އިންޑިއާ އިން ވެސް އާ ވައްތަރުގެ ކޮރޯނާ ވައިރަސް ފެނިއްޖެ

ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑަށް އޮތް އިންޑިއާއިން ވެސް ކޮރޯނާ ވައިރަސްގެ އާ ވައްތަރު ފެނިއްޖެ އެވެ.
އިނގިރޭސިވިލާތުން އިންޑިއާއަށް ދިޔަ ހަ މީހަކު ކޮރޯނާ ވައިރަހުގެ އާ ވައްތަރަށް ޕޮޒިޓިވް ވެފައިވާކަން އިންޑިއާގެ ސިއްހީ އިދާރާއިން ވަނީ ކަށަވަރު ކޮށްދީފަ އެވެ. އިންޑިއާގެ ހެލްތު މިނިސްޓްރީއާއި ހަވާލާދީ ރޮއިޓާސް އިން ރިޕޯޓު ކުރި ގޮތުގައި ޕޮޒިޓިވްވި ހަ މީހުންވެސް ވަނީ ކަރަންޓީނު ކޮށްފަ އެވެ.
ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓުވި އެންމެންވެސް މިވަގުތު ތިބީ ކަރަންޓީނުގައި ކަމަށް ރޮއިޓާސް އިން ބުނެ އެވެ.
އިނގިރޭސިވިލާތުގެ ލަންޑަނުން އަލަށް ފެނުނު ކޮރޯނާ ވައިރަސް މިހާރު ވަނީ ދުނިޔޭގެ އެހެން ބައެއް ގައުމުތަކަށްވެސް ފެތުރިފަ އެވެ. އެގޮތުން ޖަޕާނު، އޮސްޓްރޭލިއާ، ޑެންމާކް އަދި ނެދަލޭންޑްސްގެ އިތުރުން ފްރާންސުންވެސް ވަނީ އެ ވައްތަރު ފެނިފަ އެވެ.
ސިއްހީ ތަޖުރިބާކާރުން މިހާތަނަށް އެއްކުރި މައުލޫމާތުތަކުގެ އަލީގައި ބުނެފައިވަނީ އާ ވައްތަރުގެ ކޮރޯނާ ވައިރަސްގެ ބާރު ގަދަ ވެފައި އަވަހަށް ފެތުރިގަންނަ ކަމަށެވެ.
މި ވައިރަސް އިންޑިއާއިން ފެނިފައިވާއިރު އެ ގައުމަކީ އެންމެ ހަލުވި މިނުގައި ކޮވިޑް ފެތުރިގެންދިޔަ އަދި އެންމެ ނުރައްކާތެރި ހާލަތަކަށް ކޮވިޑް ގޮސްފައިވާ ގައުމެވެ. ގާތްގަނޑަކަށް 10 މިލިއަނެއްހާ މީހުންނަށް އެގުމުން ބަލި ޖެހުނެވެ. އަދި 150،000 އަށްވުރެއް ގިނަ މީހުން ބަލީގައި މަރުވި އެވެ.
އިނގިރޭސިވިލާތުން މީހުން އެހެން ގައުމުތަކަށް އެތެރެވުން މިވަގުތަށް މަނާކޮށްފައިވާއިރު ބައެއް ގައުމުތަކުން ވަނީ އިނގިރޭސިވިލާތުން އަންނަ މީހުން ކަރަންޓީނުވާން ޖެހޭ އުސޫލެއް ތައާރަފު ކޮށްފަ އެވެ. އިންޑިއާއިން ވަނީ އިނގިރޭސިވިލާތުން މީހުން ގެންދިޔުން މިވަގުތަށް މަނާކޮށްފަ އެވެ. އެހެންނަމަވެސް އިނގިރޭސިވިލާތުން އާ ކޮރޯނާ ވައިރަސް ފެނުނު ފަހުން އިންޑިއާއަށް އެގައުމުން 33،000 މީހުން އެތެރެވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.
އިންޑިއާގެ ކުރިން އާ ކޮރޯނާ ވައިރަސް ފެނުނީ ފްރާންސުންނެވެ. އެގައުމުން އެވައިރަސްއަށް ޕޮޒިޓިވްވި މީހާވެސް އެގައުމަށް އެތެރެވީ އިނގިރޭސިވިލާތުންނެވެ.