އިއްޔެވެސް ކޮވިޑް ޖެހިގެން އިންޑިއާއިން 714 މީހުން މަރުވެއްޖެ

އިންޑިއާގައި ހަލުވި ކަމާއި އެކު ކޮވިޑް ފެތުރެމުންދަނީ
އިންޑިއާގައި ހަލުވި ކަމާއި އެކު ކޮވިޑް ފެތުރެމުންދަނީ
ހޮނިހިރު , 03 އޭޕްރިލް 2021 | 14:04

އިއްޔެގެ 24 ގަޑިއިރު ތެރޭގައި ކޮވިޑް-19 ޖެހިގެން އިންޑިއާއިން 714 މީހުން މަރުވެއްޖެ އެވެ.

މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުން އިންޑިއާގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވި ދުވަހެވެ. އިއްޔެއަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގެ ފަހުން އިންޑިއާގައި އެންމެ ގިނަ މީހުން އެބައްޔަށް ޕޮޒިޓިވްވިވެސް ދުވަހެވެ. އެގޮތުން އިއްޔެ އިންޑިއާއިން 89،129 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.

އިންޑިއާގައި މިހާރު ކޮވިޑްގެ ހާލަތު އެންމެ ގޯހީ އެގައުމުގެ އެންމެ މުއްސަނދި ދެ ސްޓޭޓް ކަމުގައިވާ މަހަރާޝްޓްރަ އަދި މުމްބާއީގަ އެވެ.

އިންޑީއާގެ ޗީފް މިނިސްޓަރު އިއްޔެ ވަނީ މަހަރާޝްޓްރަ އަދި މުމްބާއި ލޮކްޑައުންކޮށްފާނެ ކަމުގެ އިންޒާރުވެސް ދީފަ އެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އާންމު ތަންތަނަށް އެއްވެ އުޅުން މަދުކޮށް އެކަކު އަނެކަކާއި ބައްދަލުކުރުން ވީހާވެސް މަދު ކުރުމަށް މިނިސްޓަރު ގޮވާލާފައި ވާއިރު ކޮވިޑްގެ ހާލަތު ރަނގަޅު ނުވާނަމަ ފިޔަވަޅުތައް ވަރުގަދަ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިއާގައި މިހާތަނަށް ވަނީ 12.4 މިލިއަން މީހުން ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އަދި 164،000 މީހުން ބަލީގައި މަރުވެފައިވާއިރު މިއީ ކޮވިޑްގައި އެއް ގައުމަކުން އެންމެ ގިނަ މީހުން މަރުވި އެއް ގައުމުވެސް މެ އެވެ.

ކޮވިޑް ދިފާއު ވެކްސިންގެ އެންމެ ބިޔަ ޕްރޮގުރާމު އިންޑިއާގައި ފަށައިގެން ކުރިއަށް ގެންދާއިރު މިހާތަނަށް 73.1 މިލިއަން މީހުންނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ދީފަ އެވެ. ދެވަނަ ޑޯޒް ދެވުނީ 9.97 މިލިއަން މީހުންނަށެވެ. މިއީ އެގައުމުގެ އާބާދީގެ ގާތްގަނޑަކަށް 0.7 އިންސައްތަ އެވެ.