ރިސޯޓުތަކަށް ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކްތަކުން މާރުކުރަން ލާޒިމްކޮށް ހަދާފައިވާ ގަވާއިދު ބަދަލުނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވެފައިމިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަލަށް އެކުލަވާލައި ގެޒެޓުކޮށްފައިވާ "މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދު" ގެ ދަށުން ޑޮލަރު މާރު ނުކުރާނެ ކަމަށް ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޮޑެތި ކުންފުނިންތަކުން ބުނެފައިވާ ދަނޑިވަޅެއްގަ އެވެ.
އެ ކުންފުނިތަކުގެ ތެރެއިގައި ޔުނިވާސަލް އެންޓަޕްރައިސަސް އަދި ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ މަހުޖަނު ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ހިމެނެ އެވެ.
މި ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރަން ބޭއްވި ޖަލްސާގައި ވާހަަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ ގަވާއިދު ބަދަލު ނުކުރާނެ ކަމަށާއި ޓޫރިޒަމް ވިޔަފާރިތަކުން 500 ޑޮލަރު އެމްއެމްއޭ އަށް މާރުކުރަންޖެހޭނެ ކަމަށެވެ.
"ގަވާއިދަށް ތަބާވުމަކީ އެންމެންގެ މައްޗަށް ލާޒިމު ކަމެކޭ، މިކަން ކުރައްވަން ޖެހިވަޑައިގަންނަވާނެއޭ. މިއީ ގާނޫނު އަސާސީއާ އެއްގޮތަށް ކުރާ ކަމެއް. ގާނޫނުތަކާ އެއްގޮތަށް ކުރާ ކަމެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ މިކަން އިތުރަށް ތަންފީޒު ކުރަން އެމްއެމްއޭ އަށް އެހީތެރިވުމުގެ ގޮތުން އެކަމަށް ހާއްސަ ފޮރެކްސް ގާނޫނެއް ވެސް މަޖިލިސް މެދުވެރިކޮށް ފާސްކުރާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި މި ސަރުކާރު އޮންނާނީ 100 ޕަސެންޓް ރައްޔިތުންނާ އެކު ކަމަށާއި މިއީ ސުވާލެއް ވެސް އޮންނާނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ވަނީ ޑޮލަރު މާރު ކުރެވެން ނެތް ކަމަށް ބުނާ ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން ގައުމަށް ހެޔޮ ނޭދޭ ސިޔާސީ ވެރިންގެ ނުފޫޒުގައި ނުޖެހި، ރައްޔިތުންގެ ފަޅިއަށް އެރުމަށް ވެސް ގޮވާލައްވާފަ އެވެ.