މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޑިއޭގޯ މެރަޑޯނާ މަރުވެއްޖެ

މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޑިއޭގޯ މެރަޑޯނާ މަރުވެއްޖެ އެވެ.
އޭނާ މަރުވިއިރު އުމުރަކީ 60 އަހަރެވެ.
ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މެރަޑޯނާ މަރުވީ ކާޑިއެކް އެރެސްޓެއްގެ ސަބަބުންނެވެ. މެރަޑޯނާއަކީ ހިތުގެ މައްސަލަތަކެއް ހުންނަ މީހެކެވެ. އެގޮތުން އޭނާއަށް ދާދިފަހުންވެސް ހާޓް އެޓޭކެއް ޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އޭނާ ވަނީ ވަރަށް ފަހުން ސިކުނޑީގެ ސާޖަރީއެއްވެސް ހަދައިފަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި މެރަޑޯނާއަށް ހާޓް އެޓޭކު ޖެހުނީ ސާޖަރީ ހެދުމަށްފަހު ހޮސްޕިޓަލުގެ އެޑްމިޓުން ދޫކޮށްލި ފަހުންނެވެ.
ފުޓުބޯޅަ ލެޖެންޑު މެރަޑޯނާ އެންމެ ފުރަތަމަ މަޝްހޫރުވެގެން ދިޔައީ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާއަށް ހޯދައިދިން ކެޕްޓަންގެ ގޮތުގަ އެވެ. އެ މުބާރާތުގެ ކުއާޓާ ފައިނަލުގައި އިންގްލެންޑް ކޮޅަށް އޭނާ ޖެހި ދެ ގޯލަކީވެސް ވަރަށް ބޮޑަށް މަޝްހޫރުވި ދެ ގޯލެވެ.
ފުޓުބޯޅަ ކުޅުމާއި މެރާޑޯނާ ދުރަށް ދިޔަ ނަމަވެސް މެނޭޖަރެއްގެ ގޮތުގައި އޭނާ ދިޔައީ ފުޓުބޯޅައަށް ހިދުމަތް ކުރަމުންނެވެ.
އެހެންނަމަވެސް ފަހުން އޭނާއަށް ވަނީ ސިއްހީ އެތައް މައްސަލަތަކަކާއި ކުރިމަތިލާން ޖެހިފަ އެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އޭނާ ފަހުން ގެންދިޔައީ މަސްތުވާތަކެތި ބޭނުން ކުރަމުންނެވެ. އަދި ސިއްހީ މައްސަލަތައް ކުރިމަތިވީ ބާރު ގަދަ މަސްތުވާތަކެތި ބޭނުން ކުރުމުން ކަމަށް ވެ އެވެ.