އެމެރިކާއިން ވެސް އާ ކޮރޯނާ ވައިރަސް ފެނިއްޖެ

ކޮރޯނާ ވައިރަސްގެ އާ ވައްތަރު އެމެރިކާއިންވެސް ފެނިއްޖެ
ކޮރޯނާ ވައިރަސްގެ އާ ވައްތަރު އެމެރިކާއިންވެސް ފެނިއްޖެ
ބުދަ , 30 ޑިސެމްބަރ 2020 | 17:13

އިނގިރޭސިވިލާތުގެ ލަންޑަނުން ފެނުނު ކޮރޯނާ ވައިރަސްގެ މުޅިން އާ ވޭރިއަންޓް އެމެރިކާއިންވެސް ފެނިއްޖެ އެވެ.

އެމެރިކާގެ ކަމާއި ބެހޭ ފަރާތްތަކާއި ހަވާލާދީ އެގައުމުގެ މީޑިއާތަކުން ބުނި ގޮތުގައި ކޮރޯނާ ވައިރަސްގެ އާ ވައްތަރަށް އެގައުމުން ޕޮޒިޓިވް ވީ ކޮލެރާޑޯގައި ދިރިއުޅޭ 30 އަހަރުން ދަށުގެ ޒުވާނެކެވެ. މިފަހުން އޭނާގެ ޓްރެވެލް ހިސްޓްރީއެއް ނެތް ކަމަށް މީޑިއާތަކުން ބުނެ އެވެ.

އިނގިރޭސިވިލާތުގެ އިތުރުން އެހެން ގައުމުތަކުން މި ވައިރަސް ފެނުނު ނަމަވެސް ޕޮޒިޓިވްވާ މީހުންގެ ޓެރެވަލް ހިސްޓްރީއެއް އިނގިރޭސިވިލާތާއި ގުޅިފައިވެ އެވެ. އެހެންނަމަވެސް އެމެރިކާއިން މި ވައިރަސް ފެނުނު މީހާގެ އެއްވެސް ޓްރެވަލް ހިސްޓްރީއެއް ނެތުމުން މިއީ ކޮމިޔުނިޓީ ސްޕްރެޑަކަށް ދިޔުމުގެ ބިރު އޮތް ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

އެމެރިކާގެ ކަމާއިބެހޭ ފަރާތްތަކުން މިހާރު ދަނީ ޕޮޒިޓިވްވި މީހާއާއި ގުޅިގެން ބަލަންޖެހޭ އެންމެހާ ކަންތައްތައް ބަލަމުންނެވެ.

ކޮރޯނާ ވައިރަސްގެ އާ ވައްތަރާއި ގުޅޭ ގޮތުން ސައިންސްވެރިންނަށް މިހާތަނަށް މާގިނަ ހޯދުންތަކެއް ހޯދިފައެއް ނުވެ އެވެ. އެހެންނަމަވެސް އެ ވައިރަސްގެ ބާރު މާ ގަދަވެފައި ފެތުރޭ މިންވަރުވެސް އަވަސް ކަމަށް ވަނީ ބުނެފަ އެވެ.

ވައިރަސްއެއް މިއުޓޭޓު ވުމަކީ އާ ކަމެއް ނޫނެވެ. ކޮރޯނާ ވައިރަސްގެ އާ ވޭރިއަންޓެއް އުފެދި ވައިރަސްއަށް ބަދަލުތަކެއް އައުމާއެކު އެ ވައިރަސް އާއި ގުޅޭ އިތުރު ދިރާސާތައް ސައިންސްވެރިން ދަނީ ހަދަމުންނެވެ.

އެމެރިކާއަކީ ކޮވިޑް-19 ގެ ހާލަތު އެންމެ ބޮޑަށް ގޯސްވި ގައުމެވެ. މިހާރުވެސް އެގައުމުގައި ހަލުވިކަމާއިއެކު މި ބަލި ފެތުރެމުންދާއިރު އިތުރަށް ފެތުރުމުގެ ދުވެލި އަވަސް ވެއްޖެނަމަ ނުރައްކާތެރި ހާލަތަކަށް ގައުމު ގޮސްދާނެ ކަމުގެ ބިރު އެބަ އޮތެވެ.

އިއްޔެ ވަނީ އިންޑިއާއިންވެސް ކޮރޯނާ ވައިރަސްގެ އާ ވައްތަރު ފެނިފަ އެވެ.