ކޮޗިން ފެރީ 'ޗޮކުން' ނުދާނެ ކަމަށް އަމްރު ވިދާޅުވެއްޖެ

ކޮޗިން ފެރީ
ކޮޗިން ފެރީ
ހޮނިހިރު , 31 އޮކްޓޯބަރ 2020 | 12:54

ރާއްޖެއާއި އިންޑިއާ އާއި ދެމެދު މިދިޔަ މަހު ފެށި ފެރީ ދަތުރުތައް "ޗޮކުން" ނުދާނެ ކަމަށް އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

މަހަކު ދޭއް ނުވަތަ ތިން ދަތުރު އަޅަން ހަމަޖެހިފައިވާ ކޮޗިން ފެރީ މިމަހު ކުރި ފުރަތަމަ ދަތުރަށްފަހު ހަބަރެއް ނުވާތީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު ވަނީ ކޮޗިން ފެރީ "ޗޮކުން" ދިޔައީތޯ ސުވާލު އުފައްދައިފަ އެވެ.

ޓުވިޓާގައި އެ ސުވާލަށް ޖަވާބު ދެއްވަމުން އަމްރު ވިދާޅުވީ އިންޑިއާގެ ކާގޯ ފެރީ މިވަގުތު މާލެ ސަރަހައްދުގައި މުދާ ބާލަމުން ދާ ކަމަށާއި ދެން އެނބުރި އިންޑިއާއަށް ގޮސްފައި އަންނާނީ ނޮވެމްބަރު 12 ހިސާބުގައި ކަމަށެވެ.

އަމްރު ވަނީ ނިހާނު ކާގޯ ފެރީން މުދާ ގެންނަން ބޭނުން ވަނީތޯވެސް އައްސަވައިފަ އެވެ. އެސުވާލުގެ ޖަވާބުގައި ނިހާނު ވިދާޅުވީ ކޮޗިން އިން މާލެ ގެންނަން ބޭނުންވާ މާ ގަސް ކޮޅެއް ހުރުމުން މައުލޫމާތު އޮޅުން ވިލުވަން ބޭނުން ވީ ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ މާ ގަސްކޮޅު ގެންނާނީ ފެރީގައި ކަމަށްވެސް ނިހާނު ވިދާޅުވި އެވެ.

ރާއްޖެއާއި އިންޑިއާއާއި ދެމެދު ކުރަން ފެށި ކާގޯ ފެރީގެ ފުރަތަމަ ދަތުރުގައި ގާތްގަނޑަކަށް 500 އެއްހާ ޓަނުގެ މުދާ ގެނައެވެ. އެދަތުރުގައި ގިނައިން ގެނައީ ސިމެންތި އެވެ. އޭގެ އިތުރުން ބައެއް ބާވަތްތަކުގެ ކާބޯތަކެތިވެސް ފެރީގައި ގެނަ އެވެ.

އިންޑިއާގެ ކޮޗިންއިން ރާއްޖެއަށް ދަތުރުކުރާ ފެރީ ޖައްސާނީ ހދ. ކުޅުދުއްފުއްޓަށެވެ. އޭގެ ފަހުން މާލެއަށްވެސް ފެރީ ދަތުރު ކުރާނެ އެވެ.