ރައީސް ޞާލިޙު ސްލޯއީ ހެއްޔެވެ؟ ނޫނީ ރައީސް ޔާމީން މާ ފާސްޓީ ހެއްޔެވެ؟

ރައީސް ޞާލިހާއި ރައީސް ޔާމީން
ރައީސް ޞާލިހާއި ރައީސް ޔާމީން
ހުކުރު , 14 ފެބްރުއަރީ 2020 | 20:38

2018 ވަނަ އަހަރު ރިޔާސީ އިންތިހާބަކާ ދިވެހިރާއްޖެ ކުރިިމަތިލިއިރު ސިޔާސީ މަސްރަހު އޮތީ ވަރަށްވެސް ހަލަބޮލިކޮށެވެ. އެތައް ސިޔާސީ ބޭފުޅުންނެއް ޖަލުގެ ކުޑަގޮޅީގައި ދުވަސްތައް ހޭދަކުރައްވަނީއެވެ. ބައެއް ސިޔާސީ ބޭފުޅުން އަރުވާލެވިފައި ޤައުމުން ބޭރުގައެވެ. އިދިކޮޅު ޕާޓީއެއްގެ މަސައްކަތް ކުރަން އެއްބަޔަކު ރެއެއް ދުވާލެއް ބެލުމެއްނެތި މަސައްކަތް ކުރަމުން ދިޔައީއެވެ. އޭރު ވެރިކަމުގައި ހުންނެވި އަބްދުﷲ ޔާމީން ފިޔަވާ ސިޔާސީ ގޮތުން ތަޖުރިބާ ތިއްބެވި ހުރިހާ ލީޑަރުންހެން ތިއްބެވީ އެކަތިގަނޑަކަށްވެ ކޯލިޝަން ހައްދަވައިގެންނެވެ.

އޭރު އެތައް ކަމެއް ގޯސްކޮށް ހިނގަމުން ދިޔަކަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. ކޮރަޕްޝަނުން ފެށިގެން ކޯޓުތަކުގެ މަސައްކަތްތައްވެސް އޮތީ ގޯހުން ގޯހަށް ގޮސްފައެވެ. ހުރިހާ ބާރުތަކެއްހެން އެއްވެ، ވާއެއް ނުވާއެއް އޮޅުން ނުފިލާހާވެއެވެ. އެހެންނަމަވެސް އެއްކަމަކާމެދު އެންމެންވެސް އެއްބަސްވެއެވެ. ރައީސް ޔާމީންގެ ތަރައްޤީގެ ދުވެލީގެ ހަލުވިކަމެވެ. ބްރިޖު އެޅުމުން ފެށިގެން ބޮޑެތި އުސް އިމާރާތްތައް ކޮޅަށް ޖެހުމުގައި ޔާމީނުގެ 5 އަހަރަކީ އާދަޔާ ޚިލާފަށް ހަލުވި 5 އަހަރެވެ. އޭރު އިދިކޮޅުގައި ތިއްބެވި ފަރާތްތަކުންވެސް މިކަމަށް އެއްބަސްވާކަމުގެ ހެއްކަކީ ކެމްޕެއިން ކުރުމަށް ބޭއްވި ޖަލްސާތަކުގައި ތަރައްޤީއަކީ ކޮންކްރީޓުން ގެނެވޭނެ އެއްޗެއް ނޫންކަމަށް ލީޑަރުން ވިދާޅުވަމުން ގެންދެވުމެވެ.

ކޮންމެއަކަސް އިދިކޮޅު ހުރިހާ ޕާޓީތައް އެކުވެ ރައްޔިތުންނަށް ދެއްކި އާ ވެރިޔަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހެވެ. ރައީސް ޞާލިހުގެ އިސް ވަޢުދަކަށް ވީ ޤައުމު އިސްލާހުގެ މަގަށް އެޅުވުމެވެ. އަނިޔާ ލިބެމުން ދިޔަ މީހުން އެކަމުން މިންޖު ކުރުމެވެ. އޭގެ ތެރޭގައި ސިޔާސީ ގިނަ ބޭފުޅުން ހިމެނެއެވެ. ކޯޓުތައް އިޞްލާހު ކުރުމެވެ. މިފަދަ ގިނަ ވަޢުދުތަކެއް ރައްޔިތުންނަށްވީއިރު ފްރަންޓް ލައިނެއްގެ ގޮތުގައި ރައްޔިތުންގެ ލޮލުގައި އޭރު އެޅުވި އެންމެ ވަރުގަދަ ކަމަކީ މިދެންނެވި ގޮތަށް އިންސާފު ލަފްޒެވެ. ތަރައްޤީގެ ވާހަކަ އޭރު އޮތީ ފަނޑުކޮށް ފަހަތު ޕެރެގްރާފެއްގައި ހިމަނާފައެވެ. ރައްޔިތުން ރައީސް ސާލިހަށް ވޯޓު ދިނީވެސް އިންސާފު ބޭނުންވެގެންނެވެ. ގިނަ ބަޔަކަށް ނުހައްޤުން ލިބެމުންދިޔަ އަނިޔާތަކަށް ނިމުމެއް ގެނައުމަށެވެ.

މިއަދު މިއޮތީ ރައީސް ޞާލިޙުގެ ވެރިކަމެވެ. ވެރިކަމަށް އަހަރެއްވެ، ދެއަހަރުވާން މިދަނީއެވެ. މިއަދު ރައްޔިތުންގެ ޝަކުވާތައް އިތުރުވެއްޖެއެވެ. ފްލެޓު ނުދީގެންނެވެ. ބޯހިޔާވަހިކަން ނުލިބިގެންނެވެ. މާލެ، ތިލަފުށި ބްރިޖު ނުފެށިގެންނެވެ. ޕިކްނިކް އައިލެންޑެއް ނުދެއްކި ގިނަ ދުވަސް ވެގެންނެވެ. ޓީޗަރުންގެ މުސާރަ ބޮޑު ނުކޮށްގެންނެވެ. ނުވިތާކަށް ރިޒޯޓު މުވައްޒަފުންނަށް ވީ ވަޢުދުވެސް ނުފުއްދައިގެންނެވެ.

މިދެންނެވި ކޮންމެ ވަޢުދަކީ ރައީސް ޞާލިހުގެ އެޖެންޑާގައި ހިމަނާފައިވާ ވަޢުދުތަކެވެ. ސަރުކާރުން ބުނާ ގޮތުގައި މަސައްކަތް ކުރިއަށްދޭވެސްމެއެވެ. އެކަމަކު ޢަމަލުން މިއިން އެއްވެސް ކަމެއް ކުރާތަނެއް ނުފެނެއެވެ. ހައްތަހާވެސް ތައްޔާރު ކުރަނީ އޮނިގަނޑުތަކެވެ. އެކުލަވާލަނީ ބިލުތަކެކެވެ. ނޫނީ ކަރުދާހުގައި ކޮންމެވެސް ނަމްބަރުތަކެއް ޖެހުމުގައި އެތައް މަހެކެވެ. މިއަދު ރައީސް ޞާލިހަކީ ތަރައްޤީގެ ދުވެލީގައި ސްލޯ ވެރިއެއްކަމަށް ޤަބޫލުކުރުމަށް ފުރުސަތުދެވޭ ހިސާބަށް ކަންކަން ގޮއްސިއެވެ. ނޫނީ ގޮއްސިހެއްޔެވެ؟ ރައީސް ޔާމީންގެ ފާސްޓުކަމުން މިސަރުކާރުގެ ކަންކަން ސްލޯކަމަށް ފެންނަނީ ހެއްޔެވެ؟ މިއީ މިއަދު ކޮށްލުން ރަނގަޅު ސުވާލެކެވެ.

އެހެން މުހިންމު ސުވާލެއްވެސް އެބަ އޮތެވެ. ދިވެހިރާއްޖެއަށް ބޭނުންވަނީ ކޮން ކަހަލަ ވެރިއެއް ހެއްޔެވެ؟ ތަރައްޤީގެ ދުވެލި މެކުހަށް ޖަހާފައި އެހެން ހުރިހާކަމެއް ވާނެ ގޮތަކަށް ވާން ދޫކޮށްލާ ވެރިއެއް ހެއްޔެވެ؟ ނޫނީ ތަރައްޤީ ފަހަތު ސަފްހާއަކަށް ލާފައި އިންސާފު ފަލަ ސުރުހީގައި ޖަހާލައިގެން ގޮނޑީގައި އިންނަ ވެރިއެއް ހެއްޔެވެ؟

ކޮރަޕްޝަން އޯކޭ އެއް ނޫނެވެ. އެހެންނަމަވެސް އޭރު ވެރިން ޖީބަށް އަޅަމުން ދިޔައީ ބޮޑެތި އަދަދުތަކުން ޤައުމަށް އިތުރަށް ވައްދަމުންދިޔަ ފައިސާކަންވެސް ޤަބޫލުކުރަން ޖެހެއެވެ. ބޭރުގެ ޤައުމުތަކުން އޭރު ފައިސާ ބޮޑެތި އަދަދުތަކުން ވެއްދިކަންވެސް ޤަބޫލުކުރަން ޖެހެއެވެ. އެއީ ހަމަ ރައްޔިތުންގެ ފައިސާއެވެ. އެފައިސާއިން އެންމެ ލޯ ލާރިއެއްވެސް ޖީބަށް ލެވިދާނެކަމަށް ޤަބޫލުކުރެވިގެންވެސް ނުވާނެއެވެ. މިހާރު ވަންނަ ފައިސާއިން ކަމެއް ނުކުރަނީހެއްޔެވެ؟ އިންވެސްޓަރަކުވެސް ނެތީހެއްޔެވެ؟