އައިއޯއައިޖީ ބޭއްވުމުގެ ފުރުސަތު ރާއްޖެ އަތުން ބީވެ، މަޑަގަސްކަރަށް ފުރުސަތު ލިބިއްޖެ

އައިއޯއައިޖީ ރާއްޖޭގައި ބާއްވަން އިއުލާންކުރުމުގެ ތެރެއިން
އައިއޯއައިޖީ ރާއްޖޭގައި ބާއްވަން އިއުލާންކުރުމުގެ ތެރެއިން
ހޯމަ , 07 ޑިސެމްބަރ 2020 | 09:31

އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވަން ލިބުނު ފުރުސަތު ގެއްލި, މުބާރާތް މަޑަގަސްކަރައިގައި ބާއްވަން ނިންމައިފިއެވެ.

'ހަމައެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އައިއޯއައިޖީ މަޑަގަސްކަރައިގައި ބޭއްވުމަށް ނިންމީ އޮންލައިންކޮށް އާދީއްތަ ދުވަހުގެ ރޭ ކުރިޔަށްދިޔަ އައިއޯއައިޖީ ކައުންސިލް ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި އައިއޯއައިޖީ 2025 ވަނަ އަހަރަށް ފަސްކުރަން ރާއްޖެއިން ހުށަހެޅި ނަމަވެސް, އިތުރު ދެ އަހަރު މަޑު ކުރަން މެމްބަރު ގައުމުތަކުން ބޭނުން ނުވިއެވެ. އަދި މަޑަގަސްކަރައިން 2023 ވަނަ އަހަރު ގޭމްސް އެ ގައުމުގައި ބާއްވަން ހުށަހެޅުމުން, މެމްބަރު ފަސް ގައުމުން ވޯޓު ދިނީ އެގައުމުގައި ގޭމްސް ބާއްވާށެވެ.

އައިއޯއައިޖީ އަށް ތައްޔާރުވުމުގެ މަސައްކަތް މިދިޔަ އަހަރު ފަށާފައިވާއިރު، މިކަމަށް ހާއްސަ ކޮމިޓީއެއް ރާއިސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެކުލަވާލައި, ބާރު ސްޕީޑެއްގައި މަސައްކަތްތަކެއް ކުރިޔަށް ގެންދަވާފައެވެ. ނަމަވެސް މަސައްކަތްތަކަށް ބުރޫއަރާފައިވަނީ ކޮވިޑް-19 ގެ ސަބަބުންނެވެ.

އައިއޯއައިޖީ 2023 ވަނަ އަހަރު ހޮސްޓްކުރުމުގެ ބިޑް ރާއްޖެއިން ކާމިޔާބުކުރީ 2019 ވަނަ އަހަރު މަޑަގަސްކަރައާ ވާދަކޮށްގެންނެވެ. މިއީ މިހާތަނަށް ރާއްޖޭގައި ބާއްވަން ފުރުސަތު ލިބުނު ބައިނަލްއަގުވާމީ ފުރަތަމަ ކުޅިވަރު ގޭމްސްއެވެ.

ރާއްޖޭގައި ރަސްމީކޮށް ކުޅިވަރު ކުޅެންފެށިތާ 88 ވުރެން ގިނަ އަހަރުވެފައިވާއިރު، އައިއޯއައިޖީގެ ބިޑު ކާމިޔާބުވުމަކީ ދިވެހި ކުޅިވަރަށް ލިބުނު އެންމެ ބޮޑު ޝަރަފަށެވެ.