ބަހުސް ފެނަށް، ބަޖެޓު ވީ ބޮޑު!

ރޭގެ ކޮމިޓީ ބައްދަލުވުމުގައި މިނިސްޓަރު އަމީރު
ރޭގެ ކޮމިޓީ ބައްދަލުވުމުގައި މިނިސްޓަރު އަމީރު
އަންގާރަ , 24 ނޮވެމްބަރ 2020 | 17:31

މިހާރު އެންމެ ބާރަށް ދެކެވެމުންދާ ވާހަކައަކީ އަންނަ 2021 ވަނަ އަހަރުގެ ބަޖެޓުގެ ވާހަކަ އެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހަށް އެ ބަޖެޓު ހުށަހެޅި ދުވަހުން ފެށިގެން މަޖިލީހުގައި ހުރިހާ މެމްބަރުންހެން ދައްކަމުން އައީ އެއް ވާހަކައެކެވެ. އެއީ ބަޖެޓު ބޮޑުކަމުގެ ވާހަކަ އެވެ. ސަރުކާރު ހިންގާ އެމްޑީޕީގެ މެމްބަރުންވެސް ހިމެނިވަޑައިގަންނަވާހެން ބަޖެޓާއިމެދު އެތައް ކަންބޮޑުވުމެއް ފާޅު ކުރައްވަމުން ގެންދިޔަ އެވެ.

ދައުލަތުން ލަފާކޮށް މަޖިލީހަށް ހުށަހެޅީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 17.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި އަދަދު ޖަހާފައި އޮތެވެ. އަދި ހަރަދު ވާނެ ކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާ އެވެ. މިއާއެކު ބަޖެޓުގެ ޑެސިފިޓް ހުރީ 15.5 ބިލިއަން ރުފިޔާގަ އެވެ. ރާއްޖޭގެ ދަރަނި އިންތިހާއަށް މައްޗަށް ގޮސްފައިވާ މި ދަނޑިވަޅުގައި ޑެފިސިޓް އެހާ ބޮޑު ބަޖެޓެއް ފާސްކުރުމަކީ އޭގެ ނޭދެވޭ އަސަރު އިގްތިޞާދަށް ކޮށްފާނެ ކަމެއްކަމަށް ތަޖުރިބާކާރުން އޭރުވެސް އަދި މިހާރުވެސް ގެނދަނީ ވިދާޅުވަމުންނެވެ.

ކޮންމެއަކަސް ބަޖެޓާއި ގުޅިގެން މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި މިދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ދައުލަތުގެ ކަމާއި ގުޅުންހުރި އެކި ފަރާތްތައް ގެނަސް ބަޖެޓާއިމެދު ހުރި ކަންބޮޑުވުންތައް ދަނީ އޮޅުން ފިލުވަމުންނެވެ. އެހެންނަމަވެސް ރޭ ބަޖެޓު ކޮމިޓީގައި މިވަނީ ކުއްލިއަކަށް 200 މިލިއަން ރުފިޔާ ބަޖެޓަށް އިތުރު ކުރަން ނިންމައިފައެވެ. މިއާއެކު ޑެފިސިޓުވެސް ދަށަށް ގޮސް ލިބޭނެ އާމްދަނީވެސް އިތުރުވާނެ ކަމަށް އަދަދުތަކުން ދައްކަން ފަށައިފި އެވެ. މި ވީ ކިހިނެއް ހެއްޔެވެ؟

ސަބަބާއިމެދު ތަންކޮޅެއް ފުންކޮށް ވިސްނަމާ ހިނގާށެވެ. ކޮންމެ ސަރުކާރެއްވެސް އައުމަށްފަހު ރިޔާސީ އިންތިހާބުގައި ވާ ވައުދުތައް ފުއްދުމުގައި ނުކުޅެދެ އެވެ. ސަރުކާރުގެ ބަހުރުވައިން ދަންނަވާނަމަ ވައުދުތައް ފުއްދަން ކޮންމެވެސް ބަހަނާއަކާއެކު ދަތިކަމެއް އާދެއެވެ. މި ލަސްވާ ލަސްވުމުގެ ނަތީޖާއަކަށް ވަނީ ރައްޔިތުންގެ އިތުބާރު ކޮންމެވެސް ވަރަކަށް ގެއްލުމެވެ. އެހެންކަމުން ސަރުކާރަށް ރައްޔިތުންގެ މެދުގައި އޮންނަ ތާޢީދު ކުޑަވެ އެވެ. މިއީ ވަކި ސަރުކާރަކަށް އޮތް ކަމެއް ނޫނެވެ.

ޝައްކެއްވެސް ނެތް ގޮތުގައި ރާއްޖޭގައި ޑިމޮކްރަސީ ފައްކާ ކުރި ފަހުން އެންމެ އުނދަގޫ ވެރިކަމެއް މި ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އެވެ. އެއީ ފެށިގެން އައިއިރު އޮތް ބޮޑު ކޯލިޝަން މެނޭޖު ކުރަން ޖެހުމާއި، ވެރިކަމުގެ އަހަރެއް ފަހުން ބައްދަލު މި ކުރި ކޮވިޑް-19 ގެ ސަބަބުންނެވެ. އިގްތިޞާދު މިއިން ދުވަހަކު ނުދާ ވަރަށް ދަށަށް ގޮސް އާމްދަނީ ލިބޭނެ ދޮރުތައް ގާތްގަނޑަކަށްހެން މި ވަނީ ބަންދުވެފަ އެވެ. އޭގެ ފަހުން އަހަރެއް ވާން އުޅޭއިރު ރާއްޖެ މިއޮތީ ވަރަށް ހާލުގަ އެވެ. މިހާލުގައި މާ ބޮޑު ބޭނުމެއް ނެތް ގިނަ ހަރަދުތަކެއް ކުރުން ވެގެން ދާނީ އިންސާނީ ބުއްދި ގަބޫލު ކުރާ ގޮތުގައިވެސް ވަރަށް ތާކުން ތާކުން ނުޖެހޭ ކަމަކަށެވެ. އެހެންނަމަވެސް ސިޔާސީ ގޮތުން އެ ހަރަދުތައް ދެކޮޅު ޖެހުން އެކަށީގެން ވެއެވެ.

Articl Inline Image

ދަންނަވަން މި އުޅެނީ އަންނަ އަހަރުގެ މާޗު މަހު ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޙާބުގެ ވާހަކަ އެވެ. 34.7 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓަށް އިތުރުކުރި 200 މިލިއަން ރުފިޔާގެ ބޭނުން ކުރަން ނިންމާފައިވަނީ އަތޮޅުތަކުގައި ދަނޑު ހެދުމާއި ބިން ހިއްކުންފަދަ ކަންކަން ކުރާށެވެ. ކައުންސިލް އިންތިހާބުގައި ވޯޓަށް އެދެން ދާއިރު ކޮންމެވެސް ކަމެއް ރަށަށް ކޮށްދީފައި އޮންނަން ޖެހޭނެ ތާއެވެ.

މިވާހަކަ މިހެން ދަންނަވަން ޖެހުމުގައި ސަބަބެއް އެބަ އޮތެވެ. އެމްޑީޕީގެ މަޖިލިސް މެމްބަރުން ބަޖެޓު ބަހުސްގައި އެންމެ ބޮޑަށް ބާރު އެޅީ އަންނަ އަހަރަށް ރާވާފައި ހުރި ކޮންމެހެން ހިންގަން ނުޖެހޭ މަޝްރޫއުތައް މިވަގުތަށް މަޑުޖައްސާލުމަށެވެ. އެއީ ދަނޑުތަކާއި، ޕާކުތައް ފަދަ ކަންކަމެވެ. އެހެންނަމަވެސް ބަޖެޓަށް އިތުރު ކުރި 200 މިލިއަން ރުފިޔާއިން އަދިވެސް އިތުރު ދަނޑުތައް ހަދަން ބަޖެޓުގައި ޖަހާލީ އެވެ. ދެން މި ވާހަކަވެސް ބާއްވަން ހިނގާށެވެ.

200 މިލިއަނާއިއެކު ބަޖެޓުގެ ނަމްބަރުތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފި އެވެ. ކުރިން ދައުލަތުން ލަފާކުރި އާމްދަނީގެ އަދަދު 17.8 ބިލިއަން ރުފިޔާ މިވަނީ މައްޗަށް ޖެހިލައިފަ އެވެ. އެއީ އަލަށް އާމްދަނީ ލިބޭ ކަންކަމުގެ ތެރެއަށް 1.2 ބިލިއަން ރުފިޔާ އިތުރު ކުރަމުންނެވެ. ޖުމްލަ 3.3 ބިލިއަން ރުފިޔާ އަމްދަނީއަށް އިތުރުވި އެވެ. އެހެންނަމަވެސް މި ވީގޮތެއް މުޅިއެކުން ސާފެއް ނުވެ އެވެ. ކޮވިޑްގެ ބިރު އަދިވެސް މުޅިން ކެނޑިގެންނެއް ނުދެ އެވެ. ޓޫރިޒަމް އަދިވެސް އޮތީ ފިރުކޭ މަރުހަލާގަ އެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކޮވިޑްގެ ހާލަތުން އަރައިގަނެ އާންމު ހާލަތައް ދިޔުމުގެ އުއްމީދު އޮތީ އެންމެ އަވަހަށްވެސް އަންނަ އަހަރުގެ ދެވަނަ ކުއާޓާގަ އެވެ. އެއީވެސް ވެކްސިނެއްގެ ޔަގީންކަން މުޅިން ކަށަވަރުވެ އެ ދޭން ފަށައިފިނަމަ އެވެ. އެހެންކަމުން ސަރުކާރުގެ މި ނަމްބަރުތަކަކީ "ނަމަ" އެއްގައި ކައްކާ ރިހަ އެކެވެ.

ފަހުން އެކުލަވާލި ބަޖެޓުގައި ބުނާ ގޮތުން 21 ބިލިއަން ރުފިޔާގެ އާމްދަނީއެއް އަންނަ އަހަރު ލިބޭނެ އެވެ. މިއާއެކު ޑެފިސިޓް އަދަދަށްވެސް ބަދަލު އައިސްފި އެވެ. ކުރިން 15.5 ބިލިއަން ރުފިޔާގައި އޮތް އެ އަދަދު ކުއްލިއަކަށް 12.3 ބިލިއަން ރުފިޔާ އަށް ދަށަށް ދިޔައީ އެވެ. މިއީވެސް ހަމައެކަނި މެމްބަރުން ދެއްވި ޔަގީންކަމެއްގެ މައްޗަށް ދަށް ކޮށްލި ނަމްބަރެކެވެ.

ބަޖެޓު ކޮމިޓީގައި މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލީ ހާޝިމް މީގެ ކުރިން ވިދާޅުވަފައިވަނީ އާމްދަނީ ލިބޭނެ މިންވަރު ދަށަށް ދިޔުމުގެ ބިރު އެބަ އޮތް ކަމަށެވެ. އަދި އެހެން ވެއްޖެ ނަމަ ތަރައްގީގެ ބައެއް މަޝްރޫއުތައް އަންނަ އަހަރު ހުއްޓާލަން ޖެހިދާނެ އެވެ. މިކަމަށް މިނިސްޓަރު އަމީރު ދެއްވި ރައްދަކީ މަޝްރޫއުތައް ހިންގަން ބޭނުންވާ ފައިސާ ލިބިފައި ހުރި ކަމުގެ ޔަގީންކަމެވެ. ސުވާލަކީ މަރުކަޒީ ބޭންކުން ކަންބޮޑުވުން ފާޅު ކޮށްފައިވަނިކޮށް އަދި ރާއްޖޭގެ އިގްތިޞާދު މިހާ ބޮޑަށް ދަށަށް ގޮސްފައިވަނިކޮށް މިނިސްޓަރުގެ ޔަގީންކަމެއްގެ މައްޗަށް ބިނާކޮށް މިހާ ބޮޑު އަދަދުތަކެއް ބަޖެޓަށް އިތުރުކުން ބުއްދިވެރިތޯ އުފެދޭ ސުވާލެވެ.

ރޭ ބަޖެޓު ކޮމިޓީގައި ދެއްކި ވާހަކަތަކަށް ބަލާއިރު އަދި ކުރެއްވި މަސައްކަތްތަކަށް ބަލާއިރު އިތުރު ކުރި 200 މިލިއަން ރުފިޔާއަކީ ހަމަ ޔަގީނުންވެސް ކޮމިޓީގައި އިތުރު ކުރެވުނު އަދަދެއް ނޫނެވެ. އެއީ ކޮމިޓީން ބޭރުގައި ކޮންމެވެސް އެހެން މަޝްވަރާއަކަށް ފަހު އިތުރު ކުރެވުނު ނަމްބަރެކެވެ. ދެން އަނެއްކޮޅުން ދަންނަވާނަމަ އާންމުކޮށް މިގޮތަށް ބޭރުން ގެނަސް މެމްބަރުންގެ ތާއީދު ލިބޭ އަދަދަކާއެކު ބަޖެޓު ފާސްވާނެ އެވެ. ހިޔާލީ ނަމްބަރުތަކަކާއިއެކުވެސް 34.9 ބިލިއަން ރުފިޔާގެ ބަޖެޓެއް އަންނަ އަހަރަށް ފާސްވާނެ ކަމަށް މިހާރު ބެލެވެ އެވެ. މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮތް ޕާޓީން ބަޖެޓަށް "ގޯ" ދީފިނަމަ ދެން އަތަކަށް ހިރުވައިވެސް ނުލާނެކަން ޔަގީނެވެ.