ކޮވިޑް ޕޮޒިޓިވް ކޭސްތައް ފެނި މިވަގުތުވެސް 11 ރަށެއް މޮނިޓަރިންގައި!

ރަށެއްގެ މަގުމަތި
ރަށެއްގެ މަގުމަތި
ބުދަ , 24 މާރޗް 2021 | 12:16

ކޮވިޑް ޕޮޒިޓިވް ކޭސްތައް ފެނި މިވަގުތުވެސް ރާއްޖޭގެ 11 ރަށެއް ވަނީ މޮނިޓަރިންއަށް ލާފައެވެ.

އެގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން މޮނިޓަރިންއަށް ލާފައިވާ ރަށްތަކުގެ ތެރޭގައި ނ ޅޮހި، އއ ތޮއްޑޫ، ދ ކުޑަހުވަދޫ، ރ އުނގޫފާރު، ފ ނިލަންދޫ، ދ މީދޫ، ކ ހުރާ، ކ ދިއްފުށި، ޅ ނައިފަރު، ރ މަޑުއްވަރި އަދި ރަ ހުޅުދުއްފާރު އެވެ. މިއަދުގެ ވަގުތެއްގައި ރ ހުޅުދުއްފާރު މޮނިޓަރިން އަށް ލާފައިވަނީ އެރަށުން އުނގޫފާރަށް ދަތުރު ކުރި މީހަކު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި ހުޅުދުއްފާރުން ޕޮޒިޓިވްވި މީހާ އުނގޫފާރަށް ދަތުރުކޮށްފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހުއެވެ. ކަރަންޓީނުގައި ނެތް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން ރ އަތޮޅު އުނގޫފާރު މޮނިޓަރިން އަށް ލާފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އަދި އެޗްއީއޯސީން ވަނީ މިމަހުގެ ދެވަނަ ދުވަހުން ފެށިގެން އުނގޫފާރަށް އެކި ބޭނުންތަކުގައި ދަތުރުކޮށްފައިވާ މީހުން އެމީހަކު ހުރި ތަނެއްގައި ކަރަންޓީނު ވުމަށް އަންގާފައެވެ.

މީގެ އިތުރުން އުނގޫފާރު ކްލަސްޓާއާ ގުޅިގެން ހުރި ރަށްތަކެއް އިއްޔެއާއި އޭގެ ކުރިން ދުވަހުވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސް އަރައި ފޭބުން މަނާކޮށްފައެވެ. އެގޮތުން އިއްޔެ ވަނީ މާލެ އަތޮޅު ދިއްފުށިވެސް މޮނިޓަރިން އަށް ލާފައެވެ. ދިއްފުށި މޮނިޓަރިން އަށް ލާފައިވަނީ އުނގޫފާރަށް ދަތުރުކޮށްފައި ތިބި ބަޔަކު ޓެސްޓްކުރި އިރު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އަދި ނައިފަރު މޮނިޓަރިން ހާލަތަށް ގެނައީ ނައިފަރު ހޮސްޕިޓަލުގެ ނަރުހަކު ޕޮޒިޓިވްވުމުންނެވެ. މިއީވެސް އުނގޫފާރު ކްލަސްޓާއާ ގުޅުންހުރި މީހެކެވެ. މިމީހާވެސް ޕޮޒިޓިވްވިކަން އެނގުނީ އުނގޫފާރަށް ދަތުރު ކުރި މީހުން ކަރަންޓީނުވާން އަންގާ ނެގި ސާމްޕަލް ޕޮޒިޓިވްވުމުންނެވެ.

މާލެ އަތޮޅު ހުރާ މޮނިޓަރިން އަށް ލާފައިވަނީ އެރަށުން މާލެ ގެނައި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. މިހުރިހާ ރަށެއްވެސް މިވަގުތު މޮނިޓަރިންގައި ވަނީ ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ހަދަންޖެހޭ ކޮންޓެކްޓްރ ޓްރޭސިން ހަދައި ނަގަމުންދާ ސާމްޕަލްތަކުގެ ނަތީޖާ ނުލިބޭތީއެވެ. އަދި އެކި ޑޮކްޓަރަށް ދެއްކުމަށް އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރާ މީހުން ގިނައިރު އެފަދަ ފަރާތްތައް ދެނެގަނެ ބަލި އިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމަށް ކަމަށް އެޗްއީއޯސީން ހާމަކުރެއެވެ.