ސުއޭޒް ކެނަލްގައި ތާށިވި ބޯޓުގެ 80 އިންސައްތަ ފުންކޮށްފި

ސުއޭޒް ކެނަލްގައި ތާށިވި ބޯޓު
ސުއޭޒް ކެނަލްގައި ތާށިވި ބޯޓު
ހޯމަ , 29 މާރޗް 2021 | 17:28

ސުއޭޒް ކެނަލްގައި ދެކޮޅުން ބީހުނު ކޮންޓެއިނާ ބޯޓު މިއަދު ފުންކޮށްފި އެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ބުނެފައިވަނީ އެބޯޓު ވަރަށް ބޮޑަށް ފުންކޮށްފައިވާ ކަމަށެވެ. ސުއޭޒް ކެނަލް އޮތޯރިޓީން ބުނެފައިވަނީ މިއަދު ފުން ކުރެވުނީ 80 އިންސައްތަ ކަމަށާއި ބާކީ ބައި ފުންކުރުމުގެ މަސައްކަތް މާދަމާ ކުރާނެ ކަމަށެވެ.

އެ ބޯޓު ފުން ކުރުމުގެ މަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ނެދަލޭންޑްސްގެ ސްމިތު ސެލްވޭޖް ކުންފުނިން ވަނީ ފުން ކުރުމުގެ މަސައްކަތަށް ޓަގު ބޯޓުތަކެއް ޖަހައިފަ އެވެ.

ކޮންޓެއިނާ ބޯޓު ބީހުމާއިއެކު ފުންކުރުމުގެ މަސައްކަތް ފެށިއިރު، ފުން ނުކުރެވިއްޖެނަމަ ސުއޭޒް ކެނަލް އޮތޯރިޓީން ނިންމާފައިވަނީ ބޯޓުގައި ހުރި މުދަލުން ބައެއް ބާލައި ލުއި ކުރުމަށެވެ. އެ ބޯޓުގައި ގާތްގަނޑަކަށް 20،000 ކޮންޓެއިނާ ހުއްޓެވެ.

އެމްވީ އެވަ ގިވަން ނަމަކަށް ކިޔާ މި ބޯޓު ތާށިވީ ދުނިޔޭގެ އެންމެ ކާރު ބާރު ބޮޑު ވިޔަފާރީގެ ރޫޓުގަ އެވެ. ބޯޓު ބީހުނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެވެ.

މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ބޯޓު ބީހެން ދިމާވީ ގަދަ ވަޔާއެކު އައި ވެލީގެ ތޫފާނުގެ ސަބަބުން ބޯޓުގެ ކެޕްޓަނަށް ދުރު ނުފެނިގެންނެވެ. އެ ބޯޓު ތާށިވުމާއިއެކު އޭގެ ފަހަތުން އެތައް މުދާ އުފުލާ ބޯޓުތަކެއް ވަނީ ކިޔޫގައި ޖެހިފަ އެވެ. މިހާތަނަށް އައިއިރު 300 އެއްހާ ބޯޓު ކިޔޫގައި ތާށިވެފައި އޮތްކަމަށް ރިޕޯޓުތައް ބުނެ އެވެ.

ތާށިވީ ބޯޓަކީ ޓައިވާނުގެ އެވަގްރީން މެރިން ކުންފުނިން ހިންގާ ބޯޓެކެވެ. އޭގެ ދިގުމިނުގައި ގާތްގަނޑަކަށް ހަތަރު ފުޓުބޯޅަ ދަނޑުގެ ދިގުމިން ހުރެ އެވެ. ބޯޓު ތާށިވެ މި ހިނގި ހާދިސާގައި ބޯޓަށާއި އޭގައި ތިބި ފަޅުވެރިންނަށް އެއްވެސް ގެއްލުމެއް ނުލިބެ އެވެ.