ޓްރެކު ސަރަހައްދުގައި ހެދި ޕްލެޓްފޯމް އާންމުންނަށް ހުޅުވާލައިފި

މާލޭގައި ގާއިމް ކޮށްފައިވާ ސްވިމިން ޓްރެކުގައި އަލަށް ހެދި ޕްލެޓުފޯމުގައި ހިމެނޭ ސިޑިބަރި އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލައިފި އެވެ.
ސްވިމިން ޓްރެކު ހަދާފައިވާ ސަރައްހައްދުގައި ބައެއް ވަސީލަތްތައް ގާއިމް ކުރުމުގެ މަސައްކަތްތައް އަދި މުޅިން ނުނިމެ އެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ މާޒިޔާ ކޮންސްޓްރަކްޝަން އާއި ހަވާލު ކޮށްގެންނެވެ.
މިހާތަނަށް އައިއިރު އެ ސަރަހައްދުގައި ގާއިމް ކުރި ސިޑިބަރި އާންމުންނަށް ބޭނުން ކުރެވޭ ވަރަށް މަސައްކަތް ނިންމައި އެތަން ވަނީ ހުޅުވާލައިފަ އެވެ.
120 ދުވަހުގެ ތެރޭގައި ނިންމަން މިދިޔަ އަހަރުގެ ޖޫން މަހު ހަވާލުކުރި އެ މަސައްކަތް ކުރިއަށް ނުގެންދެވި ލަސްވީ އީއައިއޭ ދިރާސާތަކެއް ކުރަން ޖެހުމާއި ގުޅިގެންނެވެ.
ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްވިމިންގ ޓްރެކުގައި އާންމުންނަށް ބޭނުންކުރެވޭނެ ސިޑިބަރިއެއް ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެއް ކަމަށާއި، މިހާރު އެ މަސައްކަތް ނިންމައި ސިޑިބަރި އާންމުންނަށް ހުޅުވާލާފައިވާ ކަމަށެވެ.
އެހެން ބައެއް ތަންތަންވެސް ނިމެމުން ދިޔަ ވަރަކަށް އެތަންތަން އާންމުންނަށް ހުޅުވާލާނެ ކަމަށް މަހުލޫފު ވަނީ ވިދާޅުވެފަ އެވެ.
ސްވިމިން ޓްރެކު ސަރަހައްދުގައި ސިޑިބަރީގެ އިތުރުން ފާހާނާއާއި ފެންވަރާނެ ވަސީލަތްތައްވެސް ގާއިމް ކުރާނެ އެވެ. އެތަން އަލުން ތަރައްގީ ކުރަނީ ބައިނަލްއަގުވާމީ މުބާރާތްތަކަށް ދާ ފެތުންތެރިންނަށް ފަސޭހަވާނެ ހެންނެވެ. އަދި ރާއްޖޭގައި ބާއްވާ ފެތުމުގެ މުބާރާތްތައްވެސް އެތަނުގައި ބޭއްވޭނެ ގޮތަށެވެ.