ޕްރިމިއާ ލީގު: ވުލްވްސް އަތުން ލިވަޕޫލް ބޮޑު މޮޅެއް ހޯދައިފި

ލިވަޕޫލް ކުޅުންތެރިން އުފާފާޅުކުރަނީ
ލިވަޕޫލް ކުޅުންތެރިން އުފާފާޅުކުރަނީ
ހޯމަ , 07 ޑިސެމްބަރ 2020 | 09:25

ޕްރިމިއާ ލީގުގައި ވުލްވްސް ބަލިކޮށް ލިވަޕޫލުން ބޮޑު މޮޅެއް ހޯދައި, ޕޮއިންޓް ތާވަލުގެ އެއްވަނައިގައި އޮތް ޓޮޓެންހަމްއާ ޕޮއިންޓްގެ ގޮތުން އަނެއްކާވެސް ހަމަހަމަ ކޮށްފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ވުލްވްސްއާ ބައްދަލުކޮށް ލިވަޕޫލް މޮޅުވީ 0-4 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

ލިވަޕޫލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުން ދިޔައީ އެޓީމުންނެވެ. އެގޮތުން އެޓީމުން ވަނީ ވުލްވްސްގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއްވެސް އުފައްދާފައެވެ.

ލިވަޕޫލުން މެޗުގައި ލަނޑު ޖަހާ ލީޑު ނެގީ 24 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހްއެވެ. މި ލަނޑަށްފަހުވެސް ލިވަޕޫލަށް ވަނީ ލީޑު ފުޅާކުރަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފްގައި ވުލްވްސްއަށް ވެސް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ވަނީ ލިބިފައެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެޓީމަށް ހިފޭ ގޮތް ވަނީ ނުވެފައެވެ. އެގޮތުން ފުރަތަމަ ހާފް ނިމިފައިވަނީ ސަލާގެ ލަނޑުން 0-1 ގެ ނަތީޖާއިން ވުލްވްސްގެ މައްޗަށް ލިވަޕޫލް ކުރީގައި އޮެވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ލިވަޕޫލުން އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައިވާއިރު, 58 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ހެންޑަސަންގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ވައިނަލްޑަމްއެވެ. އޭގެ ނުވަ މިނެޓު ފަހުން ލިވަޕޫލުން ވަނީ ލީޑު އިތުރަށް ފުޅާކޮށްފައެވެ. މި ލަނޑު ކާމިޔާބުކުރީ ސަލާގެ އެހީތެރިކަމާއެކު މަޓިޕްއެވެ.

މެޗުގެ 78 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ އެޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑަކީ ވުލްވްސްގެ ނެލްސަން ސިމޭޑޯ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މި ލަނޑަށްފަހުވެސް ލިވަޕޫލަށް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި ނަތީޖާއައެކު ލިވަޕޫލް ވަނީ ކުޅުނު 11 މެޗުން 24 ޕޮއިންޓް ހަމަކޮށްފައެވެ. ނަމަވެސް އެއްވަނައިގައި އޮތް ޓޮޓެންހަމްއާ ލިވަޕޫލް ޕޮއިންޓްގެ ގޮތުން ހަމަހަމަވި ނަމަވެސް, އެޓީމަށް ދެވަނަ ލިބެނީ ލަނޑުގެ ތަފާތުންނެވެ. މެޗުން ބަލިވި ވޮލްވްސް އޮތީ ކުޅުނު 11 މެޗުން ލިބުނު 17 ޕޮއިންޓާއެކު 10 ވަނައިގައެވެ.