ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު (21އ)ގެ މައްސަލައިގައި ތަހުގީގަށްޔުމްނުގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއްކަމަށާއި އެކަން ނުވެ އޮތީ ޔުމްނުގެ ސިއްހީ ހާލަތުގެ ސަބަބުން ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މި މައްސަލައިގައި ޔުމްނުގެ ބަހެއް ވީހާވެސް އަވަހައް ނަގަން ބޭނުންވާ ކަމަށާއި މުހިންމު ކަމެއް ކަމަށް ދެކިގެން އެ ފުރުސަތު ހޯދަން ފުލުހުން ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްކޮށްފައިވާ ކަމަށެވެ.
އެކަމަކު، ޔުމްނުގެ ސިއްހީ ހާލަތުގެ ސަބަބުން އެ ކަން މިހާތަނަށް ނުވެ އޮތީ ކަމަށް ފުލުހުން ބުންޏެވެ.
"އަންހެން މީހާގެ ސިއްހީ ހާލަތު ހުރި ގޮތުންނާއި އިތުރު އެކި ސަބަބުތަކާހުރެ، އަންހެން މީހާއާ ސުވާލުކުރުމުގެ ފުރުސަތު މިހާތަނަށް ވަނީ ނުލިބިއެވެ. އެކަން މަގުފަހިވިހާ އަވަހަކަށް ތަހުގީގުން އަންހެން މީހާއާ ސުވާލުކުރަން ބޭނުންވެއެވެ،" ފުލުހުންގެ މެސެޖުގައިވެއެވެ.
ފުލުހުން ބުނީ، މައްސަލައިގެ ތަހުގީގު މިހާރު ވެސް ކުރިއަށްދާ ކަމަށާއި އެހެންވެ އެ ކަމާ ގުޅިގެން ސުވާލުކުރަންޖެހޭ މީހުންނާ ސުވާލުކޮށް، އެ މީހުން ތަހުގީގަށްދޭ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރަން ތަހުގީގު ޓީމުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.