ޕްރިމިއާ ލީގު: އާސެނަލް އަތުން ޓޮޓެންހަމް މުހިންމު 3 ޕޮއިންޓް ހޯދައިފި

ޕްރިމިއާ ލީގުގައި އާސެނަލް އަތުން ޓޮޓެންހަމް ހޮޓްސްޕާސް މުހިންމު ތިން ޕޮއިންޓް ހޯދައިފިއެވެ.
އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން އާސެނަލް އަތުން ޓޮޓެންހަމް މޮޅުވީ 0-2 ގެ ނަތީޖާއަކުންނެވެ.
ޓޮޓެންހަމް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 13 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ކެޕްޓަން ހެރީ ކޭންގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ސޮން އެވެ.
މި ލަނޑަށްފަހުވެސް ޓޮޓެންހަމުން ދިޔައީ އާސެނަލްގެ ހާފަށް ބާރު ބޮޑު ކުރަމުންނެވެ. އެގޮތުން އާސެނަލްގެ އޭރިޔާ ތެރެއިން ގިނަ ހަމަލާތަކެއް ޓޮޓެންހަމުން ވަނީ އުފައްދާފައެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ޓޮޓެންހަމް އިން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ފުރަތަމަ ހާފްގެ އިތުރުވަގުތުގެ ތެރޭގައި ކާމިޔާބުކުރީ ސޮންގެ އެހީތެރިކަމާއެކު ކޭންއެވެ. މި ލަނޑާއެކު 11 ލަނޑާއެކު ކޭން ވެގެން ގޮސްފައިވަނީ ނޯތު ޑާބީސްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށެވެ. އޭނާއާ ޖެހިގެން ދެވަނައިގައި 11 ލަނޑާއެކު އޮތީ އެމެނުއެލް އަޑުބެޔޯއެވެ.
ދެވަނަ ހާފް ފެށިގެންވެސް އާސެނަލްއިން ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރިއެވެ. އެގޮތުން ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތެއް ލަކަޒޭޓްއަށް ލިބި ވަނީ ބޭކާރުވެފައެވެ.
މުޅި މެޗުގައި އާސެނަލް އިން ޕޮޒިޝަން ޑޮމިނޭޓް ކުރި ނަމަވެސް, ޓޮޓެންހަމްގެ ގޯލު ފޫ އަޅުވާލަން އެޓީމަށް މާ އެދެވޭ މަސައްކަތްތަކެއް ނުކުރެވެއެވެ. އޭގެ ބަދަލުގައި ޓޮޓެންހަމް އިން ވަނީ ގިނަ ހަމަލާތަކެއް އުފައްދާ, ލަނޑު ޖެހުމަށްވެސް ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ.
މި ނަތީޖާއައެކު ކުޅުނު 11 މެޗުން ލިބުނު 24 ޕޮއިންޓާއެކު ޓޮޓެންހަމް އޮތީ ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން ބަލިވިނަމަ, ޓޮޓެންހަމްއަށް އެއްވަނަ މަގާމު ގެއްލޭނެއެވެ. މެޗުން ބަލިވި އާސެނަލް އޮތީ ކުޅުނު 11 މެޗުން ލިބުނު 13 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 15 ވަނައިގައެވެ.