ވިސާ އާއި ނުލައި ތައިލެންޑަށް އެތެރެވެވޭ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ

ތައިލޭންޑުގެ އެއާޕޯޓެއް
ތައިލޭންޑުގެ އެއާޕޯޓެއް
އަންގާރަ , 22 ޑިސެމްބަރ 2020 | 17:44

ވިސާ އާއި ނުލައި ތައިލެންޑަށް އެތެރެ ވެވޭ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިއްޖެ އެވެ.

ކޮވިޑް-19 ގެ ސަބަބުން ދަތުރު ކުރުމުގައި ހުރަސްތަކެއް ކުރިމަތިވެފައިވާ މި ދުވަސްވަރު ތައިލެންޑުން ވަނީ ވިސާ އާއި ނުލައި އެތެރެ ވެވޭ 56 ގައުމެއް މިއަދު އާންމު ކޮށްފަ އެވެ. ތައިލެންޑުން މި ލިސްޓު އެކުލަވާލާފައި މިވަނީ އެގައުމުގެ ފަތުރުވެރިކަން އިންތިހާއަށް ދަށަށް ގޮސްފައިވާތީ އެ ސިނާއަތް ކުރިއެރުވުމަށެވެ.

ތައިލެންޑުން ލިސްޓެއް އެކުލަވައިލި ނަމަވެސް އެގައުމުތަކުން މީހުން އެތެރެވާއިރު 72 ގަޑިއިރު ހަމަނުވާ ކޮވިޑް ނެގެޓިވް ނަތީޖާއެއް ބޭނުންވާނެ އެވެ. އަދި އެގައުމުގައި ކަރަންޓީނުވާން ވެސް ޖެހެ އެވެ. ކަރަންޓީނުގައި ހޭދަކުރަން ޖެހެނީ 10 ދުވަސް ނަމަވެސް ކުރިއަށް އޮތް ތަނުގައި އެ މުއްދަތު ކުރު ކުރަން ދަނީ މަސައްކަތް ކުރަމުންނެވެ.

ކަރަންޓީނުގައި ތިބޭއިރު 3 ފަހަރު ކޮވިޑް ޓެސްޓު ހަދަން ޖެހޭނެ ކަމަށް ތައިލެންޑުގެ ކަމާއިބެހޭ ވުޒާރާއިން ވަނީ ބުނެފަ އެވެ.

ތައިލެންޑަކީ ރާއްޖެއިން ގިނަ އަދަދަކަށް މީހުން ޒިޔާރާތް ކުރާ ގައުމެކެވެ. ޗުއްޓީ ހޭދަކުރުމުގެ އިތުރުން ވިޔަފާރި ބޭނުމަށްވެސް ތައިލެންޑަށް ދަތުރު ކުރެ އެވެ.

ތައިލެންޑުން ކޮވިޑަށް މިހާތަނަށް ޕޮޒިޓިވް ވީ 5،716 މީހުންނެވެ. އޭގެ ތެރެއިން ބަލީގައި މަރުވީ 60 މީހުންނެވެ.