އެންމެންނަށް ރާއްޖޭގެ ނަން އަނެއްކާވެސް ކަމުގޮސްފި، ޝުކުރިއްޔާ!

ރައީސް ޞާލިޙު ފޮރިން މިނިސްޓަރާއެކު
ރައީސް ޞާލިޙު ފޮރިން މިނިސްޓަރާއެކު
ހޮނިހިރު , 15 ފެބްރުއަރީ 2020 | 11:11

ސަރުކާރެއް ބަދަލުވުމާއެކު އެންމެ ބޮޑު ބަދަލެއް އަންނަ އެއް ދާއިރާއަކަށް ވަނީ ޚާރިޖީ ދާއިރާއެވެ. ޚާރިޖީގޮތުން އެކި ވެރިން ގެންގުޅެނީ އެކި ސިޔާސަތުތަކެވެ. ސިޔާސަތުތަކަށްވުރެއް ބޮޑަށް އެކި ސަރުކާރުތަކުން ގުޅުން ޤާއިމްކޮށް ވަރުގަދަކުރަން ބޭނުންވަނީ އެކި ޤައުމުތަކާއޭ ދެންނެވުން އައުލާކަން ބޮޑެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންމެ އަރިސް ޤައުމަކަށް ހަމަ ޔަޤީނުންވެސް ވީ ބިޔަ އިޤްތިޞާދުގެ ވެރި ޗައިނާއެވެ. އެހެން އެއްވެސް ޤައުމަކަށްވުރެއް ޗައިނާއިން ރާއްޖެއަށް ދެމުންދިޔަ އެހީތައް އެ ސަރުކާރުގައި ކުއްލިއަކަށް އިތުރުވިއެވެ. ތަރައްޤީގެ މަޝްރޫޢުތަކާއި ލޯނު އެހީތައްވެސް ޗައިނާއިން ދިޔައީ ރާއްޖެއަށް ދެމުންނެވެ. މަޝްރަހު ދިރާސާކުރައްވާ ފަރާތްތަކުން އޭރު ވިދާޅުވަމުން ގެންދެވީ ޗައިނާފަދަ ވަރުގަދަ އިޤްތިޞާދެއް އޮތް ޤައުމަކާއެކު ގުޅުން ބަދަހިކުރުމަކީ ހެޔޮ ފާލެއްކަމަށެވެ.

ޗައިނާގެ އިތުރުން ސައުދީ އަރަބިއާ ފަދަ މަދު ޤައުމަކާއެކުވެސް ރައީސް ޔާމީންގެ ސަރުކާރުން ގުޅުން ބަދަހިކުރިއެވެ. އެހެންނަމަވެސް ނުރައްކަލަކަށް ހުށަހެޅުނީ އެހެން ގިނަ ޤައުމުތަކާ ގުޅުން ހީނަރުވާން ދިމާކުރި ހިސާބުންނެވެ. ޝައްކެއްވެސް ނެތްގޮތުގައި އެއް ޤައުމަކާ މާބޮޑަށް ގާތްވެއްޖެނަމަ ދެން ނިކުންނާނީވެސް މި ނަތީޖާއެވެ. ބައިނަލްއަޤުވާމީ ބޮޑެތި ޖަމިއްޔާތަކާ އޭރު ރާއްޖެއިން ވަކިވާން ނިންމުން ވެގެންދިޔައީވެސް ރާއްޖޭއާ އޮތް ގުޅުން އެހެން ޤައުމުތަކާއެކު ހީނަރުވެގެން ދިޔަ ކަމަކަށެވެ. ހަޤީޤަތުގައި ރާއްޖެއާމެދު ދުނިޔޭގެ ޤައުމުތަކުން ގެންގުޅުނު ނަޒަރިއްޔާ ބަދަލުވީ މިހާހިސާބުންނޭ ދެންނެވިދާނެއެވެ. ރާއްޖޭގެ ނަން އެމީހުންނަށް ހުތުރުވީވެސް މިފަދަ އެތައް ކަމެއްގެ ސަބަބުންނޭ ދެންނެވިދާނެއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވެރިކަމާއި ޙަވާލުވެވަޑައިގެންނެވުމަށްފަހު ބައިނަލްއަޤުވާމީ ގުޅުންތައް ވަރުގަދަ ކުރުމުގެ މަސައްކަތް ލަސްތަކެއް ނުވެ ފެއްޓެވިއެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދަތުރުފުޅުތައް މިކަމަށް ހެކިދެއެވެ. އަވައްޓެރި އިންޑިޔާއާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވަނިކޮށް އަނެއްކާވެސް މިގުޅުންވެސް ވަރުގަދަ ވެއްޖެއެވެ. ލަސްތަކެއް ނުވެ ކޮމަންވެލްތުގެ މެމްބަރުކަން ރާއްޖެއަށްލިބި ރާއްޖޭގެ ދިދަ އުފުލާލުމުގެ ޝަރަފު އަނެއްކާވެސް ލިބިއްޖެއެވެ. އެތައް ޤައުމަކާއެކު ގުޅުން ރަނގަޅުވާން ފަށައިފިއެވެ.

ރައީސް ޞާލިހުގެ މިވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދުނު އެއް ދާއިރާއަކީ ޚާރިޖީ ދާއިރާއޭ ދެންނެވުން ކުށަކަށް ނުވާނެއެވެ. ކޮމަންވެލްތުގެ މެމްބަރަކަށް ރާއްޖެ ވުމާއެކު އެޖަމިއްޔާގެ މެމްބަރު ގިނަ ޤައުމުތަކަށް އޮން އެރައިވަލް ވިސާ ހަމަޖެހުން އެކަނިވެސް ހެއްކަކަށް ފުދެއެވެ. މީގެ އިތުރުން މާތްވެގެންވާ ހައްޖުގެ އަޅުކަމަށް ދާ ސައުދީ އަރަބިޔާއިންވެސް އޮން އެރައިވަލް ވިސާ ހަމަޖެހުނީ މި ސަރުކާރުގައެވެ. މިވަގުތު މަސައްކަތް ކުރަމުންދަނީ ރަޝިޔާއިންވެސް މި އިންތިޒާމު ހަމަޖެއްސުމަށެވެ.

Articl Inline Image

ދިވެހިރާއްޖެއަކީ ކުޑަ ކުޑަ ޤައުމެކެވެ. ވަޞީލަތްތައް މަދު، އުފެއްދުންތެރިކަން ނިސްބަތުން ދަށް ޤައުމެކެވެ. ވީއިރު އެހެން ޤައުމުތަކާއެކު ރާއްޖެއިން ރަނގަޅު ގުޅުމެއް ޤާއިމްކޮށްފައި އޮތުން ވަރަށް މުހިންމުވެއެވެ. ރާއްޖޭގެ ނަން އެންމެންނަށްވެސް ކަމުގޮސްފައި އޮތުން މުހިންމުވެއެވެ. ބޮޑު މަންޒަރަށް ބަލާނަމަ އެތައް އަހަރެއް ފަހުން އަނެއްކާވެސް ދިވެހިރާއްޖެއަށް ޙައްޤު މިންވަރު ބައިނަލްއަޤުވާމީ ގޮތުން ލިބެން މިވަނީ މިސްރާބު ޖަހާފައެވެ. މުއްސަނދި އިންވެސްޓަރުންނަށްވެސް ރާއްޖޭގެ ނަން ކަމުދާންޖެހެއެވެ. އެމީހުން އިންވެސްޓުކުރަން އަންނާނީވެސް އޭރުންތާއެވެ. މިކަމަށްޓަކައި ކުރެވޭ މަސައްކަތުގައި ރައީސް ޞާލިހު މިވަނީ ކުރިއެރުން ހޯދާފައެވެ. ދެން އިންތިޒާރު ކުރެވެނީ ބިޔަ ޕްރޮޖެކްޓަކަށް އިންވެސްޓުކުރަން އެމީހުން އަންނާނެ ދުވަހަކަށެވެ.