ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެންދަނީ އަވައްޓެރި އިންޑިއާއާއިއެކު ގާތް ގުޅުމެއް މެދުކެނޑުމެއް ނެތި ބަދަހި ކުރަމުންނެވެ. މިވޭތުވެ ދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އެކި ދާއިރާތަކުން ރާއްޖެއާއި އިންޑިއާ މިވަނީ ގާތްވެފަ އެވެ. އެއްބަސްވުންތަކުގައި ސޮއިކޮށް އެކި ބޭނުންތަކަށް އިންޑިއާގެ އެހީވެސް ގެންދަނީ ހޯދަމުންނެވެ.
ރާއްޖެއަކީ ނިސްބަތުން މީސްކޮޅު މަދު ގައުމެކެވެ. އެއާ ހިލާފަށް އިންޑިއާ އަކީ ދުނިޔޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ގައުމެވެ. މީގެ ސަބަބުން ރާއްޖޭގައި އިންސާނީ ވަސީލަތް މަދުވާ ދަނޑިވަޅެއްގައި އިންޑިއާއިން އެހީތެރިކަން މީގެ ޒަމާންތަކެއް ކުރިންވެސް ދިޔައީ ހޯދަމުންނެވެ. ޑޮކްޓަރުންނާއި ޓީޗަރުން އޭގެ ތެރެއިން ފާހަގަކޮށްލަން ޖެހެ އެވެ.
ރާއްޖޭގެ ސްކޫލުތަކުގައި އިންޑިއާ ޓީޗަރުން ގިނަ އެވެ. އިނގިރޭސި ބަހުން އެކި މާއްދާތައް ކިޔަވައިދޭން އިންޑިއާގެ ފަންނީ ބޭފުޅުން ފެނައި ނަމަވެސް ދިވެހިން ތަމްރީނުވަމުން ދާވަރަކަށް ބިދޭސީން ދިޔައީ ސްކޫލުތަކުގައި މަދުވެސް ކުރަމުންނެވެ. އެހެންނަަމަވެސް ހުރިހާ ސްކޫލަކަށް ބޭނުންވާ ވަރަށް ދިވެހި ޓީޗަރުން އަދިވެސް ނުލިބެ އެވެ.
މިދިޔަ ހަފްތާގައި އިންޑިއާގެ ދަ ހިންދޫ ނޫހުން ވަނީ ރާއްޖެއަށް ބޭނުންވާ އަރަބި އަދި ގުރުއާން ޓީޗަރުން އިންޑިއާއިން ގެންނަން ދިވެހި ސަރުކާރުން އެއްބަސްވުމެއް ހަދާފައިވާކަމަށް ރިޕޯޓުކޮށްފަ އެވެ. މިއާއެކު ސޯޝަލް މީޑިއާގައި މިވާހަކަ ދެކެވެން ފެށި އެވެ. އަރަބި އަދި ގުރުއާން ކިޔަވައިދޭން އިންޑިއާއިން ޓީޗަރުން ގެންނަ މިއީ ފުރަތަމަ ފަހަރުކަމަށް ވެދާނެ އެވެ. މީގެ ކުރިން ސްކޫލުތަކުގައި މި ދެ މާއްދާ ކިޔަވައިދޭން ތިބެނީ ދިވެހިންނެވެ. ބައެއް ސްކޫލުތަކުގައި މިސްރު ފަދަ އަރަބި ގައުމުތަކުން ޓީޗަރުން ގެނަސް ކިޔަވައިދެ އެވެ.
އިންޑިއާއަކީ އާބާދީގައި މުސްލިމުންނަށްވުރެއް އެހެން ދީންތަކުގެ މީހުން ގިނަ ގައުމެކެވެ. އަރަބި އަދި ގުރުއާން ކިޔަވައިދޭން އެގައުމުން ޓީޗަރުން ނުގެންނަ ސަބަބަކީ މިއީކަމަށްވެސް ވެދާނެ އެވެ. ކޮންމެއަކަސް އިންޑިއާއިން މި ދެ މާއްދާ ކިޔަވައިދޭން ޓީޗަރުން ގެންނައިރު މިއާއި ގުޅިގެން އެތައް ސުވާލުތަކެއް މިވަނީ އުފެދިފަ އެވެ.
ކޮންެ ގައުމެއްގެ މީހެއް ނަމަވެސް ގުރުއާން ކިޔަވައިދިނުމަކީ ތަމްރީނު ލިބިފައިވާނަމަ އުނދަގޫ ކަމަކަށް ނުވެދާނެ އެވެ. ގުރުއާނަކީ ކޮންމެ ބަހަކުން ވާހަކަ ދައްކާ ކޮންމެ ގައުމެއްގެ މީހަކަށްވެސް އޭގެ އިލްމު ލިބިފައި ހުރެދާނެ މާއްދާ އެކެވެ.
ސުވާލު އުފެދެނީ އަރަބި އަދި ގުރުއާން މި ދެ މާއްދާގެ ޓެކްސް ފޮތާއި އިމްތިހާނާާއި ގުޅިގެންނެވެ. ރާއްޖޭގައި އަރަބި އަދި ގުރުއާން މުގައްރިރު ލިޔެފައި އޮންނަ ޓެކްސް ފޮތް އޮންނަނީ ދިވެހި ބަހުންނެވެ. އަދި އެ ދެ މާއްދާގެ އިމްތިހާނުވެސް ހަދަނީ ދިވެހި ބަހުންނެވެ. ވީއިރު އިންޑިއާއިން ގެނައި ޓީޗަރުން އެމާއްދާ ކިޔަވައިދޭނީ ކޮން ބަހުރުވައަކުންތޯ ސުވާލު އުފެދެ އެވެ.
އަރަބިން ކިޔަވައިދޭނަމަ ދަށު ގްރޭޑުތަކުގެ ކުދިންނަށް ފަހުމް ވާން މާ ފަސޭހައެއް ނުވާނެ އެވެ. ހިންދީ ބަހުންނަމަ ގިނަ ކުދިންނަށް ނުވެސް އިނގޭނެ އެވެ. އިނގިރޭސި ބަހުންނަމަ އުނދަގޫ ވާނެ އެވެ. އަދި ދިވެހި ބަހުން ކިޔަވައިދޭން ވެއްޖެނަމަ އެ ޓީޗަރުންނަށް ފުރަތަމަ ޖެހޭނީ ދިވެހި ބަސް ކިޔަވައިދޭށެވެ.
އަނެއްކޮޅުން އަރަބި އަދި ގުރުއާންގެ ޓެކްސްޓް ފޮތްވެސް މި ހާލަތުގައި ބަދަލުކުރަން ޖެހޭނެ އެވެ. އެހެންނޫންނަމަ ދަރިވަރުންނަށް ކިޔަވައިދޭ އެއްޗެއް އޮޅުން އެކަށީގެންވެ އެވެ. އެއް ބަހުރުވައިން ކިޔަވައިދީފައި އަނެއް ބަހުރުވައިން ޓެކްޓް ފޮތް އޮތުން އެއީ މައްސަލައެއްވެސް މެއެވެ.
އެސްއެސްސީ އިމްތިހާނާއިމެދުވެސް ސުވާލު އުފެދެ އެވެ. އިނގިރޭސި ބަހުން ނުވަތަ ހިންދީ ބަހުން ކުދިންނަށް އަރަބި ކިޔަވައިދީފައި ދިވެހި ބަހުން އޮންނަ އިމްތިހާނެއް ހަދަން ޖެހިއްޖެނަމަ އޭގެ ސަބަބުންވެސް މައްސަލަތަކެއް ނިކުންނާނެ އެވެ. އެހެންކަމުން މުޅި މުގައްރަރު ބަދަލުކޮށް އަރަބި އަދި ގުރުއާން މާާއްދާއަކީ ސައިންސާއި ހިސާބު ފަދައިން އިނގިރޭސި މީޑިއަމްއަށް ކިޔަވައިދޭ މާއްދާއަކަށް ބަދަލުކުރާނީތޯ މިހާރު ސުވާލު އުފެދެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި އިންޑިއާއިން ޓީޗަރުން ގެނައީ ރާއްޖޭގައި އަރަބި އަދި ގުރުއާން ޓީޗަރުން އެކަށީގެންވާ ވަރަށް ނުލިބިގެންނެވެ. ޓީޗަރުން ހޯދަން އެކި ފަހަރުމަތިން މަސައްކަތް ކުރިކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
ދަ ހިންދޫ ނޫހުން ބުނި ގޮތުގައި އަރަބި އަދި ގުރުއާން ޓީޗަރުންގެ ފުރަތަމަ ބެޗު މިހާރު ވަނީ ރާއްޖެ އައިސްފަ އެވެ. އިތުރު ބެޗުތައްވެސް ވަރަށް އަވަހަށް ރާއްޖެއަށް އަންނާނެ އެވެ. ޓީޗަރުންގެ އިތުރުން ސިއްހީ ދާއިރާގެ ފަންނީ މީހުންވެސް އިންޑިއާއިން ފޯރުކޮށްދޭނެ އެވެ.