ދެކޮޅު ނުޖެހޭ ދިރިއުޅުން: މާލޭގައި ދިރިއުޅޭ މީހުންގެ އާންމު ޝަކުވާ!

ރާއްޖޭގެ އެންމެ ގިނަ މީހުން ދިރިއުޅެނީ ވެރިރަށް މާލެ ސިޓީގައި
ރާއްޖޭގެ އެންމެ ގިނަ މީހުން ދިރިއުޅެނީ ވެރިރަށް މާލެ ސިޓީގައި
ހުކުރު , 13 ނޮވެމްބަރ 2020 | 04:34

ތޮއްޖެހިފައިވާ މާލެއަށް އެކި ބޭނުންތަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ ގިނަ މީހުންނަކީ، އެނޫންގޮތެއް ނެތިގެން މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާ މީހުންނެވެ. ވަޒީފާ އަދާކުރުމާއި، ދަރިންނަށް ތައުލީމު އުނގަންނައި ދިނުން ފަދަ އަސާސީ މުހިންމު ބޭނުންތަކަށެވެ. ސިއްހީ ހިދުމަތްތައް އެކަށީގެންވާ މިންވަަރަށް އަތޮޅު ތެރޭގައި ތަރައްގީވެފައި ނެތުމަކީވެސް މައްސަލައެކެވެ. މިފަދަ މުހިންމު ބޭނުންތަކަށް މާލެ އިހްތިޔާރު ކުރަންޖެހުނު ނަމަވެސް، މިއަދުގެ ޙާލަތަކީ އަދި މާބޮޑު މައްސަލައެކެވެ. މާލޭގައި ދިރިއުޅުމުގެ ކަންކަން ދެކޮޅު ނުޖެހުމެވެ. މިކަމުގެ ސަބަބުން އިޖުތިމާއީ އެތައް މައްސަލަތަކެއް ދަނީ ފެންމަތިވަމުންނެވެ.

ލިބޭ މުސާރައަށްވުރެ ކުލި ބޮޑު

ރާއްޖޭގެ އެންމެ ފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި މާލޭގެ 60 އިންސައްތަ ގޭބިސީއަކީ ކުއްޔަށް ދިރިއުޅޭ ގޭބިސީތަކެވެ. މާލޭގައި ކުލި ދީގެން ދިރިއުޅެން ޖެހުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކީ ލިބޭ އާމްދަނީއަށް އެކަށީގެންނުވާ ބޮޑު ކުލި ދައްކަން ޖެހުމެވެ. ގައުމެއް ތަރައްގީވަމުންދާ މިންވަރު ވަޒަންކުރުމުގައި، ރައްޔިތު މީހާގެ ޖީބަށް އިތުރުވާ ނުވަތަ ރައްޔިތު މީހާގެ ޖީބުގައި ރައްކާކުރެވޭ ފައިސާއަކީ ވަރަށް މުހިންމު އެއްޗެކެވެ. އަތްމަތި ހުސްވެ ދަރަނިވެރިވެގެން އަސާސީ ބޭނުންތައް ފުއްދަންޖެހުމަކީ، އިންތިހާއަށް ކަންބޮޑުވާންޖެހޭ އިޖުތިމާއީ ބޮޑުމައްސަލައެކެވެ. މާލޭގައި ދިރިއުޅޭ ގިނަ ރައްޔިތުންނަކީ، ކުލި ދައްކައިގެން ދިރިއުޅުމުގެ ކަންކަން ހަމަޖައްސާ ބަޔަކަށްވާއިރު، އެމީހުންނަށް ލިބޭ އާމްދަނީން ކުލި ދެއްކުމަށްފަހު ދިރިއުޅުމުގެ އެހެން ކަންކަން ކުރުމަށް އެކަށީގެންވާ މިންވަރަށް ފައިސާ އަތުގައި ނެތްނަމަ ދިރިއުޅުމުގެ ބޭނުމެއް އެބަ އޮތް ހެއްޔެވެ.

ކުރިއަރަމުން އަންނަ ގައުމުތަކުގައި، އެކި ސަރަހައްދުތަކުގައި ދިރިއުޅުމުގެ ހާލަތު އޮތް މިންވަރަށް ބަލައި މުސާރައަށް ބަދަލު ގެނެއެވެ. މާނައަކީ، ރާއްޖޭގައި ނަމަ، މާލޭގައި ދިރިއުޅޭ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ލިބޭނެ މުސާރަ އަތޮޅު ތެރޭގައި ތިބި ސިވިލް ސަރވިސް މުވައްޒަފުންނަށް ވުރެ ބޮޑުވާނެއެވެ. މި މިންގަނޑުން މި ގައުމުގައި މަސައްކަތްތެރީންގެ މުސާރައަށް ބަދަލު ނުގެނައި ނަމަވެސް، ދައުލަތުގެ މުވައްޒަފުންގެ މުސާރައަށް ދޭތެރެ ދޭތެރެއިން ބަދަލުތަކެއް ގެނެއެވެ. ނަމަވެސް، ދައުލަތުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރާއިރަށް އިއްތިފާގެއްކަމަށް ހަދައި ތަކެތީގެ އަގުތައް ބޮޑުކުރެއެވެ. ތަކެތީގެ އަގުތައް ބޮޑުވާއިރަށް ކުލި ބޮޑުކުރެއެވެ. އާހިރު ނަތީޖާއަކީ، ބޮޑުވި މުސާރައިގެ ފައިދާ ލިބެމުންދަނީ ވިޔަފާރި ވެރިންނަށާއި މާލޭގައި ކުލީގެ މަންފާ ލިބޭ ގެދޮރުވެރިންނަށެވެ. މިހާތަނަށް ކަން ހިނގަމުންއައީ މި އުސޫލުންނެވެ. ލިބޭ މުސާރައިން ދެކޮޅު ނުޖެހެއެވެ.

އާއިލީ މައްސަލަތައް ގިނަ

އާއިލާތަކުގެ ތެރޭގައި ޖެހޭ މައްސަލަތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ނިސްބަތުން މާލޭގައި އާއިލީ މައްސަލަތައް ގިނައެވެ. މައްސަލަ އެނގެއެވެ. ހައްލުވެސް އެނގެއެވެ. އެކަމަކު ހައްލެއް ނުލިބެއެވެ. މާލޭގައި ދިރިއުޅުުގެ ޚަރަދުތަކާއި ކަންކަން ހުންނަގޮތުން އުޅެން މިޖެހެނީ ގިނަ ބަޔަކު އެއްތަނެއްގައި ދިރިއުޅެންޖެހޭ ގޮތަކަށެވެ. ބައެއް ފަހަރު، އެއް ޢާއިލީގެ މީހުން ނަމަވެސް ކުދި ޢާއިލީތަކެެއް އެއް ތަނެއްގައެވެ. ބައެއް ފަހަރު ކުޑަ ޢާއިލާއެއްގެ މީހުންނާއެކު ނުދަންނަ އެހެން ބައަކާ އެކުގައެވެ.

މާލޭގައި ދެކޮޅު ނުޖެހޭ ދިިރިއުޅުމުގެ ކަންކަން ހުންނަގޮތުން އާމްދަނީ ހޯދުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަންޖެހެއެވެ. ވަޒީފާއަށް ދަމުން އަމިއްލަ އެހެން މަސައްކަތެއް ކުރަންޖެހެއެވެ. އަމިއްލައަށް މަސައްކަތެއް ކުރާއިރުވެސް އިތުރު މަސައްކަތްތަކެއް ކޮށްގެން ނޫނީ ދެކޮޅު ނުޖެހެއެވެ. ނަތީޖާއަކީ، ދެމަފިރިން އެކަކު އަނެކަކަށް ދޭންޖެހޭ އެކަށީގެންވާ ވަގުތު ނުދެވުމެވެ. މައިންބަފައިންގެ ފަރާތުން ދަރިންނަށް ލިބެންޖެހޭ އެކަށީގެންވާ ވަގުތު ނުލިބުމެވެ. ޤަބޫލުކުރަން ބޭނުންނުވިނަމަވެސް، ޢާއިލާއަށް އެކަށީގެންވާ ވަގުތު ނުދެވެއެވެ. ނުވިތާކަށް މަސައްކަތުގައި ހޭދަކުރާ ވަގުތުތަކަށް އެކަށީގެންވާ މުސާރައެއް ވެސް ނުލިބެއެވެ. ޢާއިލާގެ ތެރޭގައި މައްސަަތަކެއް ހުރިނަމަވެސް މައްސަލަތައް ހައްލުކުރާނެ އިތުރު ގޮތްތަކެއް ނެތެވެ. ހަމަ އެއް ސަބަބެވެ. ދެކޮޅު ނުޖެހޭ ދިރިއުޅުމެކެވެ.

ތަރުބިއްޔަތަށް އޮތް ހުރަހެއް

ދަރިން ތަރުބިއްޔަތު ކުރުމަކީ މައިންބަފައިނަށް މަތިވެފައިވާ ބޮޑު ޒިންމާއެއްކަމަށް ވީނަމަވެސް، އެ ޒިންމާ އަދާކުރުމަށް ހުރަސްއެޅިފައިވާ ދިގުދެމިގެންދާ ޙާލަތެއް އޮތްކަމާމެދު ޝައްކެއް ނެތެވެ. ކޮންމެ ހިސާބެއްގައިވެސް މައްސަލަތައް ހުންނާނެއެވެ. ނަމަވެސް މާލޭގައި މި މައްސަަލަތައް ބޮޑެވެ. ހައްލެއް ނުލިބެއެވެ. މާލޭގައި ދިރިއުޅުމުގެ ދެކޮޅު ނުޖެހޭ ކަންކަމުގެ ތެރެއިން ވިސްނާލަންޖެހޭ އެންމެ ބޮޑު އެއް މައްސަލައަކީ މިއީއެވެ. ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ނުކުރެވުމުގެ ސަބަބުން އިޖުތިމާއީ ބޮޑެތި މައްސަލަތަކެއް އުފެދި، މާލޭގެ ވެށި މިވަނީ ނުރައްކާތެރި ތަނަކަށް ވެފައެވެ.

މާލޭގައި ދިރިއުޅެން މިޖެހެނީ ކުދިކުދި ތަންތަނުގައެވެ. ނަމަވެސް، ގިނަ ބަޔަކު އެއްތަނެއްގައި ތިބެންޖެހޭގޮތަކަށެވެ. ދަރިން ލިބުނުނަމަވެސް ހަމަ އެއް ކޮޓަރީގައެެވެ. މައިންބަފައިންނަށް ނުވަތަ ދަރިންނަކަށް ޕްރައިވަސީއެއް ނެތެވެ. ޚަރަދުތައް ހަމަނުުޖެއްސިގެން މައިންބަފައިންގެ މެދުގައި ޚިޔާލުތަފާތުވެ ނުވަތަ ދެބަސްވެ މައްސަލަތައް ބޮޑުވަނީއެވެ. ދަރިން ތިބެން މިޖެހެނީ އެމަންޒަރު ފެންނަ ނުވަތަ އަޑުއިވޭ ހިސާބުގައެވެ. ޙާލަތު ބަދަލެއް ނުވެއެވެ. ރަށުގައި ހުރި ޢާއިލީ މީހާވެސް ޑޮކްޓަރަށް ދެއްކުން ފަދަ މުހިިންމު ބޭނުމަކަށް މާލެއަށް އަންނަ ހަފްތާއެއް ނުވަތަ ދެ ހަފްތާއެއްގައި ހުންނަން މިޖެހެނީ ހަމަ އެއްތަނެއްގައެވެ. އިތުރު ތަނަކަށް ކުލި ދައްކައިގެން އާއިލާގެ މީހުން ބައިތިއްބާނެ ފައިސާއެއް ނެތެވެ. އެނޫންގޮތެއް ނެތިގެންނަމަވެސް، އެންމެން އެއްތަނެއްގައި ތިބެންޖެހުމަކީ ހަމަ ބޮޑު މައްސަލައެކެވެ.

ގިނަ ފަހަރަށް ދަރިން މަގުން ކައްސާލައިގެން ދިއުމަށް މެދުވެރިވާ އެއް ސަބަބަކަކީ، ދިރިއުޅޭ މާޙައުލުން ފެންމަތިވާ މައްސަލަތަކާ ހެދިއެވެ. ދިރިއުޅޭ މާހައުލުން އެކަށީގެންވާ ހިތްހަމަޖެހުމެއް ނުލިބޭނަމަ އެނޫންގޮތްތަކަކަށް ދަރިން ވިސްނަން ފަށައެވެ. ނުރަނގަޅު އާދަތަކަށް މަގުފަހިވެއެވެ. ރަނގަޅު އާދަތަކަށް ފޫހިވެއެވެ. ދަރިންގެ އެފަދަ ކަންކަން ބަލާ މޮނިޓަރކުރުމަށް މައިންބަފައިންނަށް އެކަށީގެންވާ ވަގުތެއް ނުދެވެއެވެ. މައްސަލަތައް ފެންމަތިވެގެން ހައްލުކުރުމަށް ބަލާއިރު ވަގުތު އޮންނަނީ ފާއިތުވެފައެވެ. ހައްލު ހޯދުމަށް ފަރުދީގޮތުން ކުރެވޭނެ މާބޮޑުކަމެއްވެސް ނެތީއެވެ. އޮތް ހައްލަކީ، ޖަލުގެ ތޭރިތަކުގެ ތެރެއަށް ދަރިފުޅު ދޫކޮށްލުމެވެ. މިއީ، ދިރިއުޅުމުގެ ކަންކަމުގެ ޙާލަތެވެ. ދެކޮޅު ނުޖެހޭ ކަންކަމެވެ.

ރައްޔިތުންގެ ޝަކުވާތައް އިންތިހާއަށް އެބަހުއްޓެވެ. މި ހާލުގައި އުޅޭ މީހުންނަށް މިނޫން ގޮތްތަކެއް ހޯދައި ދޭންޖެހެއެވެ. ދެކޮޅު ނުޖެހޭ ދިރިއުޅުމުން ސަލާމަތް ކޮށްދިނުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އާދޭހެކެވެ. ހާލަތު ބަދަލުކުރުމަށް ވަޢުދުތަކެއް ވެގެން ވެރިކަމަށް އައިސް ދައުރު ހަމަކޮށްގެން ގެއަށް ވަޑައިގެންނަވާ އިރ ުވެސް ރައްޔިތުން މިތިބީ ދެކޮޅު ނުޖެހޭ ހާލަތެއްގައެވެ.