މާލެއަށް ނަތީޖާއެއް ނުފެނުނު ބޯހިޔާވަހިކަމުގެ މައްސަލަ: ޑރ. މުއިއްޒުގެ ހައްލު

ޑރ. މުހައްމަދު މުއިއްޒު މޭޔަރުކަމަށް ވާދަކުރައްވަނީ ހައްލު ހޯދައިދެއްވުމަށް
ޑރ. މުހައްމަދު މުއިއްޒު މޭޔަރުކަމަށް ވާދަކުރައްވަނީ ހައްލު ހޯދައިދެއްވުމަށް
އާދިއްތަ , 04 އޭޕްރިލް 2021 | 18:58

ޖަޒީރާ ރަށްތަކަކަށް ބެހިފައި އޮތް މި ކުޑަކުޑަ ދިވެހިރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ހުރިހާ ހިސާބުތަކަށް އެއް ހަމައެއްގައި ތަރައްގީ ގެނައުމުގެ މައްސަލަ އެވެ. ކޮންމެ ރަށެއްގައި ބަނދަރެއް، އެއާޕޯޓެއް ނުވަތަ ހޮސްޕިޓަލެއް އެޅުންކަމުގައި ވިޔަސް އެއްފަސްވެފައިވާ ގައުމުތަކާ އަޅާ ބަލާއިރު މިއީ ވަރަށް ބޮޑު ގޮންޖެހުމެކެވެ. ވޭތުވެދިޔަ ކުރު މާޒީގައި އަތޮޅު ތެރެއަށް ތަރައްގީ ގެނައުމުގެ މަސައްކަތް ހަލުވި މިނުގައި ފެށި އެކަމުގައި ކޮންމެވެސް ވަރެއްގެ ނަތީޖާތަކެއްވެސް ނެރެދެވިއްޖެ އެވެ. ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ސަރުކާރުން ތައާރަފުކުރި ލާމަރުކަޒީ ނިޒާމުގެ ތެރެއިން އޭރު އެ މަސައްކަތް އެންމެ ފުރިހަމައަށް ކުރެވިފައި ނުވިނަމަވެސް މިސްރާބު ހިފާފައިވަނީ އަތޮޅު ތެރެވެސް ތަރައްގީ ކުރުމަށެވެ.

އޭގެ ފަހުން ދެ ސަރުކާރެއް އައިސް ނަތީޖާ ނެރެ ނުދެވިފައި އޮތުމަށްފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރާއްޖެ ލާމަރުކަޒު ކުރުމުގެ މަސައްކަތް ފެށި އެވެ. އެގޮތުން ރަށްރަށުގައި އެއާޕޯޓުތައް ތަރައްގީ ކުރުމާއި ރީޖަނަލް ހޮސްޕިޓަލުތައް ގާއިމް ކުރުމުގެ މަސައްކަތްވެސް ފެށި އެވެ. އެހެންނަމަވެސް ލާމަރުކަޒީ ނިޒާމު ރާއްޖެއަށް ތައާރަފު ކުރެވުނުއިރު އޮތީ އެހެން މައްސަލައެއް މާ ބޮޑުވެފަ އެވެ. އެއީ ވެރިރަށް މާލެއަށް އަތޮޅު ތެރޭގެ ބޮޑު އާބާދީއެއް ޖަމާވުމެވެ. ހިދުމަތް ހޯދަން ހުރިހާ ރައްޔިތުންވެސް މާލެއަށް އައިސް ތޮއްޖެހުމުގެ ސަބަބުން އެތައް މައްސަލަތަކެއް ނިކުތެވެ. އެންމެ ބޮޑު އެއް މައްސަލައަކަށްވީ ބޯހިޔާވަހިކަމުގެ ދަތިކަމެވެ.

ވޭތުވެދިޔަ ކުރު މާޒީގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރަން ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއްވެސް ކުރެވުނެވެ. އެހެންނަމަވެސް އެންމެ އެކަށީގެންވާ ހައްލެއް މިކަމުގައި ހޯދިފައި ވެއެކޭ ދެންނެވޭކަށްވެސް ނެތެވެ. މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫއުތައް ހިންގާއިރުވެސް މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބައި އަޅަން އެބަ ޖެހެއެވެ. އުސޫލެއްގެ ގޮތުން ބަލާނަމަ ހުރިހާ ރައްޔިތުންނަށްވެސް މާލެ ސަރަހައްދުން އަތްފޯރާފަށުގައި ބޯހިޔާވަހިކަން ހައްގުވެގެން ވެއެވެ. އެހެންނަމަވެސް މާލޭގެ ރައްޔިތުންނަށް މިކަމުގައި ކޮންމެވެސް ވަރެއްގެ ބޭއިންސާފެއް އޮތްކަންވެސް ގަބޫލުކުރަން ޖެހެ އެވެ.

މާލެއަށް ނިސްބަތްވާ މާލޭގެ ރަށްވެހިން ދާނެ އެހެން ތަނެއް ނޯވެ އެވެ. ކިތަންމެ ދަތި ހާލުގައި އުޅެން ޖެހުނަސް އުޅެން ލިބިފައި އޮތް ތަންކޮޅު ކިތަންމެ ކުޑަ ނަމަވެސް އެމީހުންނަށް އިތުރު ގޮތެއް ނޯވެ އެވެ. މާލެ ރައްޔިތަކަށްވީތީ ކުލި ނުދައްކައި އަރާމުގައި އުޅެވޭނެ ކަމަށް ދެކެވިފައި އޮތްނަމަވެސް އެއީ އެހާ ފަސޭހަ ކަމެއްވެސް ނޫނެވެ. ހަގީގަތަށް ބަލާނަމަ މާލޭގައި ހާލުގައި ދިރިއުޅޭ މާލެ ރަށްވެހިން މަދެއް ނޫނެވެ.

Articl Inline Image

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒުގެ އެންމެ މުހިންމު އެއް ވައުދަކީ އަދި މޭޔަރުކަމަށް އިންތިހާބު ވުމަށްފަހު އެންމެ އިސްކަން ދެއްވާނެ މުހިންމު އެއް މައްސަލައަކީ މިދެންނެވި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމެވެ.

މާލެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް އަދި އެއްވެސް ސަރުކާރަކަށް އެކަށީގެންވާ ހައްލެއް ގެނެވިފައެއް ނެތް. ދެން އެކި ސަރުކާރުތަކުގަ އެކި ސަބަބުތައް ހުންނާނެ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ ހަމައެކަނި މާލޭގެ ރައްޔިތުން ގެދޮރުވެރި ކުރުވުމުގަ ނަތީޖާ ނެރެނުދެވުމުގަ.

- ޑރ. މުހައްމަދު މުއިއްޒު

މުއިއްޒު ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގެ އިތުރުން ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި 7 އަހަރު ދުވަހުގެ މުއްދަތަކަށް ހައުސިންގް މިނިސްޓަރުކަން ކުރައްވައިފަ އެވެ. މިހާތަނަށް މާލެ ސަރަހައްދުގައި ހިންގި އެންމެ ބިޔަ ބޯހިޔާވަހިކަމުގެ މަޝްރުއަކީ މުއިއްޒު މިނިސްޓަރުކަމުގައި ހުންނަވައިގެން ހުޅުމާލޭގައި ހިންގެވި ހިޔާ މަޝްރޫއު އެވެ. އެމަޝްރޫއާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އޭރު ސިޔާސަތު ކަނޑައެޅުއްވުމުގައި އެންމެ ބޮޑަށް ބެއްލެވީ ކަނޑައެޅޭ ހުރިހާ ދާއިރާތަކަކުންވެސް މާލޭގެ ރަށްވެހިންނަށްވެސް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ކަމަށެވެ. އެގޮތުން މާލޭ ރަށްވެހިންނަށް ހާއްސަ ކެޓެގަރިއެއް ކަނޑައެޅުމުގެ އިތުރުން ދަފްތަރުގައި ޖެހިފައިވާ ރައްޔިތުންނާއި، ޑޮކްޓަރުންނާއި ނަރުހުން، ޓީޗަރުން، ސިވިލް ސާވަންޓުން، ޒުވާނުންގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ކެޓެގަރީތަކުންވެސް މާލޭގެ ރަށްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސިޔާސަތު އެކުލަވައިލެއްވި ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

Articl Inline Image

މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން އެކުލަވައިލި ސިޔާސަތުތަކުގެ ސަބަބުން މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް އެންމެ އެދެވޭ ހައްލެއް ގެނަސްދެވިފައި ނުވެދާނެ ކަމަށެވެ. އެހެންނަމަވެސް ސަރުކާރުގެ ސިޔާސަތުތައ ފުރިހަމަ ކުރެއްވުމުގައި މަސައްކަތް ކުރެއްވިކަމަށް އޭނާ ވިދާޅުވި އެވެ. އޭރު މިނިސްޓަރުކަމުގައި ހުންނަވައިގެން އަދާކުރެއްވި ރޯލަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރެއްވުންކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުން ވަރަށް ގިނަ ހައުސިންގް ޔުނިޓުތައް އެޅި. ކުރީގަ ފުރުސަތުތައް ނުލިބޭވަރަށް ފުރުސަތުތައްވެސް ލިބުނު. އެހެންނަމަވެސް މައްސަލައިގެ ބޮޑުކަމުން އެއަށް އެކަށީގެންވާ އަސަރެއް ނުކުރޭ. ދެން ނަތީޖާ ނުނެރެދެވުނު އެއް ސަބަބަކީ އޭރުގަ ފްލެޓާއި ގުޅިގެން ނިންމި ނިންމުންތައް ބަދަލު ކުރުން. އަދި މި ސަރުކާރު އައިފަހުން ނުދެވޭތާ އެ ފްލެޓުތައްވެސް.

- ޑރ. މުހައްމަދު މުއިއްޒު

ދެން އޮތީ މި ބޮޑު މައްސަލައަށް ހައްލު ހޯދުމަށް ސިޓީ ކައުންސިލްގެ ދައުރުގެ ވާހަކަ އެވެ. ރަށްރަށުގެ ހައުސިންގް މަޝްރޫތައް ކުރިއަށް ދަނީ އެރަށްރަށުގެ ކައުންސިލްތަކުގެ ބެލުމުގެ ދަށުންނެވެ. ފްލެޓު ލިބޭނެ ހައްގުވެރިން ކަނޑައެޅުމުގެ ޒިންމާވެސް ނަގަނީ ކައުންސިލްތަކުންނެވެ. އެއީ ރަށްޔިތުންނާއި އެންމެ ކައިރިން މަސައްކަތް ކުރާނެ ބަޔަކީ ކައުންސިލްތަކަށް ވާންޖެހޭތީ އެވެ. މިކަން ޑރ. މުއިއްޒު ފާހަގަކުރެއްވި އެވެ. މުއިއްޒު ވިދާޅުވިގޮތުގައި މާލޭ ރައްޔިތުންގެ ހައްގުގައި އެމީހުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް މުހިންމު ރޯލެއް އަދާކުރަން ޖެހޭނީ ސިޓީ ކައުންސިލުންނެވެ.

Articl Inline Image

އެހެންނަމަވެސް މިހާތަނަށް މާލެ ސިޓީގެ ކައުންސިލުން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.

އަޅުގަނޑު މި ހުށަހަޅާ ހުށަހެޅުމަކީ މިހާރު އަޅުގަނޑު ކުރިމަތި މިލަނީ ރައްޔިތުން ހޮވާ މީހެއްގެ ހައިސިއްޔަތުން ރައްޔިތުންނަށް ހިދުމަތް ކުރާށޭ. ހަމަ މި މައްސަލައަށް ހައްލެއް ގެނައުމުގަ. ގެދޮރުވެރިކަމުގެ މައްސަލައަކީ މާލޭގެ ރައްޔިތުންނަށް އެންމެ ބޮޑު މައްސަލައަށް ވާހިނދުގައި އެކަންތައް މިހާރުގެ މި ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން މާލޭގެ ރައްޔިތުން ބޭނުން ނުވާގޮތަކަށް ދާކަމަށް ވަންޏާ، ރައްޔިތުންގެ ފަރާތުން އެކަންކަން ސަރުކާރަށް ދަންނަވައިގެން ސަރުކާރުން އެކަންކަން ހައްލު ކުރުވުން.

- ޑރ. މުހައްމަދު މުއިއްޒު

މުއިއްޒު މި ފާހަގަ ކުރެއްވީ މީގެ ކުރިން މާލެ ސިޓީ ކައުންސިލުން އަދާކުރި ދައުރާއި މުޅިން ތަފާތު ކަމެކެވެ. މިހާތަނަށް އައިއިރުވެސް ސަރުކާރަކަށް މާލޭގެ ރައްޔިތުންގެ ކަންބޮޑުވުން ހިފައިގެން ގޮސް ދަންނަވާނެ މޭޔަރެއް ލިބިފައި ނުވެޔޭ ދެންނެވުން ކުށަކަށް ނުވާނެ އެވެ. ތިލަކޮށް ދަންނަވާނަމަ ކައުންސިލެއް ދައުރު އެންމެ ފުރިހަމައަށް އަދާ ކުރެވޭވަރުގެ ކައުންސިލެއް އިންތިހާބުވެފައެއް ނުވެ އެވެ.

ދެން އޮތީ މާލޭގެ ބިން ކުޑަވުމުގެ ސަބަބުން ރަށްވެހިންނަށް ގޯތި ދެވެން ނެތް ވާހަކަ އެވެ. މިކަމަށްވެސް މުއިއްޒު ވަނީ ހައްލު ހުށަހަޅުއްވައިފަ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގަ އެބަހުރި ބިން ކޮންމެވެސް ވަރަކަށް. ދެން އެންމެ ކައިރީގަ އޮތް ފަޅަކީ ގުޅީފަޅު. ގުޅީފަޅުގަ އެބައޮތް ގޯތި ދެވެން.

- ޑރ. މުހައްމަދު މުއިއްޒު

މިހާރުގެ ސަރުކާރުގެ ބައެއް ސިޔާސަތުތައް މާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ދިމާނުވާކަން މުއިއްޒު ފާހަގަކުރެއްވި އެވެ. އެގޮތުން ގުޅީފަޅު އެހެން ބޭނުންތަކަށް ދޫކޮށްލުމުގެ ބަދަލުގައި އެތަނުން މާލެ ރައްޔިތުންނަށް ގޯތި ދެވޭނެ ގޮތް ހަމަޖެއްސުމަށް ރައްޔިތުންގެ ފަރާތުން ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

Articl Inline Image

މުއިއްޒު ވިދާޅުވީ ގުޅީފަޅުގެ ބައިކުޅަ ބައިން ތަންކޮޅެއް މާލެ ރައްޔިތުން ގެދޮރުވެރި ކުރުވަން ހާއްސަ ކުރުމުގެ ބަދަލުގައި މުޅި ގުޅީފަޅަކީ މާލެ ރައްޔިތުން ގެދޮރުވެރިކުރުވަން އޮތް ތަނެއްގެ ގޮތުގައި ހަދަންޖެހޭ ކަމަށެވެ. އަދި އެކަން އެގޮތަށް ސަރުކާރަށް ހުށަހަޅުއްވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ހުންނެވީ ވަރުގަދަ އަޒުމެއްގަ އެވެ. ވިދާޅުވީ "އިރާދަކުރެއްވިއްޔާ އެކަން ހާސިލްވެސް ކުރައްވާނެ" ކަމަށެވެ. މުއިއްޒު އަކީ ރައްޔިތުންގެ ފަޅީގައި ހުންނަވައިގެން ރައްޔިތުންނަށް މަސައްކަތް ކޮށްދެއްވާނެ މޭޔަރެއްކަމުގައި އޭނާ ވިދާޅުވި އެވެ. މިއީ މާލެ ސިޓީއަށް އާ ކަމަކަށް ވެދާނެ އެވެ. އެހެންނަމަވެސް ނަތީޖާ ނެރެދެވޭނެކަމުގެ ބޮޑު އުއްމީދެއް އޮތް މޭޔަރަކީ ޑރ. މުއިއްޒު އެވެ.