އިންޑިއާގައި ކޮވިޑްގެ ދެވަނަ ރާޅު ނެގުމާއެކު، ވެކްސިން ޕްރޮގުރާމް ފުޅާކުރަނީ

އިންޑިއާގައި ވެކްސިން ޕްރޮގުރާމް ފުޅާކުރަނީ
އިންޑިއާގައި ވެކްސިން ޕްރޮގުރާމް ފުޅާކުރަނީ
އަންގާރަ , 06 އޭޕްރިލް 2021 | 13:01

އިންޑިއާގައި ކޮވިޑް-19 ގެ ދެވަނަ ރާޅެއް ނަގައި ކޭސްތައް އިތުރުވަމުންދާތީ އެގައުމުގައި ފަށާފައިވާ ކޮވިޑް ދިފާއު ވެކްސިން ޕްރޮގުރާމް އިތުރަށް ފުޅާކުރަން އެގައުމުގެ ސްޓޭޓްތަކުގެ ލީޑަރުން ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އަރިހުގައި އެދިއްޖެ އެވެ.

އިންޑިއާގައި ދުވާލަކަށް ޕޮޒިޓިވްވަމުން އަންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައި އޮތުމަށްފަހު މިދިޔަ މަހުގެ ތެރޭގައި އަނެއްކާވެސް ނަމްބަރުތައް އުފުލެއް ފެށި އެވެ. މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އެގައުމުގައި ފެށި ވެކްސިން ޕްރޮގުރާމާއިއެކު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމާއިއެކު މިހާރު އަނެއްކާވެސް ދުވާލަކަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިންޑިއާގައި ހުރީ ޕީކުގަ އެވެ. އެގޮތުން މިހާރު ދުވާލަކަށް 90،000 އަށްވުރެއް ގިނަ މީހުން ޕޮޒިޓިވް ވެއެވެ.

އިއްޔެ އަކީ މަރުވި މީހުންގެ އަދަދު އެންމެ މައްޗަށް ދިޔަ އެއް ދުވަހެވެ. އެގޮތުން އިއްޔެ އެކަނިވެސް 446 މީހުން ކޮވިޑް ޖެހިގެން އިންޑިއާގައި ވަނީ މަރުވެފަ އެވެ.

1.35 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދެނުވީ 80.9 މިލިއަން މީހުންނަށެވެ. މިއީ އެމެރިކާ އަދި ޗައިނާއަށްފަހު އެއް ގައުމެއްގެ އެންމެ ގިނަ މީހުންނަށް ވެކްސިން ދެވުނު ގައުމެވެ. އެހެންނަމަވެސް އާބާދީގެ ނިސްވަބުން ވެކްސިން ދެވުނު އިންސައްތަ 10 އަކަށްވެސް ނާރަ އެވެ.

މިމަހުގެ ތެރޭގައި އިންޑިއާގައި ވަނީ 45 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ދޭން ފަށައިފަ އެވެ. އެހެންނަމަވެސް މިހާތަނަށް ވެކްސިން ދެވުނީ ކޮންމެ 25 މީހަކުން އެކަކަށެވެ.

ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދު ކޭޖްރިވާލް ވަނީ ވެކްސިން ދިނުމުގެ ޕްރޮގުރާމު އިތުރަށް ފުޅާކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ދިއްލީ އަދި މުމްބާއީ ފަދަ އާބާދީ ބޮޑު ތޮއްޖެހިފައިވާ ސިޓީތަކުގައި މަސައްކަތަށް ނިކުންނަ އެންމެންނަށް ވެކްސިން ދިނުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

ދިއްލީ ސަރުކާރުން ވަނީ މިމަހުގެ 30 ވަނަ ދުވަހާއި ހަމައަށް ރޭގަނޑު ކާފިއު ހިންގަން ނިންމައިފަ އެވެ. އެއީ އެސިޓީގައި ކޮވިޑް ކޭސްތައް އިތުރުވަމުން ދާތީ އެވެ.

ވެކްސިންގެ ޑޯޒްތައް އެންމެ ގިނަ އަދަދަކަށް އުފައްދާ އިންޑިއާއިން އެހެން ގައުމުތަކަށް ވެކްސިން އެކްސްޕޯޓު ކުރުމުގައި ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެގޮތުން އެގައުމުގައި އުފައްދައި ގާތްގަނޑަކަށް 64 މިލިއަން ވެކްސިން ޑޯޒް އެހެން ގައުމުތަކަށް އެކްސްޕޯޓު ކުރި އެވެ. މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން އިންޑިއާ ސަރުކާރުން ވަނީ ވަގުތީ ގޮތުން ވެކްސިން އެކްސްޕޯޓު ކުރުން މެދުކަނޑާލައިފަ އެވެ.

މިހާރު ސަރުކާރުން މަސައްކަތް ކުރަމުންދަނީ ވެކްސިން ދެމުންދާ ދުވެލި އަވަސްކޮށް އިތުރު މީހުންނަށް ވެކްސިން ދިނުމަށެވެ. ކޮވިޑް ކޭސްތައް މިހާރު އެންމެ ބޮޑަށް އިންޑިއާގައި އިތުރުވަނީ މުއްސަނދި ހިސާބުތަކުގަ އެވެ. އެހެންކަމުން އެތަންތަނުގައި ވެކްސިން ދިނުން އަވަސްކުރަން ސަރުކާރުން ދަނީ މަޝްވަރާ ކުރަމުންނެވެ.