ދަގަނޑޭއާއި އަކޫއާއި ދިމާކޮށްލުމުން އެފްއޭއެމް އާއި ޔޫތު މިނިސްޓްރީ ރަތަށް

ދަގަނޑޭ އާއި އަކޫ
ދަގަނޑޭ އާއި އަކޫ
ހޮނިހިރު , 13 ފެބްރުއަރީ 2021 | 14:39

ރާއްޖޭގެ ކުޅަދާނަ ފުޓުބޯޅަ ދެ ކުޅުންތެރިން ކަމަށްވާ އަލީ އަޝްފާގު (ދަގަނޑޭ) އަދި އަކުރަމް އަބްދުލް ޣަނީ (އަކޫ) އާއި ގުޅުވައި އެމްޑީޕީގެ އެކްޓިވިސްޓު ސޫޒަން އިބްރާހިމްފުޅު ސޯޝަލް މީޑިއާގައި ދެއްކި ވާހަކަތަކާއި ގުޅިގެން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ސޫޒަން ސޯޝަލް މީޑިއާގައި ބުނެފައިވަނީ ދަގަނޑޭ އާއި އަކޫ އަކީ ހަރުކަށީ ފިކުރުގެ ބައެއް ކަމަށް ސިފަކޮށް ސީރިއާ އަށް ޖިހާދަށް ދާން ތައްޔާރަށް ތިބި ބައެއް ކަމަށެވެ. ސޫޒަން މިހެން ބުނެފައިވަނީ ދެ ކުޅުންތެރިން ތުނބުޅި ދިގުކޮށްފައި ހުރުމުން އެކަމަށް އިޝާރާތް ކޮށެވެ.

މިއަދު އެފްއޭއެމް އިން މިކަމަށް އެޑްރެސްކޮށް ނެރުނު ބަޔާނުގައި ބުނީ ދެ ކުޅުންތެރިންނާއި ގުޅުވައި ސޯޝަލް މީޑިއާގައި ދައްކާފައިވަނީ އާދައިގެ ވާހަކަތަކެއް ނޫން ކަމަށާއި ފުޓުބޯޅަ ކުޅުންތެރިންނާއި ބެހޭގޮތުން ބައިބައިވުން އުފެދޭފަދަ ހަގީގަތާއި ހިލާފު ވާހަކަދައްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ރާއްޖޭގެ ފުޓުބޯޅަ ކުޅުންތެރިންނަކީ އެފްއޭއެމާއި ފުޓުބޯޅައިގެ އެންމެ އިސް އިދާރާ ކަމަށްވާ ފީފާގެ ގަވާއިދުތަކަށް ފުރިހަމައަށް ތަބާވެ އަމަލުކުރަމުންދާ ކުޅުންތެރިން ކަމަށާއި ފުޓުބޯޅަ ކުޅުންތެރިންނަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކަށް ބޯލަނބައި މާތްވެގެންވާ އިސްލާމްދީނުގެ ހަމަތައް ހިފެހެއްޓުމުގައި ވެސް ނަމޫނާ ކުޅުންތެރިންތަކެއް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ސޫޒަންއަށް ފިޔަވަޅު އަޅާނެ ކަމަށް އެފްއޭއެމްއިން ބުނިއިރު މި މައްސަލައިގައި މިނިސްޓަރު މަހުލޫފުވެސް ވަނީ ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން މަހުލޫފު ވިދާޅުވީ ތުނބުޅި އަދި ބުރުގާ އަޅާފައި ތިބޭ އެންމެންނަކީ ހައްދުފަހަނަ އަޅާފައިވާ ބައެއްކަމަށް ދެކޭ ވިސްނުން ބަދަލުކުރަންޖެހޭ ކަމަށެވެ. އަދި މުޖުތަމައުއެއްގައި އުޅޭނީ ތަފާތު ވިސްނުމުގެ މީހުން ކަމަށާއި ހިޔާލު ތަފާތުވިޔަސް އެއްބަޔަކު އަނެއްބަޔަކަށް އިހުތިރާމުކޮށްގެން އުޅެން ދަސްކުރަން ޖެހޭ ކަމަށް މަހުލޫފު ވިދާޅުވި އެވެ.

އަޝްފާގު އަދި އަކުރަމް އަކީ ރާއްޖޭގެ ބަތޮލުން

- ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު

މަހުލޫފު މިފަދައިން ވިދާޅުވިއިރު ސޫޒަން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަށްފަހު އެތައް ބަޔަކު ދަނީ ދަގަނޑޭ އާއި އަކޫ ދިފާއުކޮށް ވާހަކަ ދައްކަމުންނެވެ.