އިންޑިއާގައި ކޮވިޑްގެ ހާލަތު ދަނީ އިތުރަށް ގޯސްވަމުން: ހެލްތު މިނިސްޓްރީ

އިންޑިއާގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އަނެއްކާވެސް ވަނީ އިތުރުވާން ފަށާފައި
އިންޑިއާގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އަނެއްކާވެސް ވަނީ އިތުރުވާން ފަށާފައި
ބުރާސްފަތި , 01 އޭޕްރިލް 2021 | 12:20

އިންޑިއާގައި ކޮވިޑް-19 ގެ ހާލަތު އިތުރަސް ގޯސްވަމުންދާކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީގެ އޮފިޝަލަކު އަލްޖަޒީރާ އަށް ދެއްވި އިންޓަވިއުއެއްގައި މިހެން ވިދާޅުވެފައިވާއިރު އިއްޔެ އެކަނިވެސް އިންޑިއާއިން 72،330 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. މިއީ މިދިޔަ އޮކްޓޯބަރުގެ ފަހުން 24 ގަޑިއިރު ތެރޭގައި ކޮވިޑް ކޭސްތަކުގެ އަދަދު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. އިއްޔެ ވަނީ 459 މީހުން ކޮވިޑްގައި އިންޑިއާއިން މަރުވެފަ އެވެ.

ހެލްތު މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ އިންޑިއާގެ ބައެއް ހިސާބުތަކުގައި ކޭސްތައް އިތުރުވަމުން އައިނަމަވެސް ނުރައްކާ މުޅި ގައުމަށް އެބަ އޮތެވެ. އެގޮތުން އެންމެ ބޮޑު ބިރެއް މިހާރު އޮތީ މަހަރާޝްޓްރަ އަށެވެ. އެތަނުގައި ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމާއިއެކު މަރުވާ މީހުންވެސް އެންމެ ގިނައީ މަހަރާޝްރައިންނެވެ.

އަނެއްކޮޅުން ބެންގަލޫރުގައިވެސް ކޮވިޑްގެ ހާލަތު ގޯސްވެ ހޮސްޕިޓަލު އެނދުތަކުގެ 40 އިންސައްތަ އާއި 50 އިންސައްތައާއި ދެމެދަށް ފުރިފައިވާކަމަށް ރިޕޯޓުތައް ބުނެ އެވެ. ކަރްނާޓަކާގެ 10 އިންސައްތަ ހޮސްޕިޓަލް އެނދުތައް ވަނީ ފުރިފަ އެވެ.

އިންޑިއާގައި ކޮވިޑްގެ ހާލަތު އެންމެ ހޯހީ މަހަރާޝްޓްރަގަ އެވެ. މީގެ އިތުރުން ޕަންޖާބް، ޗައްތީސްގަރް، ކަރްނާޓަކާ، ތަމިލް ނާޑޫ އަދި ކެރެލާގައިވެސް އަންނަނީ ހާލަތު ގޯސްވަމުންނެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މިހާރު އިންޑިއާގައި ކޮވިޑް ބޮޑަށް ފެތުރެނީ ފަގީރު ހިސާބުތަކަކު ނޫނެވެ. މިހާރު ކޮވިޑް ފެތުރެނީ ތަރައްގީ ހިސާބުތަކުގަ އެވެ. މިކަމާއި ގުޅިގެން އިންޑިއާގެ އެންމެ ތަރައްގީ އެއް ސިޓީ، މުމްބާއިގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފަ އެވެ.