ވޯލްޑް ކަޕް ކޮލިފައިން: ޗައިނާ އަދި ސީރިއާއާ ދެކޮޅަށް އަންނަ މާޗު މަހު ރާއްޖެ ނިކުންނަނީ

ގައުމީ ފުޓްބޯޅަ ޓީމު
ގައުމީ ފުޓްބޯޅަ ޓީމު
ބުރާސްފަތި , 12 ނޮވެމްބަރ 2020 | 20:27

ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕާއި 2023 އަހަރުގެ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގެ ދެވަނަ ބުރުގެެ މެޗުތައް އަންނަ އަހަރުގެ މާޗު މަހު ބާއްވަން އޭއެފްސީން ކަނޑައަޅައިފިއެވެ.

މުބާރާތުގެ ދެވަނަ ބުރުގައި ރާއްޖެ ވާދަކުރަމުން އަންނައިރު، އޭއެފްސީން ބުދަ ދުވަހު ބޭއްވި ބައްދަލުވުމަށްފަހު ކޮމްޕެޓިޝަންސް ޑިޕާޓްމަންޓުން ނިންމާފައިވަނީ ކޮވިޑް-19 ގެ ސަބަބުން ފަސްކޮށްފައިވާ ދެވަނަ ބުރުގެ މެޗުތައް އަންނަ އަހަރުގެ ޖޫން 15 ގެ ކުރިން ނިންމާލުމަށްފަހު، ސެޕްޓެމްބަރ މަހުގެ ތެރޭގައި ފައިނަލް ބުރުގެ ކުޅުން ފެށުމަށެވެ.

ކޮލިފައިންގައި ބާކީ ތިން މެޗު ރާއްޖެއިން ކުޅެން ޖެހޭއިރު، އޭއެފްސީން ނިންމީ އޭގެތެރެއިން ދެ މެޗު އަންނަ މާޗު މަހު އަދި އަނެއް މެޗު ޖޫން މަހު ކުޅުމަށެވެ. އެގޮތުން މާޗު މަހު ޗައިނާއާ ދެކޮޅަށް ކުޅުމަށްފަހު، އެމަހު ދެން ރާއްޖެ ކުޅޭނީ އަމިއްލަ ދަނޑުގައި ސީރިއާއާ ދެކޮޅަށެވެ. އަދި އެއަށްފަހު ޖޫން މަހު ރަށުން ބޭރުގައި ރާއްޖެ ނިކުންނާނީ ފިލިޕިންސްއާ ދެކޮޅަށެވެ.

މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު ފެށި ކޮލިފައިންގެ މެޗުތައް ކުޅެން އޭއެފްސީން ތާވަލުކުރި ތިންވަނަ ފަހަރެވެ. އެންމެ ފުރަތަމަ މި މެޗުތައް މިއަހަރުގެ ޖޫން މަހު ކުޅެން ތާވަލުކޮށްފައި، ކޮވިޑް-19 ގެ ސަބަބުން މެޗުތައް ފަސްކުރީ މިދިޔަ އޮކްޓޫބަރ އަދި ނޮވެމްބަރ ގައި ކުޅޭށެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ފީފާ އާއި އޭއެފްސީން ވަނީ ކޮލިފައިންގެ މެޗުތައް އަނެއްކާވެސް ފަސްކޮށްފައެވެ.

ޗައިނާ، ސީރިއާ، ފިލިޕިންސް އަދި ގުއާމް ހިމެނޭ ގްރޫޕް އޭގައި ރާއްޖެ މިހާތަނަށް ފަސް މެޗު ކުޅެފައިވާއިރު، އޭގެ ތެރެއިން މޮޅުވެފައިވަނީ ދެ މެޗުންނެވެ. ބާކީ ތިން މެޗުން ރާއްޖެ ވަނީ ބަލިވެފައެވެ.

ގްރޫޕްގެ އެއްވަނައިގައި 15 ޕޮއިންޓާއެކު ސީރިއާ އޮތްއިރު، ދެވަނައިގައި ހަތް ޕޮއިންޓާއެކު އޮތީ ޗައިނާއެވެ. ޗައިނާއާ އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން ތިންވަނައިގައި ފިލިޕިންސް އޮތްއިރު، ހަތަރުވަނައިގައި އޮތީ ހަ ޕޮއިންޓާއެކު ރާއްޖެއެވެ. އަދި ފުލުގައި އެއްވެސް ޕޮއިންޓެއް ނުލިބި އޮތީ ގުއާމްއެވެ.

މި އަހަރުގެ ކުރީކޮޅު ގައުމީ ޓީމާ ހަވާލުވި މާޓިން ކޫޕްމަންގެ އިރުޝާދުގެ ދަށުން ގައުމީ ޓީމުން ވަނީ ކޮލިފައިންގެ މެޗުތަކަށް ފަރިތަކުރުންތައްވެސް ކުރިޔަށް ގެންގޮސްފައެވެ. ނަމަވެސް ކޮލިފައިންގެ މެޗުތައް ފަސްކުރުމާއެކު، ގައުމީ ޓީމުގެ ފަރިތަކުރުންތައް ވަނީ މެދުކަނޑާލާފައެވެ.