ހަޒާޑާއި ކަސިމޭރޯ ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ސްޕެއިންގެ ރެއާލް މެޑްރިޑްގެ ދެ ތަރިން ކަމަށްވާ އެޑަން ހަޒާޑާއި ކަސިމޭރޯ ކޮވިޑް އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހަޒާޑާއި ކަސިމޭރޯ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ސްޕެއިން ލީގުގައި އާދިއްތު ދުވަހުގެ ރޭ ވެލެންސިއާއާ ދެކޮޅަށް ރެއާލް ކުޅޭ މެޗުގެ ކުރިން އެ ޓީމުގެ ކުޅުންތެރިން ކުރި ޓެސްޓްތަކުންނެވެ.
ބެލްޖިއަމްގެ މިޑްފީލްޑަރ ހަޒާޑް ކޮވިޑަށް މި ޕޮޒިޓިވްވީ އަނިޔާގެ ސަބަބުން ބައެއް މެޗުތައް މި ސީޒަން ގެއްލިފައިވަނިކޮށެވެ. ކޮވިޑަށް ޕޮޒިޓިވްވުމާއެކު، ހަޒާޑަށް އަނެއްކާ ވެސް އިތުރު މެޗުތަކެއް ގެއްލޭނެ އެވެ. މި ސީޒަންގައި ހަޒާޑް މިހާތަނަށް ކުޅެފައިވަނީ ތިން މެޗެވެ.
ބްރެޒިލްގެ ޑިފެންސިވް މިޑްފީލްޑަރ ކަސިމޭރޯ ޕޮޒިޓިވްވިއިރު، އޭނާ އަކީ މި ސީޒަންގައި ރެއާލް މިހާތަނަށް ކުޅުނު ހުރިހާ މެޗެއްގައި ވެސް ފެނިފައިވާ ކުޅުންތެރިއެކެވެ. މި ދެ ކުޅުންތެރިން ވެސް ހުކުރު ދުވަހު އޮތް ރެއާލްގެ ފަރިތަކުރުންތަކުގައި ބައިވެރިވި އެވެ. އެކަމަކު އެންމެ ފަހުން ކުރި ޓެސްޓްތަކުން، ރެއާލްގެ ޓީމުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މި ދެ ކުޅުންތެރިންނެވެ.
މިދިޔަ ހަފުތާގައި ރެއާލްގެ ބްރެޒިލް ޑިފެންޑަރު މިލިޓާއޯ ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.