ނިމުނު ހަފުތާގައި އެކަނިވެސް މާލެއިން 651 މީހުންނަށް ކޮވިޑް ޖެހުނު

ކޮވިޑް19ގެ ހާލަތުގައި ސިއްހީ އެހީތެރިން ހަރަކާތްތެރިވަނީ
ކޮވިޑް19ގެ ހާލަތުގައި ސިއްހީ އެހީތެރިން ހަރަކާތްތެރިވަނީ
އާދިއްތަ , 28 މާރޗް 2021 | 10:05

ކޮވިޑް ކޭސްތައް އެންމެ ފުރަތަމަ ރާއްޖެއިން ފެންނަން ފެށީ 2020 ވަނަ އަހަރުގެ މާރޗްމަހުގައި ނަމަވެސް އޭރާއި މިހާރާއި އަޅާ ބަލާއިރު މުޅި ރާއްޖެއިން ވެސް ކޮވިޑް ޕޮޒިޓިވް ނަމްބަރު ދުވާލެއްގެ މައްޗަށް ދަނީ ވަރަށް ބޮޑުތަން އިތުރުވަމުންކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތަކުން އެނގެން އެބައޮތެވެ.

ނިމުނު ހަފުތާއަށް އެކަނި ބެލިނަމަވެސް ޕޮޒިޓިވް އަދަދުތައް ހުރީ ސަތޭކައިން މަތީގައެވެ. އެގޮތުން 21 މާރޗުން ފެށިގެން 27 މާރޗްގެ ނިޔަލަށް އެކަނިވެސް މާލެ އޭރިއާއިން ވަނީ 651 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިހަތް ދުވަހުގެ ތެރެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ 22 މާރޗް ވީ ހޯމަ ދުވަހުއެވެ. އެދުވަހު އެކަނިވެސް ވަނީ މާލެއިން 120 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ނިމުނު ހަފްތާގައި ހަތްދުވަހުގައި މުޅި ރާއްޖެއިން ވަނީ 1030 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ނިމިގެންމިދިޔައީ ގިނަ އަދަދަކަށް ރާއްޖެއިން ކޮވިޑަށް މީހުން ޕޮޒިޓިވްވި ހަފްތާއެކެވެ.

ކުރިއާ ހިލާފަށް މިހާރު އަތޮޅުތެރޭގެ ރަށްތަކުގައިވެސް ދަނީ ހަލުވިކަމާއެކު މި ބަލި ފެތުރެމުންނެވެ. އެގޮތުން ނިމުނު ހަތް ދުވަހު އަތޮޅު ތެރެއިން ވަނީ 171 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ނިމުނު ހަފުތާއަކީ އަތޮޅުތެރޭގައިވެސް ހަލުވިކަމާއެކު މިބަލި ފެތުރި ޕޮޒިޓިވްވި މީހުންގެ އަދަދު ގިނަ ހަފުތާއެއްކަން ފާހަގަކުރެވެއެވެ. އަތޮޅުތެރެއަށް ބަލާއިރު މިވަގތު އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ހުރީ ޅ އަތޮޅު އަދި މާލެ އަތޮޅުގެ ރަށްތަކުގައެވެ. އެގޮތުން ޅ އަތޮޅުގެ ޕޮޒިޓިވްކޭސްތައް 80 އިން މަތީގައި ހުރިއިރު ކާފު އަތޮޅުގެ ޕޮޒިޓިވް ކޭސްތައްވެސް ހުރި 70 އިން މަތީގައެވެ.

ރިސޯޓްތަކަށް ބަލާއިރު ނިމުނު ހަފްތާގައި ރިސޯޓްތަކުން ވަނީ 110 ޕޮޒިޓިވް ކޭސް ފެނިފައެވެ. މިއީވެސް ކުރީ ހަފްތާ ތަކާއި އަޅާ ބަލާއިރު އެއް ހަފުތާއެއްގައި ރިސޯޓްތަކުން އެންމެ ގިނަ ޕޮޒިޓިވްކޭސް ފެނުނު އެއް ހަފުތާއެވެ. ރާއްޖޭގައި ކޮވިޑްގެ ތިންވަނަ ރާޅެއް އުފެދިފައިވާ ކަމަށް ސިއްހީ މާހިރުން ބުނަމުންދާއިރު މާލެއާއި އަތޮޅު ތެރޭގައިވެސް މާސްކު އަޅައިގެން ބޭރުގައި އުޅުމަށާއި ގައިދުރުކަންމަތީ ކަންކަން ކުރުމަށް އަބަދުވެސް ދަނީ އިލްތިމާސްކުރަމުންނެވެ.