މާލޭގެ ޕާކިން މައްސަލަ ހައްލުކުރަން ޑރ. މުއިއްޒުގެ ޕްލޭން

ކައުންސިލް އިންތިހާބުގެ ކެމްޕެއިން ރީލޯންޗު ކުރުމުގެ ޖަލްސާގައި މުއިއްޒު ވާހަކަ ދައްކަވަނީ
ކައުންސިލް އިންތިހާބުގެ ކެމްޕެއިން ރީލޯންޗު ކުރުމުގެ ޖަލްސާގައި މުއިއްޒު ވާހަކަ ދައްކަވަނީ
ބުދަ , 07 އޭޕްރިލް 2021 | 18:11

މާލޭގެ ތޮއްޖެހިފައިވާ މާހައުލުގައި ހުރި އެތަކެއް މައްސަލަތަކެއް އެބަ ހުއްޓެވެ. އޭގެ ތެރެއިން އެއް މައްސަލައަކީ މާލޭގައި ދުއްވާ އެއްގަމު އުޅަނދުތައް ޕާކު ކުރާނެ އެކަށީގެންވާ ޖާގަ ނެތުމެވެ. މިކަމުގެ ސަބަބުން ގިނަގުނަ ނަތީޖާތަކެއް އެބަ ނިކުމެ އެވެ. އެގޮތުން ޓްރެފިކް އެކި އެކި ކަންކަމާއި ގުޅިގެން ޖޫރިމަނާ ކުރުމާއި އެކަމުގެ ސަބަބުން ސައިކަލާއި ކާރު ގެންގުޅޭ އެތައް ބަޔެއްގެ އާމްދަނީ އޭގެ އަސަރު ކުރެ އެވެ. މިއީ މާލޭގައި ދިރިއުޅޭ ރައްޔިތުންނާއިއެކު މުޅި އާބާދީއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ.

ޕާކިންއާއި ޓްރެފިކް އެކިއެކި މައްސަލަތައް ހައްލު ކުރުމުގައި މާލޭ ސިޓީ ކައުންސިލަށް އަދާކުރެވިދާނެ ރޯލަކީ ކޮބައިކަން މާ ސާފުކޮށް އޮޅުން ފިލާފައި ނޯވެދާނެ އެވެ. އެއީ ވޭތުވެދިޔަ ކައުންސިލްތަކުން މިކަމަށް މާ ބޮޑެތި މަސައްކަތްތަކެއް ކުރިތަނެއް ނުފެނުނީމަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޑރ. މުހައްމަދު މުއިއްޒު ހައުސިންގް މިނިސްޓަރަކަށް ހުންނަވައިގެން މާލޭގައި ގިނަ ޕާކީން ޒޯނުތަކެއް ތަރައްގީ ކުރި އެވެ. އަދި އޭގެ ފަހުން މި ސަރުކާރުގައިވެސް ބައެއް ޕާކިން ޒޯނުތައް ތަރައްގީ ކުރި އެވެ. މިހާރު އޮތް ސިޓީ ކައުންސިލުންވެސް އެކަމުގައި ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް ކުރި އެވެ. އެހެންނަމަވެސް ޕާކިން މައްސަލަ ހައްލު ކުރުމަށް ސިޓީ ކައުންސިލަށް ބޮޑު ޕްލޭނެއް ތައްޔާރު ކުރެވި ސަރުކާރުގެ މުއައްސަސާތަކާއި ގުޅިގެން އެކަން ކުރެއްވުމަށް މާލެ ސިޓި މޭޔަރުކަމަށް ވާދަކުރައްވާ ޑރ. މުއިއްޒު މި ހުންނެވީ ތައްޔާރުވެ ވަޑައިގެންނެވެ.

އެންމެ ފުރަތަމަވެސް މުއިއްޒު ފާހަގަކުރެއްވީ ޕާކިންއާއި ޓްރެފިކްގެ މައްސަލަތަކުގައި ސިޓީ ކައުންސިލަށް އެކަނި އެއްވެސް މަސައްކަތެއް ނުކުރެވޭނެ ކަމެވެ. އެއީ މިކަމުގައި ޓްރެފިކް ޕޮލިހާއި ޓްރާންސްޕޯޓު މިނިސްޓްރީގެ ބައިވެރިވުން ވަރަށް ބޮޑަށް އޮތީމައިކަމަށް މުއިއްޒު ވިދާޅުވި އެވެ.

ޕާކިންގް ނޫނިއްޔާ ޓްރެފިކާއި ގުޅޭ މައްސަލަތަކަކީ ގާނޫނެއްގެ ތެރެއިން ވަކި ގޮތަކަށް ތަންފީޒު ކުރެވެން ހުންނަ ކަމެއް. އެއީ މައިގަނޑު ގޮތެއްގައި މިއޮންނަނީ ތިން އިދާރާއެއް. ސިޓީ ކައުންސިލް، ޓްރެފިކް ޕޮލިސް، ޓްރާންސްޕޯޓު އޮތިރިޓީ. ތިންބައި މީހުން ގުޅިގެން ކުރަންޖެހޭ ކަމެއްގެ ގޮތުގަ މިއޮންނަނީ.

- ޑރ. މުހައްމަދު މުއިއްޒު

މުއިއްޒު ވިދާޅުވީ މި ސަރުކާރު އައިފަހުން ތިން މުއައްސަސާ ގުޅިގެން މާލޭގެ ޕާކިން މައްސަލަތައް ހައްލުކުރަން މަސައްކަތް ނުކުރާ ކަމަށާއި އެހެންނަމަވެސް އެމަނިކުފާނުގެ މޭޔަރުކަމުގައި ސިޓީ ކައުންސިލުން އިސްނަގައިގެން އަނެއް ދެ އިދާރާއާއި ގުޅިގެން މިމައްސަލަ ހައްލު ކުރަން މަސައްކަތްތަކެއް ފައްޓަވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ޓްރާންސްޕޯޓު އޮތޯރިޓީއާއި ޓްރެފިކް ޕޮލިހުން ކަންކަން ކުރޭތޯ ބަލަން ނުހުރެ އެކަންކަން ކުރުމަށް އަމިއްލައަށް އިސްނަގައިގެން ސިޓީ ކައުންސިލުން ދާނެ ކަމަށެވެ.

މާލޭގަ ވަރަށް ވެހިކަލް ގިނަ. ވެހިކަލް ގިނަވުމަކީ ރައްޔިތުންގެ މައްސަލައެއް ނޫން. އާބާދީ އިތުރުވާ ވަރަކަށް ޒަރޫރީ ބޭނުންތަކަށްވެސް އަދި ލަގްޒަރީއަށްވެސް ހޯދާނެ ވެހިކަލް. އެއީ އެމީހެއްގެ ކެރިފޯރުންތެރިކަން ހުންނަ ވަރަކުން ކުރާ ކަމެއް. ސަރުކާރުގެ ސިޔާސަތު އޮންނަން ޖެހޭނީ ކިހިނެއްތޯ މެނޭޖު ކުރާނީ. އެއީ ސިޓީ ކައުންސިލުން އޭގައި ކުރަން އޮންނަ ކަމެއް ނޫން.

- ޑރ. މުހައްމަދު މުއިއްޒު

މުއިއްޒު ވިދާޅުވީ ވެހިކަލް އެތެރެކުރާ މިންވަރު ސިޓީ ކައުންސިލަށް ކޮންޓްރޯލް ނުކުރެވުނުނަމަވެސް ބައިވެރިއެއްގެ ގޮތުން އުޅަނދުތައް މެނޭޛު ކުރެވިދާނެ ކަމަށެވެ.

ޕާކިން މައްސަލަ ހައްލު ކުރުމަށްވެސް މުއިއްޒުގެ ޕްލޭނެއް އެބަ އޮތެވެ. އެގޮތުން މާލޭގެ އެކި ހިސާބުތަކުގައި ޒަމާނީ ފެންވަރުގެ އިމާރާތްތަކެއް ތަރައްގީކޮށް އެއިމާރާތްތަކުގެ ބައެއް ފްލޯތައް ޕާކިންއަށް ހާއްސަ ކުރުން ހިމެނެ އެވެ. މުއިއްޒު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ހިމެނޭހެން މި މަސައްކަތަށް އިންވެސްޓަރުން ހޯދައިގެން އެކަން މާލޭގައި ކުރެވިދާނެ ކަމަށެވެ.

މިސާލަކަށް 10 ބުރި 15 ބުރީގެ އިމާރާތެއްގައި އޭގެ 5 ބުރި ޕަބްލިކް ޕާކިންއަށް ދޭ ޖާގައަކަށް ހެދިދާނެ. ދެން ހުރި ބައިތަކަކީ އެމީހުންގެ ބޭނުންތަކަށް އޮފީސް ވިޔަސް، ރެސްޓޯރެންޓު ވިޔަސް ހިންގަން ދޭ ތަނަކަށް ހެދިދާނެ. އެކަހަލަ ކޮންސެޕްޓަކުން މާލޭގެ ހަތަރު ފަސް ސަރަހައްދެއްގައި ޕާކިން އިމާރާތްތަކެއް އެޅިއްޖެއްޔާ ވަރަށް ގިނަ މީހުން ބޭނުންކުރާނެ އެތަންތަން

- ޑރ. މުހައްމަދު މުއިއްޒު

މީގެ އިތުރުން މިހާރު މާލޭގެ މަގުތަކުގައި ޕާކު ކުރާ ގޮތްވެސް ކޮންމެވެސް ވަރަކަށް ބަދަލުކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ. އެގޮތުން ބައެއް ހިމަ ގޯޅިތަކުގައި ސީދާ ހުރަހަށް ޕާކު ކުރުމުގެ ސަބަބުން މަގުގައި ހިނގާބިނގާވެ އުޅުމުގެ އިތުރުން އިތުރު ޕާކިންއަށްވެސް ޖާގަ ގެއްލިގެން ދާކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވަނީ މާލޭގައި ހުންނަ ގެތަކުން ވަދެ ނިކުމެ އުޅުމަށްވެސް ދަތިވެފައިވާކަން ފާހަގަކުރައްވައި އެކަންކަން ރަނގަޅު ކުރުމަށްވެސް ސިޓީ ކައުންސިލުން މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޖޫރިމަނާ ކުރުމާއި ގުޅޭގޮތުން މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ބޮޑު ބުރައަކަށް ވާނެ ގޮތަށް ސަރުކާރުން އެކަން ކުރާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އެހެންނަމަވެސް ޖޫރިމަނާ ކުރުމަކީ ސިޓީ ކައުންސިލުން ކުރާ ކަމެއް ނޫންކަމަށާއި އެއީ ޓްރެފިކް ޕޮލިސްގެ މަސްއޫލިއްޔަތެއް ކަމަށެވެ. ހާއްސަކޮށް ޓެކްސީ ޑްރައިވަރުންނަށް ޖޫރިމަނާގެ މައްސަލަ ބޮޑުވެފައިވާކަމަށް މުއިއްޒު ވިދާޅުވި އެވެ. އެއާއެކު ޖޫރިމަނާއާއި ގުޅިގެން ސިޓީ ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ކޮށް އެކަން ހައްލުކުރުމަށްވެސް މަސައްކަތް ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން މުއިއްޒު ވަނީ މާލޭގެ މަގުތައް ފެންވަރު ރަނގަޅުކުރުމަށްވެސް ސިޓީ ކައުންސިލުން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

މުއިއްޒު ހައުސިންގް މިނިސްޓަރުކަމުގައި ހުންނަވައިގެން ވަނީ މާލޭގެ ވަށައިގެން އޮންނަ ރިންގު ރޯޑު ޒަމާނީ ފެންވަރަށް ތަރައްގީކޮށްފަ އެވެ. މީގެ އިތުރުން މާލޭގެ ބައެއް ހިމަ ގޯޅިތަކުގައި ދުއްވާއެއްޗެހި ނުދުއްވޭހެން ކުޑަކުދިންނަށް ނިކުމެ އުޅެވޭ ތަނެއްގެ ގޮތުގައިވެސް މުއިއްޒު ވަނީ ތަރައްގީ ކުރައްވައިފަ އެވެ.