އިންޑިއާގައި މިހާރު ކޮވިޑް ފެތުރެނީ ތަރައްގީ ހިސާބުތަކުގައި

ކޮވިޑް ނަމްބަރުތައް މައްޗަށް ދާން ފެށުމުން މަހަރާޝްރަ ގައި ކާފިއު ހިންގަނީ
ކޮވިޑް ނަމްބަރުތައް މައްޗަށް ދާން ފެށުމުން މަހަރާޝްރަ ގައި ކާފިއު ހިންގަނީ
އާދިއްތަ , 28 މާރޗް 2021 | 11:55

އިންޑިއާގައި ކޮވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވަމުން ދާއިރު ބަލި އެންމެ ހަލުވި ކަމާއިއެކު މިހާރު ފެތުރެނީ ފަގީރު ހިސާބުތަކަށްވުރެއް ބޮޑަށް ތަރައްގީ ހިސާބުތަކުގައި ކަމަށް އެގައުމުގެ ސިއްހީ އިދާރާތަކުން ބުނެފި އެވެ.

ފާއިތުވެ ދިޔަ ހަފްތާގައި އިންޑިއާގެ އެންމެ ތަރައްގީ ސިޓީ މުމްބާއިގައި ވަނީ ކޮވިޑް ކޭސްތައް އިތުރުވާން ފަށައިފަ އެވެ. އިއްޔެ އަކީ އެގޮތުން އެންމެ ގިނަ ކޭސް އެ ސިޓީން ފެނުނު ދުވަހެވެ. އިއްޔެ އެކަނި މުމްބާއީ އިން 6،123 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.

މިއާއިއެކު މުމްބާއީގެ އެއް ސްޓޭޓު ކަމަށްވާ މަހަރާޝްޓްރަ ގައި ރޭގަނޑުގެ ވަކި ވަގުތެއްގައި ކާފިއު ހިންގަން ސަރުކާރުން މިއަދު ވަނީ ނިންމައިފަ އެވެ. މުމްބާއީގައި ކޮވިޑްގެ ހާލަތު މިހާބޮޑަށް މި ގޯސްވީ އަހަރެއްހާ ދުވަސް ފަހުންނެވެ. މިދިޔަ އަހަރުގެ މާޗު މަހު އެސިޓީގެ ކޭސްތައް އިތުރުވި ނަމަވެސް އޭގެ ފަހުން ކޮވިޑްގެ ހާލަތު އެ ސިޓީގައި ވަރަށް ރަނގަޅުވި އެވެ.

އިއްޔެގެ 24 ގަޑިއިރު ތެރޭގައި އިންޑިއާއިން ކޮވިޑް ޖެހުނީ 62،714 މީހުންނަށެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރުގެ ފަހުން އިންޑިއާގައި މި އަދަދަށް މީހުން ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. އިއްޔެ ބަލީގައި އިންޑިއާއިން މަރުވީ 312 މީހުންނެވެ. މިދިޔަ އަހަރުގެ ޑިސެމްބަރުގެ ފަހުން އެއް ދުވަހާ މަރުވި މީހުންގެ އަދަދު މި އަދަދަށް އަރާފައެއް ނުވެ އެވެ.

މުމްބާއީގެ ގިނަ ހޮސްޕިޓަލުތަކެއް މިހާރު އަންނަނީ ފުރެމުންނެވެ. ސަރުކާރުން ބުނެފައިވަނީ ކޮވިޑްގެ ފަރުވާ ދޭން ބޭނުންވާ އެނދުތައް ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ.

މަހަރާޝްޓްރައިން އެންމެ ގިނަ އަދަދަކަށް ކޮވިޑް ޕޮޒިޓިވް ކޭސްތައް ފެނުނުއިރު އެހެން ބައެއް ސްޓޭޓްތައްވެސް ވަނީ ނުރައްކަލަށް ހުށަހެޅިފަ އެވެ. އެގޮތުން ކެރެލާ، ޕަންޖާބް، ކަރްނާޓަކާ، ގުޖުރާތު، ތަމިލްނާޑޫ، ހަރްޔތާނާ އަދި މަދްޔާ ޕްރަދޭޝް ގައިވެސް ކޭސްތައް ވަނީ އިތުރުވާން ފަށައިފަ އެވެ.

އިންޑިއާގެ ގިނަ ރައްޔިތުން މިހާރު ސުވާލު އުފައްދަމުން ދަނީ އެގައުމުގައި އުފައްދާ ކޮވިޑް ވެކްސިން އެހެން ގައުމުތަކަށް އެކްސްޕޯޓު ކުރާތީ އެވެ. އެންމެ ބޮޑު ޝަކުވާއަކީ އިންޑިއާގެ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ނުދެވި އޮތް އިރު އެހެން ގައުމުތަކަށް ވެކްސިން ފޯރުކޮށްދޭތީ އެވެ. އެގޮތުން 77 ގައުމަކަށް ޖުމްލަ 61 މިލިއަން ވެކްސިން ޑޯޒް މިހާތަނަށް އިންޑިއާއިން ވަނީ ފޯރުކޮށްދީފަ އެވެ. ސަރުކާރުން މިހާރު ވަނީ މިވަގުތަށް ވެކްސިން އެކްސްޕޯޓު ކުރުން މަޑުޖައްސާލައިފަ އެވެ.

އިންޑިއާގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވަނީ 40 މިލިއަން މީހުންނަށެވެ. އެއީ 1.35 ބިލިއަން މީހުންގެ އާބާދީ އޮންނަ އެ ގައުމުގެ ގާތްގަނޑަކަށް 4 އިންސައްތަ އެވެ. ސިއްހީ އިދާރާތަކުން މައުލޫމާތު ދޭ ގޮތުގައި ކޮވިޑްގެ ދެ ޑޯޒް އިންޑިއާގައި ދެވުނީ އާބާދީގެ ގާތްގަނޑަކަށް 1.5 އިންސައްތައަށެވެ.