މާލޭގެ ފުއްޓަރު ފަރާތަށް ބަހާރު މޫސުން

ލޮނުޒިޔާރާތް ޕާކު
ލޮނުޒިޔާރާތް ޕާކު
ހުކުރު , 13 ނޮވެމްބަރ 2020 | 13:44

މާލޭގެ ފުއްޓަރު ފަރާތުގައި، ސިނަމާލޭ ބްރިޖު ފެށޭ ހިސާބުގައި ތަރައްގީކުރި ހިތް ފަސޭހަ ޕާކު މި ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ހުޅުވާފަ އެވެ. "ލޮނުޒިޔާރާތް ޕާކު" ގެ ނަމުން ނަން ދީފައިވާ މި ޕާކަކީ ގަސްތައް ގިނަކަމުން ފެހިކަން ގަދަ ޕާކެކެވެ. އެކި ވައްތަރުގެ އެކި ކުލަ ކުލައިގެ މާ އަޅާ ގަސްތައް އެ ޕާކުގައި ވަނީ ހައްދައިފަ އެވެ. ކުޑަކުދިން ހެއްލާނެ އުނދޯލިތަކާއި އިށީންނާނެ ބެންޗުތައް އެކި ދިމަދިމާލުގައި ވަނީ ބަހައްޓައިފަ އެވެ. މަސް ފެންގަނޑެއްވެސް އެ ޕާކުގައި ވަނީ ހަދައިފަ އެވެ.

މާލޭ ސިޓީ ކައުންސިލުން މިދިޔަ އަހަރު މަސައްކަތް ފެށި މި ޕާކަކީ މިހާތަނަށް މާލޭގައި ތަރައްގީކުރި އެންމެ ހިތް ފަސޭހަ، އެންމެ ފުރިހަމަ ޕާކެވެ. މާލެ ފެހި ކުރުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން ތަރައްގީކުރި މި ޕާކު ބަލަހައްޓާނީ މާލެ ސިޓީ ކައުންސިލުންނެވެ.

ހަގީގަތުގައި މި މަސައްކަތް ހަވާލު ކުރެވުނީމަ މީގެން ސިޓީ ކައުންސިލަށް މި ލިބިގެންދިޔައީ ވަރަށް ބޮޑު ތަޖުރިބާއެއް. ހާއްސަ ގޮތެއްގައި ސިޓީ ކައުންސިލްގެ މަސައްކަތްތެރި ސްޓާފުންނަށް ކުރިއަށް އޮތް ތަނުގައި މުޅި މާލެ ފެހި ކުރުމަށްޓަކައި، ލިބިދޭންޖެހޭ ހުނަރުތަކާއި އެކަމުގެ ގާބިލުކަން އުފެއްދުމަށްޓަކައިވެސް ލިބިގެންދިޔަ ވަރަށް ބޮޑު ފުރުސަތެއް.

- މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު

ލޮނުޒިޔާރާތް ޕާކުގައި ތަރައްގީ ކުރި ޕާކުގައި ގަސް ހެއްދުމާއި ގަހަށް ފެން ދިނުމާއި އެގަސްތައް ހަލާކުވިޔަ ނުދީ ބެލެހެއްޓުމުގައި ސިޓީ ކައުންސިލްގެ ގިނަ ސްޓާފުންތަކެއް ވަަނީ ހަރަކާތްތެރިވެފަ އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންވެސް ހިމެނެ އެވެ.

Articl Inline Image

މި ހިތްފަސޭހަ ޕާކުގައި ހައްދާފައިވާ ބައެއް ގަސްތަކަކީ ރާއްޖޭގައި ނެތެމުންދާ ބާވަތްތަކުގެ ގަސްތަކެވެ. އެ ގަސްތައް ހޯދާފައިވަނީ އެކި ރަށްރަށުންނެވެ. ސިޓީ ކައުންސިލްގެ ސްޓާފުން މިފަދަ މަސައްކަތެއް ކުރި މިއީ ފުރަތަަމަ ފަހަރެވެ. އެހެންކަމުން އެފަދަ ގަސްތައް ބެލެހެއްޓުމުގައި ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކެއްވެސް އައެވެ.

ލޮނުޒިޔާރާތް ޕާކަށް ގަސް ހޯދުމުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ މިއީ މަޝްހޫރު ލޮނުޒިޔާރާތް ކޮޅޭ، މިތާ ކޮންމެ ކޮންމެ ގަހެއް ނުހެދޭނެއޭ. ދެން އެހެންނަމަވެސް އަޅުގަނޑުމެން ހަމަ ވަރަށް ގިނަ، ރާއްޖޭގެ އެކި ސަރަހައްދުތަކުން އެކި ރަށްރަށުގެ ވަރަށް ގިނަ ފަރާތްތަކާއި ވާހަކަ ދެއްކުމަށްފަހު ވަރަށް ގިނަ އަދަދެއްގެ ކުދި ގަސްތައް ގެނެވުނު ރާއްޖޭގަ ހެދޭ

- މާލެ ސީޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް

ލޮނުޒިޔާރާތް ކޮޅަކީ މާލެއަށް ކިރިޔާ ވައިކޮޅެއް ޖެހިލާ ދުވަސްވަރެއްގައިނަމަ އަބަދުވެސް ލޮނު ބުރުއްސާ ސަރަހައްދެކެވެ. އެހެންކަމުން ގަސްތައް ހެއްދުމުގައި މިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހޭނެ އެވެ. މި ޕާކުގައި ހޭޅިއެއް ހަދައި، ހޭޅީގައި ހައްދާފައިވަނީ ރާއްޖޭގެ ފަޅުރަށްތަކުގައި އާންމުކޮށްވެސް ހޭޅީގައި ހެދޭ ގަސްތަކެވެ. ނުވަތަ ލޮނަށް ފައްކާ ގަސްތަކެވެ.

ލޮނުޒިޔާރާތް ބަގީޗާގެ އެހެން ބޭނުމެއްވެސް އެބަ އޮތެވެ. އެއީ ރާއްޖޭގައި މަދުން ނޫނީ ނުފެންނަ ބާވަތްތަކުގެ މާތަކާއި ގަސްތައް އެތަނުގައި ހެއްދުމެވެ. އޭގެ ސަބަބުން ސްކޫލުތަކުގަ އާއި ޔުނިވަސިޓީގައި ކިޔަވާ ދަރިވަރުންގެ ސައިންޓިފިކް ރިސާޗްތަކަށް އެތަން ބޭނުން ކުރެވޭނެތީ އެވެ.

މި ފެހި ބަގީޗާގައި ކުޑަކުދިންނަށް ހިތްހަމަޖެހުން ލިބުމުގެ އިތުރުން ބޮޑެތި މީހުންނަށްވެސް މިތަނުގެ ބޭނުން ހިފޭނެ އެވެ. އެތަނުގައި ހުސްކޮށް އޮތް ވިނަ ބިމުގައި ކަސްރަތު ކޮށްލެވޭނެ އެވެ. އަދި އެތަނުގައި ދުވުމަށް ޓްރެކު މަގެއްވެސް ވަނީ އަޅައިފަ އެވެ.

16.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީ ކުރި މި ޕާކު ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަކީ ދެން އޮތް އެންމެ ބޮޑު ގޮންޖެހުމެވެ. އަދި އެތަނަކީ ހިތް ފަސޭހަކަން އެންމެ ފުރިހަމައަށް ލިބިދޭނެ ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަކީވެސް އޮތް ގޮންޖެހުމެކެވެ. އެހެންނަމަވެސް މިކަންކަމަށް ސިޓީ ކައުސިލުން ހާއްސަ ސަމާލުކަމެއް ބަހައްޓާނެކަމަށް އެ ކައުންސިލުން ވަނީ ބުނެފަ އެވެ. އެގޮތުން އެތަނަށް ހާއްސަ ގަވާއިދުތަކެއް މިހާރުވެސް ވަނީ އާންމު ކޮށްފަ އެވެ.

ކައުންސިލުން ހަމަޖައްސާފައިވާ ގޮތުން، ޕާކު ހުޅުވާފައި ހުންނަނީ ކޮންމެ ދުވަހެއްގެ ވެސް ފަތިހު 4 އިން ހެނދުނު 9:30 އަށް ހަވީރު 4 އިން ރޭގަނޑު 9:30 އަށެވެ. ޕާކަށް ދާ މީހުން އަމަލު ކުރާ އުސޫލުގައިވާ ގޮތުން، އެތަނުގެ ތެރެއަށް ކާބޯތަކެތި ވައްދައިގެން ކެއުމާއި އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކާއި އެއްވެސް ކަހަލަ ތޫނު އެއްޗެއް ވެއްދުން މަނަލެވެ.

Articl Inline Image

ޕާކުތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުމާއި އެ ތަނުގައި ހުންނަ ގަސްތަކަށާއި އިމާރާތްތަކަށް އެއްވެސް ކަހަލަ ގެއްލުމެއް ދީގެން ވެސް ނުވާނެ އެވެ. އެފަދަ ގެއްލުމެއް ދީފި ނަމަ އެކަމަކަށް ފިޔަވަޅު އަޅާނެ ކަމަށް އުސޫލުގައި ވެ އެވެ. ސިޓީ ކައުންސިލުން ވަނީ ހުސްފުޅި އަމިއްލަ އަށް ގެންގޮސްގެން، ޕާކު ތެރެއިން ފެން އަޅައިގެން ފެން ބޮވޭނެ އިންތިޒާމު ހަމަޖައްސައިފަ އެވެ. އަދި ކުނި ވެސް އަޅަން ވާނީ އެ ކަމަކަށް ހާއްސަކޮށްފައިވާ ވަކި ޑަސްބިނަކަށް ކަމަށް ބުންޏެވެ.

ލޮނުޒިޔާރާތްކޮޅު ޕާކުގައި އުޅޭ އިރު އާންމު އަހުލާގީ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތިން އެކަކު އަނެކަކަށް އިހްތިރާމުކޮށް، އެއްވެސް މީހެއްގެ ނުރުހުމުގައި މީހެއްގެ ގައިގަ އަތްލުން، ފޮށުން އަދި ބުލީކުރުން ފަދަ ކަންކަން ވެސް މަނާކޮށްފައި ވެ އެވެ.

ސިޓީ ކައުންސިލުން ބުނި ގޮތުގައި ލޮނުޒިޔާރާތް ޕާކު 24 ގަޑިއިރު މޮނީޓަ ކުރާނެ އެވެ. ސެކިއުރިޓީ ބެލެހެއްޓުމަށް ފުލުހުންގެ އިތުރުން ސިޓީ ކައުންސިލުން މިހާރު ތަމްރީނު ކުރަމުން އަންނަ ހާއްސަ ބަޔަކުވެސް ތިބޭނެ އެވެ. އަދި އުޞޫލުތަކާއި ހިލާފުވާނަމަ އެކަން ބަލައި އަވަސް ފިޔަވަޅުވެސް އަޅާނެ އެވެ.