ރާއްޖޭގައި އިންސާފަށްޓަކައި ކުރެވޭ ދަތުރުގެ މިސާލަކީ މިސްރާބު ގެއްލިފައިވާ އޮޑިއެއް ކުރަމުންދާ ދަތުރެއްގެ މިސާލެވެ. ދުވެލި އެހާމެ ލަހެވެ. މަންޒިލަކީ ކޮބައިކަމެއް އަދި އެ މަންޒިލަށް ވާސިލުވެވޭނެ ދުވަހެއްވެސް ނުމެ އެނގޭމެ އެވެ. އޮތް އެންމެ ބޮޑު ސުވާލަކީ އިންސާފަށްޓަކައި މިކުރަނީ މާނައެއް ހުރި ދަތުރެއް ހެއްޔޭ އެވެ.
މިހާތަނަށް އައިއިރު ރާއްޖޭގައި މިވަނީ ނުރައްކާތެރި އެތައް ހަމަލާތަކެއް ދީފަ އެވެ. މި ހަމަލާތަކުގައި ބައެއްގެ ފުރާނަ ގެއްލިގެން ގޮސްފައިވާއިރު ދުވަހެއް ދުވަހަކަށް އޭގެ ނުރައްކާވެސް މިދަނީ އިތުރުވަމުންނެވެ.
ސަލްޓަން ޕާކުގައި ބޮން ގޮއްވުން
2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ފަތުރުވެރިންތަކަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަކީ މުޅި ރާއްޖެ ސިއްސުވައިލި ޓެރަރިޒަމް ހަމަލާއެކެވެ. ތަހުގީގަށް ހޯދުނު ހޯދުންތަކުގެ އަލީގައި އެ ހަމަލާގެ މަގްސަދަކީ ފަތުރުވެރިކަމުގެ ސަބަބުން ރާއްޖޭގެ ދީނީ ސަގާފަތް ގެއްލިގެން ދާތީ އެކަމާއި ދެކޮޅަށް ދިން ހަމަލާއެއްކަން ވަނީ އެނގިފަ އެވެ. ސަލްޓަން ޕާކުގައި ދިން ހަމަލާގައި 12 ފަތުރުވެރިއަކަށް އެކި ވަރުގެ އަނިޔާތައް ލިބުނެވެ. އެހެންނަމަވެސް އެ ހާދިސާއާއި ގުޅިގެން އަދިވެސް އޮތީ ފިޔަވަޅު ނޭޅިފަ އެވެ.
ބޮން ގޮއްވުމުގައި އަމަލީގޮތުން ބައިވެރިވި އެއްބަޔަކު ވަނީ ރާއްޖެ ދޫކޮށް ފިލައިފަ އެވެ. 3 މީހަކު 15 އަހަރަށް ޖަލަށް ލާން ހުކުމް ކުރި އެވެ. އެ ތިން މީހުން ކުށަށް އިއުތިރާފުވިއިރު ހަމަލާއާއިގުޅޭ ވާހަކަތައް ކިޔައިދިނެވެ. އެމީހުން ސިފަކުރާ ގޮތުގައި އެއީ ޖިހާދެކެވެ.
މިހަމަލާއާއި ގުޅިގެން އިތުރު ތަހުގީގުތައް ސަލާމަތީ ބާރުތަކުން ފެށިނަމަވެސް ހަމަލާގެ އަޑީގައި ތިބި މީހުންނާއި އެކަމަށް ފަންޑުކުރި މީހުން ހައްޔަރުކޮށް ހުކުމްކޮށްފައެއް ނުވެ އެވެ. އެހެންނަމަވެސް ހަމަ އެއަހަރު އއ. ހިމަންދޫގައި ކުރިއަށް ގެންދިޔަ ބޮޑު އޮޕަރޭޝަނެއްގައި ދާރުލްހައިރު ނަމަކަށް ކިޔާ ގެއެއް ބަލައި ފާސްކުރަން އެރަށަށް އެރުމުން އެރަށުގައި ތިބި ހަރުކަށި ފިކުރުގެ ގިނަ ބަޔަކު ވަނީ ސަލާމަތީ ބާރުތަކާއި ކުރިމަތިލައިފަ އެވެ. އެމީހުން ތިބީ ހެލްމެޓާއި މާސްކު އަޅައި، ލަޓިބުރިއާ ދަގަނޑު ބުރިތައް ހިފައިގެންނެވެ.
ސަލާމަތީ ބާރުތަކާއި އެމީހުންނާއި ދެމެދު ކުރިމަތިލުންތަކެއް ހިނގިއިރު ސަލާމަތީ ބާރުތަކުގެ އޮފިސަރެއް އެމީހުން ރަހީނުވެސް ކުރި އެވެ. ހަމަލާގައި ހިމަންދޫއިން ބައިވެރިވި މީހުން ހައްޔަރު ކުރި އެވެ. އަދި އޭގެ ތެރެއިން 16 މީހަކު ޖަލަށްވެސް ލިއެވެ.
ހަރުކަށި ފިކުރުގެ ނެޓްވޯކު ފުޅާކުރުން
ހިމަންދޫ ހާދިސާއަށްފަހު ރާއްޖޭގައި ދީނީ ހަރުކަށި ފިކުރުގެ ބޮޑު ނެޓްވޯކެއް އުފެދި އޭގައި އެތައް ސަތޭކަ މީހުންނެއް ޝާމިލުވާކަން ފަޅާއެރި އެވެ. އެގޮތުން ސީރިއާ ހަނގުރާމައަށް އޭގެ ތެރެއިން އެތައް ބަޔަކު ދިޔައިރު ޕާކިސްތާނުގެ އިންޓެލިޖެންސް އިދާރާ ގޮއްވައިލުމުގައިވެސް ދިވެއްސަކު ބައިވެރިވިކަން ވަނީ އެނގިފަ އެވެ. ޖާނުން ފިދާވެ ދިން އެ ހަމަލާގައި ދިވެހި މީހާ ވަނީ މަރުވެފަ އެވެ.
2009 ވަނަ އަހަރުގެ މި ހަމަލާއަށްފަހު ރާއްޖޭގައި އަލްގައިދާގެ ސެލްތަކެއް ހަރަކާތްތެރިވަމުން ދިޔަކަށް ސަލަމަތީ ބާރުތަކުގެ ސަމާލުކަމަށް އައެވެ. މިކަމަށް އޭރުގެ ސަރުކާރުންވެސް އެއްބަސްވި އެވެ. ބައެއް މިސްކިތްތަކުގައި އެ ސެލްތަކުގެ މީހުން، ޒުވާނުން ރިކްރޫޓު ކުރަން ފެށި އެވެ. އެމީހުންގެ މައިގަނޑު މޮޓޯއަކަށްވީ ސީރިއާފަދަ އިސްލާމީ ގައުމުތަކުގައި ހިނގާ ހަނގުރާމަތަކަށް ޖިހާދަށް ފޮނުވުމެވެ. އިސްކޮށް ހަރަކާތްތެރިވި މީހުން ވިސްނައިދެމުން ދިޔައީ ޖިހާދަށް ދިއުމަށް ގައުމުގެ ވަލިއްޔުލް އަމުރުގެ ރުހުން ބޭނުން ނުވާނެ ކަމަށެވެ. އަދި އެކަމަށް ބާރުއެޅުމުގެ ގޮތުން ހަރުކަށި ފިކުރުގެ ފަތުވާ ދޭ މީހުންގެ ވީޑިއޯއާއި އޯޑިއޯތައް ދައުރު ކުރުވި އެވެ.
އަލްގައިދާ އަކީ އޭރު މުޅި ދުނިޔޭގައިވެސް އޮތް އެންމެ ބޮޑު ޓެރަރިސްޓު ޖަމާއަތެވެ. މި ޖަމާއަތުގެ ނެޓްވޯކު ރާއްޖޭގައި ފުޅާކުރަމުން ދިޔައިރު އިރާގުގައި ވަކި ދައުލަތެއް ހަދައި ހިންގި ބޮޑު ޖަރީމާގައިވެސް ދިވެހިންގެ އެތައް ބަޔަކު ބައިވެރިވިކަން ވަނީ ހާމަވެފަ އެވެ. އޭރު ބައެއް ވީޑިއޯތަކާއި ފޮޓޯތަކުން ވަނީ ދިވެހިން ސީރިއާއާއި އިރާގުގައިވެސް ހަރަކާތްތެރިވަމުން ދިޔަކަށް އެނގިގެން ގޮސްފަ އެވެ.
ދެން ފެށުނީ މުޅިން އެހެން ބާބެކެވެ. ރާއްޖޭގައި އޮތް ހަރުކަށި ފިކުރުގެ މީހުން ޒުވާނުންގެ ތެރެއިން ގޭންގުތަކުގައި ހަރަކާތްތެރިވާ ކުދިން ޓާގެޓަކަށް ހަދަން ފެށި އެވެ. ހާއްސަކޮށް އެކި ކަހަލަ ކުށްތަކުގައި ޝާމިލުވެފައިވާ ކުދިންނާއި ބައްދަލުކޮށް އެމީހުންނަށް ނަސޭހަތް ދޭން ފެށި އެވެ. އޭރު ފެށި މި ހަރަކާތުގެ ތެރެއިން ގޭންގުތަކުގެ ކުދިންނަށް ވިސްނައިދެމުން ދިޔައީ ތައުބާ ނުވެވޭނެ ފަދަ ކުށްތަކަށް އަރައިގަނެވިފައިވުމުން އެކަމުން ދިންނަވާނެ ހަމައެކަނި މަގަކީ ޖިހާދު ކަމަށެވެ ބުނެ އެވެ. މިމަސައްކަތް ޖަލުތަކުގައިވެސް ކުރިއަށް ދިޔަ އެވެ. އޭރު ސީރިއާ ހަނގުރާމައަށް ގޮސް ހާލުގައި ޖެހުނު ބައެއް ދިވެހިން ރާއްޖެ އައިސް މިމަސައްކަތުގައި އުޅުނުވެސް މެއެވެ.
ޑރ. އަފްރާޝީމްގެ މަރު
މިދެންނެވި ހަރަކާތް ފުޅާކުރުން ވެގެންދިޔައީ ރާއްޖޭގައި އާ ނުރައްކާތެރިކަމުގެ ދޮރެއް ހުޅުވުނު ހަރަކާތަކަށެވެ. ހަރުކަށި ފިކުރުގެ މީހުންނާއި ހިޔާލު ތަފާތުވާ، ނުވަތަ އެމީހުންނަށް އޮތް ހުރަހެއްކަމަށް ގަބޫލުކުރެވޭ ކޮންމެ މީހެއްގެ ލޭ ހުއްދަކުރަން ފެށި އެވެ. އަދި އެކަމުގައި ގޭންގުތަކުން ރިކްރޫޓު ކުރި ކުދިން ބައިވެރިކޮށް މާރާމާރީއާއި ލޭއޮހޮރުވުން ހިންގަން ފެށި އެވެ.
އެގޮތުން 2012 ވަނަ އަހަރު މި މީހުންގެ ޝިކާރައަކަށްވީ ޑރ. އަފްރާޝީމް އަލީ އެވެ. ޑރ. އަފްރާޝީމް އޭރު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގަ އެވެ. އެމަނިކުފާނަކީ ރާއްޖޭގައި އޭރު ހުންނެވި އެންމެ އިހުތިރާމު ލިބިގެންވި ދީނީ އިލްމުވެރިޔާ ވެސްމެ އެވެ. ބައެއް ހައްސާސީ މައްސަލަތަކުގައި އަފްރާޝީމްގެ ހިޔާލު ފާޅުކުރައްވަމުން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން ހަރުކަށި ފިކުރުގެ މީހުންގެ މަސައްކަތަށް އޮތް ހުރަހެއްގެ ގޮތުގައި އެމަނިކުފާނު ދެކެވުނެވެ.
އަފްރާޝީމް އަވަހާރަކޮށްލީ ޓީވީ ޕްރޮގުރާމެއްގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު އަނބުރާ ވަޑައިގެން ގޭގެ ސިޑި ކައިރީގަ އެވެ. ހަމަލާގައި ކަތިވަޅިން އެކިވަރުގެ އަނިޔާތައް ދީފައި ވެއެވެ. މިއާއެކު ހަރުކަށި ފިކުރުގެ މީހުންގެ މޫތައް ވަރުގަދަ ވާން ފެށި އެވެ. ބިރުވެރިކަމާއި ނުރައްކާތެރިކަން ފެތުރެން ފެށި އެވެ.
ރިލްވާން އާއި ޔާމީންގެ މަރު
އޭގެ ފަހުން މާގިނަ ދުވަހެއް ނުވެ 2014 ވަނަ އަހަރު ނޫސްވެރިޔާ ރިލްވާން އަބްދުﷲ ރަހީނު ކުރި އެވެ. އަދި އަދަށް ދާންދެންވެސް ރިލްވާންގެ ހަށިގަނޑު ނުފެނެ އެވެ. އެހެންނަމަވެސް ތަހުގީގަށް ހޯދުނު ހޯދުންތަކުން ރިލްވާން މަރާލާފައިވާކަން ވަނީ އެނގިފަ އެވެ.
ރިލްވާން މަރައިލުމުގެ ކުރިން އޭނާއަށް އެކި ފަހަރުމަތިން އިންޒާރު ދީފައިވެ އެވެ. އޭނާގެ ހަރަކާތްތަކަށް ފާރަލަމުން ގޮސްފައިވާކަން ތަހުގީގަށް ވަނީ އެނގިފަ އެވެ. ރިލްވާން ރަހީނުކުރީ އޭނާގެ ގެ ކައިރިން ކާރަކަށް އަރުވައިގެން ގެންގޮހެވެ. މި ހަމަލާއަށްފަހު އެކަމާއި ގުޅެނީ ހަރުކަށި ފިކުރުގެ މީހުންނާކަން ތަހުގީގަށް ވަނީ ސާބިތުވެފަ އެވެ.
ރިލްވާނު ގެއްލުވައިލުމުގެ ހާދިސާގެ ހަގީގަތް ހޯދަން މަސައްކަތް ކުރަމުންދިޔަ އޭނާގެ އެންމެ ގާތް އެކުވެރިޔާ ޔާމީން ރަޝީދަށް ހަމަލާދީ މަރައިލީ އޭގެ ތިން އަހަރު ފަހުން 2017 ވަނަ އަހަރު އެވެ. ޔާމީން މަރައިލީ އޭނާއަށް ފާރަލައި ފަހަތުން ގޮސް ގެއަށް ވަންނަ ލިފްޓު ކައިރީގަ އެވެ. ޔާމީން މަރައިލީ އޭނާގެ ކުރެހުމެއްގައި ކީރިތި ގުރުއާނަށް ފުރައްސާރަ ކުރިކަމަށް ބުނެ އެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ
އޭގެ ހަތަރު އަހަރު ފަހުން އަނެއްކާވެސް މިވަނީ މިފަދަ ނުރައްކާތެރި ހަމަލާއެއް ދީފަ އެވެ. މިފަހަރު ހަމަލާ އަމާޒުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށެވެ. ނަޝީދަކީ އެކި ފަހަރު މަތިން އިސްލާމް ދީނަށް ގޮންޖަހައި ވާހަކަ ދެއްކިކަމަށްބުނެ ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައި ހުންނެވި ބޭފުޅެކެވެ. އެމަނިކުފާނުގެ ވެރިކަމުގައި ޑެންމާކުގައި ގުރުއާނާއި ހަދީސް ނޫން އެހެން ހައްލެއް ހޯދަން ޖެހޭކަމަށް ބުނެ ދެއްކެވި ވާހަކަތަކާއި އޭގެ ފަހުންވެސް ޕޯޑިއަމްތަކުގައި ދެއްކެވި ވާހަކަތަކާއި ގުޅިގެން ނުރުހުން އަމާޒުވި އެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާ ދިނީ މިއަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު އެމަނިކުފާނު ދިރިއުޅުއްވާ ގެއިން ނިކުމެވަޑައިގެން ކާރަށް އަރުއްވަން އުޅުއްވަނިކޮށެވެ. މި ހަމަލާ ދޭން ބޭނުންކޮށްފައިވަނީ ސަލްޓަން ޕާކު ގޮއްވައިލަން ބޭނުންކުރި ފަދަ އާލާތެއް މޮޑިފައި ކޮށްގެންނެވެ. އެހެންނަމަވެސް މިފަހަރުގެ އާލާތް ބާރު ގަދަ އެވެ. ބޭނުންކޮށްފައިވާ ލޭޒާ ފުއްތަކެއްގެ ސަބަބުން ނަޝީދުގެ ހަށިކޮޅުގެ އެކި ތަންތަނަށް ވަނީ އަނިޔާ ލިބިފަ އެވެ. ޑޮކްޓަރުންގެ ރިޕޯޓުތަކަށް ބަލާއިރު އެމަނިކުފާނުގެ ފުރާނަ ސަލާމަތްވީ ނަސީބު ރަނގަޅުކަމުންނެވެ.
މިހަމަލާއަކީ ހަގީގަތަށް ދަންނަވާނަމަ މިހާތަނަށް ރާއްޖޭގައި ދިން ނުރައްކާތެރިކަން އެންމެ ބޮޑު ހަމަލާ އެވެ. އެއީ ރައީސް ނަޝީދަކީ ސަލާމަތީ ހިދުމަތުން ފުރިހަމަ ރައްކާތެރިކަން ފޯރުކޮށްދޭ ބޭފުޅަކަށް ވާތީ އެވެ. އަބަދުވެސް ވަށައިގެން ސިފައިންގެ ބޭކަލުން ތިއްބަވާއިރު ސަލާމަތީ ހިދުމަތުގެ އެންމެ މަތީ ސެކިއުރިޓީ ފޫއަޅުވާލައި ދިން މި ހަމަލާއަށްފަހު ބިރުވެރިކަން މިވަނީ އަނެއްކާވެސް އިތުރުވެފަ އެވެ.
މިހަމަލާއާއި ގުޅިގެން އަމަލީ ގޮތުން ބައިވެރިވި 4 މީހަކު ހައްޔަރު ކުރިނަމަވެސް ހަމަލާގެ އަޑީގައި ތިބި މީހުން އަދި ހޯދިފައެއް ނުވެ އެވެ. ތަހުގީގުތަކަށް ގޮންޖެހުންތަކެއް ހުރިނަމަވެސް ސަލާމަތީ ބާރުތަކުން ވަނީ އޮޕަރޭޝަން އިތުރަށް ފުޅާކޮށްފަ އެވެ.
ހުރިހާ ހަމަލާއެއްގައިވެސް ބައިވެރިވަނީ އެއް ބައެއް
މިހާތަނަށް ހޯދުނު ހޯދުންތަކުގެ އަލީގައި ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގައި ހަރަކާތްތެރިވި މީހުންނަކީ ރިލްވާން ރަހީނު ކުރުމުގައިވެސް ހަރަކާތްތެރިވިކަމަށް ބެލެވޭ މީހުންނެވެ. އަދި ޔާމީން މަރާލުމުގެ ފަހަތުގައި ތިބީ ސީރިއާގައި ހަރަކާތްތެރިވާ ދިވެހި ޖަމާއަތާއި ގުޅުން އޮތް ބައެއްކަންވެސް ތަހުގީގުތަކަށް ވަނީ އެނގިފަ އެވެ.
މިހާތަނަށް ހޯދުނު ހޯދުންތަކުން ދައްކާ ގޮތުން ރާއްޖޭގައި ބޮން އުފެއްދުމުގެ ހުނަރު ހުރި އަދި އެކަމަށް ތަމްރީނު ވެގެން ތިބި މީހުން އެބަތިއްބެވެ. އެގޮތުން އަފްރާޝީމްގެ ހަމަލާގައި ބައިވެރިވި މީހަކު ސީދާ ޕާކިސްތާނަށް ގޮސް ތަމްރީނުތަކެއް ހޯދިކަންވެސް ވަނީ އެނގިފަ އެވެ.
ރައީސް ނަޝީދުގެ ހަމަލާގެ ފަހަތުގައި ތިބީ ސީދާ ކޮން ބައެއްކަން މިހާތަނަށް ހޯދިފައި ނުވިނަމަވެސް ތަހުގީގަށް ފެނުނު ކަންތައްތަކުން މީގެ ކުރިން ދިފައިވާ ހަމަލާތަކާއި އެއްގޮތް ކަންތައްތަކެއް ހުރިކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން އަމަލީ ގޮތުން ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ ފަރާތުން ރައީސް ނަޝީދަށް އިންތިހާއަށް ނަފްރަތު އޮތްކަން ވަނީ އެނގިފަ އެވެ. އެމީހުން ބުނާ ގޮތުގައި ރައީސް ނަޝީދަކީ ދުނިޔޭގައި އުޅެންވެސް ހެޔޮވާވަރުގެ ބޭފުޅެއް ނޫނެވެ.
ރާއްޖޭގައި ހަރުކަށި ފިކުރު ފުޅާވެ ހަމަލާތައް އިތުރުވަމުން ދާ ދިއުމަށް ބަލާއިރު ކަމުގެ ހުރި ސީރިއަސްކަން އެބަ އެނގެ އެވެ. ނެޓްވޯކު ފުޅާކުރަމުންދާ ހަލުވިމިނާއި އޭގައި ބައިވެރިކުރާ މީހުންވެސް އިތުރުވަމުން އަންނަކަން މިވަނީ އެނގިފަ އެވެ. ތަފާތު މީހުންނަށް ހަމަލާތައް އަމާޒު ކުރިނަމަވެސް މަގްސަދަކަށް މިވަނީ ދީނުގެ ނަމުގައި ލޭ ހުއްދަ ކުރުމެވެ.
މާލޭގައި މިފިކުރު ކަންބޮޑުވާ މިންވަރަށް ފެތުރިފައި އޮތްއިރު ރާއްޖޭގެ ބައެއް ރަށްރަށުގައިވެސް ފިކުރު އަންނަނީ ފުޅާކުރަމުންނެވެ. މިކަމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން މިފަދަ ކަންކަމަށް ހިތްވަރު ލިބޭގޮތަށް ވާހަކަ ދެއްކުމެވެ. ލޭ ހުއްދަ ވާނެކަމަށް ދޭހަވާފަދަ އިބާރާތުން ވާހަކަ ދެއްކުމާއި އެފަދަ ނަސޭހަތް ދިނުން އޭގެ ތެރޭގައި ހިމެނެ އެވެ.
ސާފުވާ އެއްކަމަކީ ރާއްޖޭގައި ފުޅާވަމުން މިއަންނަ ޓެރަރިޒަމް ހުއްޓުވޭނީ މިމަސައްކަތުގެ މުގުލުގައި ތިބި މީހުން ހޯދައި ހައްޔަރު ކުރެވިގެންކަމެވެ. އަދި މިމަސައްކަތަށް ފަންޑު ކުރާ މީހުންވެސް ހޯދިގެން ކަމެވެ. އިއްޔެ އަފްރާޝީމް އެވެ. އޭގެ ފަހުން ރިލްވާން އާއި ޔާމީނެވެ. މިއަދު ރައީސް ނަޝީދެވެ. މާދަމާ ޝިކާރައަކަށްވާނީ ކާކުކަން ވަޒަންވެސް ނުކުރެވެ އެވެ.