މިއީ ކޮވިޑް ނިމެން އުޅޭކަމުގެ ހިތްހަމަޖެހުން ލިބިގަންނަންވީ ވަގުތު: ޑަބްލިއުއެޗްއޯ

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަން ނިމެން އުޅޭކަމުގެ ހިތްހަމަޖެހުން ލިބިގަންނަންވީ ވަގުތު ކަމަށާއި އެހެންނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަދިވެސް ފަރުވާތެރިކަން ބެހެއްޓުމަށް ޑަބްލިއުއެޗްއޯއިން ބުނެފި އެވެ.
ޑަބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގަބްރެޔެސުސް ވިދާޅުވީ ކޮވެކްސް ފެސިލިޓިގެ ދަށުން ދެ ބިލިއަން ކޮވިޑް ވެކްސިން ޑޯޒް ދުނިޔެއަށް ހިލޭ ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށާއި މިއީ ބަލިމަޑުކަން ނިމެން އުޅޭކަމުގެ ކޮޅުމަތި ކަމަށެވެ.
އޭނާ ވިދާޅުވީ ޑަބްލިއުއެޗްއޯގައި ބައިވެރިވެފައިވާ 190 ގައުމަށްވެސް ކޮވިޑް ވެކްސިން ލިބޭނެ ކަމަށެވެ. އެހެންކަމުން އެއީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އެ ހުރިހާ ގައުމަކަށްވެސް ވެކްސިން ފޯރުކޮށްދެވޭނެ ކަމަށް ޓެޑްރޯސް ވިދާޅުވި އެވެ.
ޑަބްލިއުއެޗްއޯއިން ލަފާކުރާ ގޮތުގައި 2022 ވަނަ އަހަރުގެ ނިޔަލަށް ހުރިހާ ރައްޔިތުންނަށްވެސް ވެކްސިން ފޯރިކޮށްދެވޭނެ އެވެ. އެހެންނަމަވެސް ބަލީގެ ހައިރިސްކު މީހުންނަށް ހުރިހާ ގައުމެއްގައިވެސް އަންނަ އަހަރު ވެކްސިން ދީ ނިމޭނެ ކަމަށް އެ ޖަމިއްޔާއިން ވަނީ ލަފާކޮށްފަ އެވެ.