޮޅުގައިވެސް މަސައްކަތް ކުރައްވާތީއެވެ.

އަލީ ވަހީދުގެ ހިންގުންތެރިކަން އެންމެ ބޮޑަށް ފެނިގެން ދިޔައީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ ފަރާތުން އެކުލަވާލި ހައި ލެވެލްގެ ޓާސްކް ފޯސްގެ ތެރެއިންނެވެ. ވަރަށް ބުރަކޮށް އުޅުއްވައި އާންމުންގެ މެދުގައި މަގުބޫލުކަން ހޯދިއެވެ. މަޝްހޫރުކަން ހޯދިއެވެ. ނަމަވެސް، ބިތުފަންގި ނެގުމާއެކު އާންމުންނަށް ފެންމަތިވި ކަންކަމަކީ ޢަލީ ވަޙީދުއަށް ކުރިއަށް ފިޔަވަޅެއް އެޅުމަށް ހުރަހަކަށްވި ޙަމަލާތަކެކެވެ. އެގޮތުން ފުރަތަމަ ހަމަލާއަކީ، އެންމެ ކައިރީގައި ތިބި އެކުވެރިންގެ ފަރާތުން އައި ހަމަލާއެއްކަމަށް ބެލެވެއެވެ. ފޯން ކޯލްއެއްގެ ރެކޯޑިން ލީކްވެގެން ދިއުމެވެ. ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާއަށް ފުރައްސާރަކުރުމާއި، އެހެން މިނިސްޓަރުންނަށް އަދަބުކުޑަކޮށް ވާހަކަތަކެއް ދެއްކި އޯޑިއޯ ލީކްވެގެން ދިއުމަކީ އަލީ ވަހީދުއާމެދު ދެކޭގޮތް ބަދަލުވެގެންދިޔަ ފުރަތަމަ ހާދިޘާއެވެ. އެކަމުގައި ޢަލީ ވަޙީދުއަށް އެތެރެއިންނާއި ބޭރުން ބޮޑެތި ހުރަސްތަކެއް ކުރިމަތިވިއެވެ. ނަމަވެސް، އަލީ ވަހީދުގެ ދިފާއީ އުކުޅުތައް އެ ހުރަސްތަކުގެ މައްޗަށް ކުރި ހޯދައި ހަމަޖެހިލިއެވެ.

އަލީ ވަހީދުއަށްވެސް ހިފަހައްޓާލަން އުނދަގޫ ޙާލަތަކަށް ކުރިމަތިލާން މާގިނަ ދުވަސްތަކެއް ނުވިއެވެ. ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު އާންމުންނާ ހަމައަށް ތިލަވެގެން ދިޔައީ އާދައިގެ ގޮތަކަށް ނޫނެވެ. ސީދާ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށް ޖިންސީ ގޯނާގެ ޝިކާރައަކަށްވި މުވައްޒަފުންގެ ދުލުން އެވާހަކަތައް ކިޔާދިނީއެވެ.

ތުހުމަތުތަކަށް ސީދާ އަލީ ވަހީދު ރައްދުވެސް ދިނެވެ. އެއީ ދޮގު ތުހުމަތުތަކެއް ކަމަށް ފާޅުގައި ބުނަންވެސް ބުނީއެވެ. މި މައްސަލަތައް ފެންމަތިވުމުން އަލީ ވަހީދުގެ ދިފާއީ އުކުޅުތަކަށް ހިފަހައްޓާ ނުލެވުނެވެ. އިސްތިއުފާ ދިނުމަށް ރައީސް އެންގުމުން އިސްތިއުފާ ނުދެއްވާ ބަހަނާ ދައްކަން ފެށިނަމަވެސް، ރައީސްއަށްވެސް އިތުރަށް ބަލައިގަނެވޭނެ ކަމަކަށްނުވެމެ، ޢަލީ ވަޙީދު މަގާމުން ވަކިކުރިއެވެ. ފުލުހުންގެ ފަރާތުން މައްސަލަ ތަހުގީގު ވެސް ފަށައި، މައްސަލާގައި ދައުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވާފައިވެއެވެ. މިވީހާތަނަށް އަލީ ވަހީދާމެދު ކޯޓުގައި ދައުވާ އުފުލާފައިނުވެއެވެ.

އަލީ ވަހީދުއަކީވެސް، ސިޔާސީގޮތުން ބާރުހުރި ފަހަތުގައި އެތައް ބާރުވެރިންނެއް ތިބިކަމަށް ގަބޫލުކުރާ ގިނަ ބަޔަކު ތިބޭނެއެވެ. އެކަން ގަބޫލުކުރެވޭ އެއް ސަބަބަކީ، މިނިސްޓަރ ނަހުލާއަށް ފުރައްސާރަކޮށް އަދަބުކުޑަ ގޮތަކަށް އެހެން މިނިސްޓަރުންނާ ދިމާލަށް ފާޅުގައި ފާޑުކިޔައި ހެދި އިރު ވީ އެއްވެސް ކަމެއް ނެތެވެ. މިފަދަ ސީރިއަސް މައްސަލަތަކުގައި ފިޔަވަޅު އެޅުމުގައި ސީރިއަސްކަމެއް ނެތުމަކީ ރައްޔިތުން އިންތިހާއަށް ސީރިއަސް ވާންޖެހޭ ކަމެކެވެ. އިންސާފު ލިބުން ލަސްވުމަކީވެސް އިންސާފު ނުލިބުންކަމަށް ގަބޫލުކުރަންޖެހެއެވެ. މިފަހަރު އިސްތިއުފާ ނުދިންނަމަވެސް މަގާމުން ދުރުކުރީއެވެ. ހަމަ ތުހުމަތުތަކުން ބަރީއަވީކަމަށް ބަލައިގެން ތިބެންވީ ހެއްޔެވެ ؟

ހެލްތު މިނިސްޓަރ އަބްދުﷲ އަމީން - ކޮރަޕްޝަނުގެ ތުހުމަތު

Articl Inline Image

ހެލްތު މިނިސްޓަރ އަބްދުﷲ އަމީންއަކީ، މި ވެރިކަމުގައި އެންމެ ބުރަކޮށް މަސައްކަތް ކުރި، އަދި އާންމުންނަށް އެންމެ އާންމު އެއް މޫނަކަށް ވާނެއެވެ. މުޅި ދުނިޔެއަށް ކުރިމަތިވެގެން މިދާ ނުރައްކާތެރި ކޮރޯނާ ވައިރަސްގެ ބަލިމަޑުކަމާ ކުރިމަތިލާންޖެހުމަކީ މިނިސްޓަރ އަމީންގެ ހަޔާތުގައި ކުރިމަތިވާނެ އެންމެ އުނދަގޫ ޙާލަތަކަށް ވެގެންދާނެއެވެ. ޒިންމާ އަދާކުރެއްވުމުގައި ގިނަ ވަގުތުތަކެއް ހޭދަކޮށް، މީޑިއާއަށްވެސް މަޢުލޫމާތު ދިނުމުގައި ޢަމަލީގޮތުން ޙަރަކާތްތައް ފެނިގެންދިޔައެވެ. ރައްޔިތުން ބަލައިގަންނަ ފަދަ ވަޒީރަކަށް ވިއެވެ. ނަމަވެސް، އޭރުގައިވެސް ސަރުކާރުގެ ފަރާތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ނެގުމުގައި ލަސްތަކެއް އުޅޭކަމުގެ ޝަކުވާތައް އާންމުވެގެން ދިޔައެވެ. ޕްރެޝަރ ބޮޑުނަމަވެސް، ހިފަހައްޓާލަން ފުރުސަތު ލިބިގެންދިޔައެވެ.

މި ޙާލަތުގެ ތެރެއިން އާންމުންގެ އެންމެ ބޮޑު ފާޑިޔުމަކަށް ވެގެންދިޔައީ ވެންޓިލޭޓަރުތައް ހޯދުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަމާއި، އެކަމުގައި ފޮރުވިފައިވާ ކަންތައްގަނޑެއް އުޅޭ ކަމުގެ ތުހުމަތުތަކެކެވެ. ވެންޓިލޭޓަރުތައް ހޯދުމުގައި ގޯސްތަކެއް ހަދާފައިވާކަމަށް މީޑިއާތަކުގައި ފުރަތަމަ ވާހަކަ ދެކެވިގެން ދިޔަނަމަވެސް އެކަމަށް ރައްދު ދިނީ WHO އާވެސް ޙަވާލާދެމުންނެވެ. WHO ގެ ރިކަމަންޑޭޝަނަކަށް ނުވަތަ ލަފައާއެކު ވެންޓިލޭޓަރުތައް ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް ބުނެ ކަންކަން ފޮރުވާލިއެވެ.

ވެންޓިލޭޓަރުގެ މައްސަލާގައި އޭސީސީން ރިޕޯޓެއް ނެރުމުން ވެސް މިނިސްޓަރ އަމީންއަކަށް މާބޮޑު ޕްރެޝަރެއް ނެތެވެ. ކަން ދިމާކުރި ގޮތުން އޭސީސީން ފުރަތަމަ ނެރުނު ރިޕޯޓަކީ، އެހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލައި އާންމުކުރި ފާހަގަކުރެވުނު ރިޕޯޓަކަށް ވުމެވެ. އޭގައި މާބޮޑު ކަމެއް ފެންނަން ނެތުމުންނެވެ. ނަމަވެސް، މާގިނަ ދުވަހަކު އަމީންއަކަށްވެސް ހަމަނޭވާގައި ނުހުރެވުނެވެ. އޮޑިޓަރ ޖެނެރަލް އާންމުކުރި ރިޕޯޓާއެކު މުޅި ޤައުމު ސިއްސުވާލިއެވެ. ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކުރުވައި މުޅި ސަރުކާރުވެސް ލަދުގަންނަވާލިއެވެ.

އިސްތިއުފާ ދިނުމުގެ ބަދަލުގައި ފުރަތަމަ އިޙްތިޔާރުކުރީ މަސްއޫލިއްޔަތުން ދުރުވެގެން ހުރުމެވެ. މިނިސްޓަރ އަމީންގެ ދިފާއުގައިވެސް ބޮޑު ޓީމެއް އޮތްކަން އެނގެއެވެ. ޚާއްސަކޮށް ސަރުކާރުގެ ތެރެއިންނާއި، ސަރުކާރަށް ތާއިދުކުރާ މަޖިލިސް މެމްބަރުންގެ ފަރާތުން މިނިސްޓަރ އަމީންގެ ދިފާއުގައި ވަކާލާތު ކުރާނެކަން އަމީންއަށް އޮތީ އެނގިފައެވެ.

މިއީ، އާދައިގެ ކުދިކުދި ތުހުމަތުތަކެއް ނޫނެވެ. ދައުލަތަށް ގެއްލުންވާގޮތަށް އެތައްކަމެއް ކޮށް، ދައުލަތުގެ ފައިސާ މިލިއަނުން މިލިއަނުން ތަނެއްދޮރެއް ބަލާނުލާ ޚަރަދުކޮށްލީއެވެ. މި މައްސަލާގައި، ކޮރަޕްޝަނުގެ ތުހުމަތު އިންތިހާއަށް ކުރެވިފައިވަނިކޮށް ވެންޓިލޭޓަރުގެ މައްސަލާގައި މިނިސްޓަރ އަމީންގެ މައްޗަށްވެސް ދަޢުވާކުރުމަށް އޭސީސީން ނިންމައި ދައުވާކޮށްދިނުމަށް ޕީޖީއަށް ފޮނުވިއެވެ. ކޮރަޕްޝަނުގެ ޢަމަލުތައް ހިންގާ ފަރާތްތަކަށްވެސް އިންސާފުގެ ދިގު އަތް އަރާ ހަމަކުރާނެކަމުގެ ފެހި ސިގްނަލް ލިބިގެންދިޔައެވެ.

މިފަހަރުވެސް ސަރުކާރަށް ތާއީދުކުރާ މަޖިލިސް މެމްބަރުންގެ ޕްރެޝަރ މިނިސްޓަރ އަމީންއަށްވެސް ކުރިމަތިވާން ފެށިއެވެ. މިނިސްޓަރ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަތަ މަޖިލީހަށް ހުށަހަޅާނެކަން ފާޅުގައި ބުނަން ފެށިއެވެ. މާގިނަ ވާހަކަތަކެއް ނުދައްކާ މިނިސްޓަރ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ ކުރިން އެމް.ޑީ.ޕީގެ ޕާލިމަންޓަރީ ގްރޫޕުގެ ބައްދަލުވުމަކަށް އެޖެންޑާކުރިއެވެ. ގިނަ ރައްޔިތުން ޤަބޫލުކޮށްގެން ތިބީ އަމީންގެ އިތުބާރު ނެތްކަމަށް ހުށަހަޅަން ޕީޖީ ގްރޫޕުން ނިންމާނެކަމަށެވެ.

ކަންދިމާކުރި ގޮތުން، ޕީޖީ ގްރޫޕުގެ ބައްދަލުވުމަށް ކުޑަވަގުތުކޮޅަކަށް ވެފައިވަނިކޮށް ވެންޓިލޭޓަރުގެ މައްސަލާގައި މިނިސްޓަރ އަމީންގެ މައްޗަށް ދަޢުވާ ނުކުރުމަށް ނިންމައި، ވެންޓިލޭޓަރުގެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަނބުރާ ފޮނުވާލިއެވެ. ކޮރަޕްޝަނުގެ ޢަމަލުތައް ހިންގާ ފަރާތްތަކަށް އިތުރު ހިތްވަރެއް ލިބިގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން، އެމް.ޑީ.ޕީ ޕީޖީ ގްރޫޕުގެ ބައްދަލުވުމުން އަމީންގެ އިތުބާރު އޮތްކަމަށް ފާސްވެގެން ދިޔައީއެވެ.

އެހިސާބުންވެސް އަމީންގެ އިތުބާރު ނެތްކަމަށް މަޖިލީހަސް ވައްދާނެކަމަށް އެމްޑީޕީ މެމްބަރުން ދިޔައީ ފާޅުގައި ބުނަމުންނެވެ. މަޖިލިސް މެމްބަރުންތަކެއް ސޮއިކޮށް މަޖިލީހަށް މައްސަލަ ވެއްދުމާއެކު، މިނިސްޓަރ އަމީން އަމިއްލައަށް އިސްތިއުފާ ދިނެވެ. ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ފެންމަތިވެ ފާޅުގައި ހިނގާދިޔަ ކަންތައްތަކެއްގެ އިންސާފަކަށް ވެގެންދިޔައީ އަމިއްލަ ފުޅަށް އިސްތިއުފާ ދީ ޝަރަފްވެރި ކަމާއެކު ގެއަށް ވަނުމެވެ. މިފަހަރުވެސް ކުށުން ބަރީޢަވީ ހެއްޔެވެ ؟

ރަސްމީ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާ އަދާކުރުމުގައި އިހުމާލުވުން ނުވަތަ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމެއް ނުކޮށް ދޫކޮށްލުމާއި، ކޮރަޕްޝަނުގެ ޢަމަލުތައް ހިންގުމާއި، ޖިންސީ ގޯނާކުރުން ފަދަ ކަންކަމަކީ، ޖިނާއީ އަދުުލުގެ ނިޒާމުގެ ތެރެއިން ކުށްކަމުގައި ކަނޑައަޅާފައި ކަންކަމެވެ. އެފަދަ ތުހުމަތުތައް ކުރެވޭ ފަރާތްތަކާމެދު އިންސާފުވެރި އަވަސް ޝަރީޢަތްތަކެއް ހިންގައި އަދަބު ނުދެވޭނަމަ، ރާއްޖޭގެ ޖަލުތަކުގައި ވާނުވާ ނޭނގި މީހުން ބޭތިއްބުމުގެ ބޭނުމެއް އެބަ އޮތް ހެއްޔެވެ؟ ބޮޑެތި ތުހުމަތު ކުރެވޭ ފަރާތްތަކުން އިސްތިއުފާ ދިނުމަކީ އަދަބުން ބަރީޢަވާނޭ ހުއްޖަތަކަށްވާނަމަ، އެފަދަ ފަރާތްތަކަށް އަދަބު ދޭންތިބި މީހުންވެސް އިސްތިއުފާ ދިނުމަކީ ކުރެވިދާނެ ކަމެއްކަމަށް ގަބޫލުކުރާ ރައްޔިތުން މަދެއް ނުވާނެއެވެ.