ކާށި ހޮވުން: ވާދޫ ރައްޔިތުންގެ އެކުވެރިކަމަށް ސާބަސް!

ރޯދައަށް ވަލުން ކާށި ހޮވުން (ފޮޓޯ: އިއްބެސް ޕޮޓޯގްރަޕީ)
ރޯދައަށް ވަލުން ކާށި ހޮވުން (ފޮޓޯ: އިއްބެސް ޕޮޓޯގްރަޕީ)
ހޮނިހިރު , 03 އޭޕްރިލް 2021 | 09:22

މުއްސަނދި ސަގާފަތެއް އޮތް އަޅުގަނޑުމެންގެ ކުޑަ ކުޑަ މި ދިވެހިރާއްޖޭގެ ކޮންމެ ރަށަކީވެސް ތަފާތު ރަށެކެވެ. އަދި އެ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަކީވެސް އަނެއް ރަށުގެ ރައްޔިތު މީހާ އާއި ތަފާތު ބައެކެވެ. މި ރިޕޯޓްގައި އަޅުގަނޑު ގެނެސްދޭން މިއުޅެނީ ރ އަތޮޅު ވާދޫ ރައްޔިތުންގެ ވާހަކައެވެ. 622 އެއްހާ ރައްޔިތުން ދިރިއުޅެމުން އަންނަ މި ކުޑަ އާބާދީގައި އޮތް އެއްބައިވަންތަ ކަމާއި އެކުވެރިކަމުގެ ނަމޫނާ މިސާލުގެ ވާހަކައެވެ.

ރައްޔިތުންގެ ރުއްތަކުން ވެއްޓޭ ކާށި ހޮވުމަކީ މީގެ 10 ވަރަކަށް 12 ވަރަކަށް އަހަރު ކުރީއްސުރެ އެރަށުގެ ރައްޔިތުން އެކުގައި ނިކުމެ ކުރަމުން އަންނަ ފޫހިނުވާ މަޖާ ކަމެކެވެ. ކައުންސިލްތައް ހޮވާ ރަށުގެ ރައްޔިތުން ބާރުވެރިކުރުވަން ފުރުސަތު ލިބުނީއްސުރެ ރައްޔިތުން ރުއްތަކުން ކާށި ހޮވުން ކޮންމެ ދެމަހެއް ނުވަތަ ތިންމަހަކުން އެރަށުގައި އޮވެއެވެ.

އެންމެ ފުރަތަމަ ވަލުން ކާށި ހޮވުމަށް ކޮންމެ ގެއަކަށް ރަށު ކައުންސިލުން އެކަމަށް ހާއްސަކޮށްފައިވާ ސްލިޕެއް ފޮނުވާނެއެވެ. މި ސްލިޕްގައި ކާށި ހޮވުމަށްޓަކައި ރައްޔިތުން ފުރަތަމަ އެއްވާންވީ ތަނާއި ދުވަހާއި ވަގުތު ލިޔެފައި އޮވެއެވެ. ދެން ކާށިހޮވުމުގައި ބައިވެރިވާން ބޭނުންވާ ހަމަ ކޮންމެ ރައްޔިތަކުވެސް ދާންވީއެވެ. ރަސްމީ ދައުވަތު އެވަނީ ދެވިފައެވެ. ކާށި ހޮވުމަށްޓަކައި އެންމެން އެއްތާކަށް އެއްވުމުން ކައުންސިލުގެ އިސްވެރިއަކު އާއްމުކޮށް ހާއްސަ މެސެޖެއް ދެއްވައެވެ. ރައްޔިތުންގެ ރުއް ނޫން ފަރުދީ ރުއްތަކުން ވެއްޓިފައި ހުންނަ ކާށި ނުވޮހުމަށް އާއްމުގޮތެއްގައި ނަސޭހަތްތެރިވާނެއެވެ. އެއަށްފަހު ވަލަށް ވަނުމުގެ ކުރިން ކާށި ހޮވަންދާ މީހުންގެ އަދަދު ބަލާނެއެވެ. މިކަންވެސް ވާދޫގައި ކުރަނީ ވަރަށް ތަފާތު ގޮތަކަށެވެ. މިކަން ކުރުމަށްޓަކައި ކާށި ހޮވަންދާ ކޮންމެ ރައްޔިތަކު ފުނަ އޮށެއްނުވަތަ މިދިލި އޮށެއް ގޮބަޅިއެއް ފަދަ އެއްޗެއް ހާއްސަވެފައިވާ ތަނަށް ލާނެއެވެ. އޭގެ ބޭނުމަކީ ކާށި ހޮވަންދާ މީހުންގެ އަދަދު ބެލުމެވެ. މިއީ ވަލަށް ވަނުމުގެ ކުރިން މަސައްކަތުގައި ބައިވެރިވާ މީހުން ދެނެގަނެ ކާށި ހޮވަންދާ މީހުންގެ އަދަދު ޔަގީން ކުރުމަށް ކުރާ ކަމެކެވެ. ބޭނުމަކީ ހުރިހާ ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގާއިމުކޮށް އިންސާފުވެރިކަމާއެކު ކަންކުރުމެވެ.

ކާށި ހޮވުމަށްޓަކައި ވަލުގައި އެންމެން ހޭދަ ކުރާ މިވަގުތު ކޮޅަކީ ގައިމުވެސް ރައްޔިތުންގެ މެދުގައި އެކުވެރިކަން ބަދަހިވެ ގުޅުން އާލާކުރުމަށް ލިބޭ ރަނުގެ ފުރުސަތަކަށް ވެއެވެ.

Articl Inline Image

ކާށި ހޮވަން ވަލަށް ވަންނަ ހިސާބުންވެސް ތިމާ ކުރަންޖެހޭ މަސައްކަތް މި އޮންނަނީ ތަރުތީބު ބަހާލެވިފައެވެ. އެގޮތުން ގަސްބޯ ބޮނދި ބޮނދީގައި ހުންނަ ރުއްތަކުގެ ކާށި ހާމަ ސަރަހައްދަށް ނެރުމުގެ މަސައްކަތް ފިރިހެން ވެރިން ކުރަމުންދާއިރު އަންހެން ވެރިން އެތަކެތި ކާށި ބަހަން ހަމަޖެހިފައިވާ ސަރަހައްދަށް ބަރޯގައި ގެންދާނެއެވެ. މިކަމުގައި ދެޖިންސްގެ ބައިވެރިވުންވެސް އޮންނަނީ ނުހަނު ހަމަހަމަ ކޮށެވެ.

Articl Inline Image

ވަލުތެރޭގައި ހުރި ހުރިހާ ކާށި އެއްކުރުމަށްފަހު ދެން އޮންނާނީ އެރިނެގުމެވެ. އާއްމުކޮށް އެރި ނަގާ ގޮތަކީ ހަތަރު ކާށިން އެއްކާއްޓެވެ. މިހާހިސާބުން އަޅުގަނޑުގެ ހިތަށް އައީ ކުރީ ޒަމާނުގައި މީހުން ބުނެ އުޅޭ ހަރުބަހެކެވެ. ރައިވެރިންގެ ދަރިންނަށްވެސް ހަތަރެތިން އެކަތި އޮންނާނެއޭ ބުނާ ބަހެވެ. ކާށިތައް ބައިކޮށްލާފައި ބެހެނިވެރިން ނުވަތަ (ކާށި ނެރެން ދިޔަ މީހުންގެ) މެދުގައި ހަމަހަމަ އަށް ބަހާލަނީއެވެ.

"ރޯދަމަހަށް ހާއްސަކޮށް ވަލަށް ވަދެ ހޮވާ ކާށިގެ ތަފާތަކީ މިބައި ބަހާނީ ދެބައަކަށް. އެއީ ކައުންސިލަށް އެއްބައި ދެން ހޮވަން ދިޔަ މީހުންނަށް އަނެއްބައި ވާގޮތަށް."

- ކައުންސިލްގެ ރައީސް ހުސެއިން އަލީ

ކައުންސިލްގެ ރައީސް ވިދާޅުވީ ކައުންސިލަށް ލިބޭ ކާށި ހެޔޮ އަގެއްގައި ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ވިއްކަނީ ކަމަށެވެ. ރަށުގެ ތެރޭގައި އާއްމުކޮށް ފަސް ހަ ރުފިޔާ އަށް ކާއްޓެއް ވިއްކާ ނަމަވެސް ވާދޫ ކައުންސިލުން އަބަދުވެސް ކާށި ވިއްކާނީ ރުފިޔާ އަކަށް ކާއްޓެއްގެ މަގުންނެވެ..

Articl Inline Image

މިމަގުން ވާދޫ ކައުންސިލުން މިކަން ކުރަމުން އަންނަ މައިގަނޑު އެއް މަގުސަދަކީ ދާދި ފަހުން ރާއްޖޭގެ ބައެއް ހިސާބުތަކުގެ ރުއްތަކުން ފެންނަމުން ދާ މަޑިއެއްގެ ސަބަބުން ފިޝަރީޒް މިނިސްޓްރީގެ ހާއްސަ އިލްތިމާސެއްގެ މަތިންނެވެ. އެގޮތުން ރުއްތަކުގައި އަޅާ މިބާވަތުގެ މަޑިން ރުއްތަކުގެ ބޮންތި އެއްކޮށް ހަލާކުވަމުންދާތީ އެއްރަށުން އަނެއް ރަށަށް މިބާވަތުގެ މަޑި ދިއުން ހުއްޓުވުމަށް އެއްރަށުން އަނެއް ރަށަށް ކާށި ގެންގޮސް ގެނެސް ހެދުން ހުއްޓާލުމަށް އަންގާފައިވާ އެންގުމަށް ބޯލެނބުމުގެ ގޮތުން ވާދޫ ކައުންސިލުން މިމަގުން މަސައްކަތް ކުރަމުން އަންނަނީއެވެ. ގައިމުވެސް ރަށުން އަގުހެޔޮކޮށް ކާށި ލިބޭނެކަމުގެ ޔަގީންކަން ވާދޫ ރައްޔިތުންނަށް އޮންނާނެއެވެ.

ކާށި ބެހުމަށްފަހު ކައުންސިލަށް ލިބޭ ބައި ވިއްކުމުގެ ކުރިން ކާށި ގަންނަން އެދޭ ފަރާތްތައް ނަންނޯޓު ކުރުމަށް އެކަށީގެންވާ ވަގުތު ކޮޅެއް ދޭނެއެވެ. ވަގުތު ހަމަވާ އިރު ނަން ނޯޓު ކޮށްފައި ހުންނަ ގެތަކުގެ މެދުގައި ރައްޔިތުންގެ ކާށި ހުރި ނިސްބަތުން ހަމަހަމަ އަށް ކާށިތައް ބަހާލައި ވިއްކަނީއެވެ. ރަށުގައި ވާރު ލައްވާފައި ހުންނަ އުމުރުފުރާއިން ފެށިގެން (ތައުލީމް ހާސިލް ކުރާ ދަރިވަރުން ނުހިމަނާ) ހަމަ ކޮންމެ މީހަކަށްވެސް ކާށި ހޮވަން ދެވޭނެއެވެ.

Articl Inline Image

އަދި ކާށި ބަހާއިރުވެސް އެގެއަކުން ކިތަންމެ ގިނަ މީހުންނެއް ދިޔަޔަސް މައްސަލައެއްވެސް ނޯވެއެވެ. ހަފޮޅުން އެތެރެވާ ކޮންމެ މީހަކަށްވެސް ބައެއް ލިބުމަށް އޮންނަ އުސޫލުން ކާށި ހޮވަންދާ ކޮންމެ މީހަކަށް ވެސް ބައި ލިބޭނެއެވެ. އަޅެ ވާދޫ ރައްޔިތުން މިދައްކަނީ ކިހާރީތި ނަމޫނާ އެއްތޯއެވެ. މިއީ އަޅުގަނޑުމެންގެ މިކުދި ކުދި ރަށްތަކުގައި ގެންގުޅެމުން އަންނަ ރީތި ސަގާފީ އާދަކާދަ ނޫންތޯއެވެ. މިކަހަލަ ކުޑަކުޑަ އަމާން އޮމާން ވެއްޓެއްގައި ހިންއުފާ ކޮށް އެކުގައި ވަގުތު ކޮޅެއް ހޭދަކުރުމަށް ލިބޭ މިފަދަ ފުރުސަތުތަކަކީ އަޅުގަނޑުމެންގެ ކުރިއަށް އޮތް ޖީލުތަކަށްވެސް ގެންގޮސްދޭން ޖެހޭ ރީތި އާދަ ނޫންތޯއެވެ.

އެއްޗެއް ދަންނަވަންތޯއެ. ގައިމުވެސް އަޅުގަނޑުމެންގެ ރަށުގައި އޮންނަ ގޮތަކީ ކޮންމެ ތާކު ހުންނަ ކޮންމެ ރުކަކުން ވެއްޓުނަސް އެވަގުތު އެކާށި ފެނުނު މީހަކު ނަގައިގެން ގެންދާ އުސޫލެވެ. ނަމަވެސް ވާދޫ ރައްޔިތުން މިކަމުގައި މިގެންގުޅެނީ ކިހާ ރީތި އުސޫލެއްތޯއެވެ. އެމީހެއްގެ ރުކަކުން ވެއްޓޭ އެއްޗެއްގައި ނޫނީ އެމީހަކު އަތްނުލައެވެ. ގެއަކަށް ވެސް ނުގެންދެއެވެ. އަޅުގަނޑު ބުނެލާނީ ވާދޫ ރައްޔިތުންނަށް ހަމަ އައްސަރިބަހުން ސާބަހެވެ. ތިޔައީ ހަމަ ފިސާރި ރައްޔިތެއް ދިރިއުޅޭ ރަށެކެވެ.