ހުޅުމާލެ ސްވިމިން ޕޫލް އާންމުންނަށް ދޫކުރަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި ތަރައްގީކުރި ސްޕޯޓްސް ކޮމްޕްލެކްސް އިމާރާތުގައި އޮންނަ ސްވިމިންގް ޕޫލް އާންމުންނަށް ހުޅުވާލަން ނިންމައިފި އެވެ.
ސްވިމިން އެސޯސިއޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ އެސޯސިއޭޝަނުން މެނޭޖްކުރާ ހުޅުމާލޭ ސްވިމިންގ ޕޫލް މެންބަޝިޕް އުޞޫލުން އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.
އާންމުން ސްވިމިން ޕޫލް ބޭނުންކުރާނަމަ މެމްބަޝިޕް ފީއެއް ދައްކަން ޖެހެ އެވެ. އެގޮތުން އާންމު ދިވެހިންނަށް މަހަކު 1500.00 (ފަނަރަސަތޭކަ) ރުފިޔާ ނުވަތަ ދުވާލަކު 150.00 (އެއްސަތޭކަ ފަންސާސް) ރުފިޔާ. އަދި ބިދޭސީންނަށް މަހަކު 3000.00 (ތިންހާސް) ރުފިޔާ ނުވަތަ ދުވާލަކު 300.00 (ތިންސަތޭކަ) ރުފިޔާ ފީއެއްގެ ގޮތުގައި ނަގާނެ އެވެ.
ޕޫލް ބުކް ކުރުމަށާއި މެމްބަޝިޕް ފީ ދެއްކުމުގެ އިތުރުން އިތުރު މައުލޫމާތު ހޯދުމަށް ގުޅާނެ ނަމްބަރެއް ސްވިމިން އެސޯސިއޭޝަނުން ވަނީ އާންމު ކޮށްފަ އެވެ. އެގޮތުން މައުލޫމާތު ހޯދުމަށް 7800096 އަށް ގުޅުމަށް އެ އެސޯސިއޭޝަނުން އެދެ އެވެ.
ސްވިމިން އެސޯސިއޭޝަނުން ބުނީ ޕޫލު ބޭނުންކުރުމަށް ގަވާއިދުތަކެއް ހަދާފައި ހުންނާނެ ކަމަށާއި ހުރިހާ ފަރާތްތަކުންވެސް އެ ގަވާއިދުތަކަށް އަމަލުކުރަންވާނެ ކަމަށެވެ. ސްވިމިން އެސޯސިއޭޝަނުން ބުނީ ޕޫލު ބޭނުންކުރުމުގެ ފުރުސަތު ދޭނީ ޕޫލު ބުކްކުރާ ތަރުތީބުން ކަމަށެވެ.
ޢާންމު ފަރާތްތަކަށް ޕޫލު ބޭނުންކުރުމުގެ ފުރުޞަތު ދެވޭނީ، ފެތުމުގެ ޤައުމީ ސްކޮޑްތަކުގެ ފެތުންތެރިންނާއި، ސްވިމިންގ އެސޯސިއޭޝަނުގެ މެންބަރު ކުލަބުތަކުގެ ތަމްރީނުތަކަށް ބޭނުންކުރާ ވަގުތުތައް ފިޔަވައި އިތުރު ވަގުތުތަކުގަ އެވެ. ހުކުރު އަދި ހޮނިހިރު ދުވަސް ޚާއްސަކޮށްފައިވަނީ އާއިލާތަކަށާއި ގުރޫޕް ތަކަށެވެ. އާއިލާ ތަކަށާއި ގްރޫޕްތަކަށްވެސް ޕޫލު ބޭނުންކުރެވޭނީ ކަނޑައެޅިފައިވާ ޕޫލުފީ ދެއްކުމަށްފަހު އެވެ.
އާންމުންގެ އިތުރުން މުބާރާތްތަކާއި އިވެންޓުތައް ބޭއްވުމަށްވެސް ޕޫލު ދޫކުރާނެ ކަމަށް ސްވިމިން އެސޯސިއޭޝަނުން ބުނެ އެވެ.