ކޮރޯނާ ވައިރަސްގެ ވާހަކަ ފުރަތަމަ ގެނަސްދިން ނޫސްވެރިޔާ ޖަލަށް ލައިފި

ޒަންގް ޒާން މިނިވަން ކުރުމަށް ގޮވާލައި މުޒާހަރާ ކުރަނީ
ޒަންގް ޒާން މިނިވަން ކުރުމަށް ގޮވާލައި މުޒާހަރާ ކުރަނީ
ހޯމަ , 28 ޑިސެމްބަރ 2020 | 22:09

ޗައިނާގެ ވޫހާން ސިޓީއިން އެންމެ ފުރަތަމަ ކޮރޯނާ ވައިރަސް ފެނުނުއިރު އެ ވާހަކަ ސޯޝަލް މީޑިއާގައި ގެނަސްދިން ޗައިނާގެ ނޫސްވެރިޔާ ޒަންގް ޒާން ހަތަރު އަހަރަށް ޖަލަށް ލައިފި އެވެ.

ޒާން އަކީ ކުރިން ގާނޫނީ ވަކީލެކެވެ. ކޮރޯނާ ވައިރަސްގެ ހަބަރު ރިޕޯޓު ކުރި މައްސަލައިގައި އޭނާ ހައްޔަރު ކުރީ މި އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އޭނާ އޭރު ހައްޔަރު ކުރީ ހަމަނުޖެހުމަށް ހިތްވަރު ދިނުމުގެ ކުށުގައި ކަމަށް ބުނެ އެވެ.

އުމުރުން 37 އަހަރުގެ ޒާން ހައްޔަރު ކުރުމުން އޭނާ ބަނޑު ހައި ހޫނު ކަމުގެ ހަޅުތާލެއްވެސް ފެށި އެވެ. އޭގެ ސަބަބުން އޭނާގެ ސިއްހީ ހާލަތު ގޯސްވި ކަމަށް ޒާންގް ގެ ވަކީލުންނާއި ހަވާލާދީ މީޑިއާތަކުގައި ބުންޏެވެ.

ޗައިނާގައި މިނިވަން މީޑިއާއެއް ނޯވެ އެވެ. އެގައުމުގެ ހުރިހާ މީޑިއާތަކެއްވެސް ހިންގަނީ ސަރުކާރުންނެވެ. އެހެންކަމުން ޒާން ވޫހާން އަށް ދިޔައީ ކޮރޯނާ ވައިރަސްގެ ހަބަރު ގެނަސްދިނުމަށެވެ. އޭނާ އެ ހަބަރުތައް ފުރަތަމަ ހިއްސާ ކުރީ ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށެވެ. އެހެންނަމަވެސް ފަހުން ޗައިނާގެ ކަމާއިބެހޭ ފަރާތްތަކުގެ ސަމާލުކަން ޒާން އަށް ލިބި އެވާޙަކަ ޗައިނާގެ ރަސްމީ މީޑިއާތަކުންވެސް ގެނަސްދޭން މަޖުބޫރުވި އެވެ.

ޒާން ސޯޝަލް މީޑިއާގައި ރިޕޯޓު ކުރަމުން ދަނިކޮށް އޭނާ ގެއްލިގެން ޗައިނީޒް ހިއުމަން ރައިޓްސް ޑިފެންޑާޒް އިން ރިޕޯޓު ކުރީ މެއި މަހުގެ 14 ވަނަ ދުވަހު އެވެ. ޖެހިގެން އައި ދުވަހު ޝެންހާއީ ފުލުހުން ވަނީ އޭނާ ހައްޔަރު ކުރިކަމަށް ބުނެފަ އެވެ.

ޗައިނާއިން ފެނުނު ކޮރޯނާ ވައިރަސް ބައިނަލްއަގުވާމީ ޕެންޑެމިކެއްގެ ގޮތުގައި ޑަބްލިއުއެޗްއޯއިން އިއުލާން ކުރީ މިދިޔަ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އޭގެ ފަހުން ގިނަ ގައުމުތަކަކުން މި ބަލި ފެނި މުޅި ދުނިޔެ ކުއްލި ނުރައްކަލުގެ ހާލަތަކަށް ދިޔަ އެވެ.