ދިރާސީ އަހަރެއްގެ ކިޔެވުން ނިމިގެންދިޔައީއެވެ. ތިބާގެ ދަރިފުޅަށް ދަސްވީ ކޮން އެއްޗެއް ހެއްޔެވެ. މިއީ މިހާތަނަށް ސުކޫލަށް ދިޔަ ކުދި ބަޔަކު އެއް ގްރޭޑެއްގައި އެންމެ ގިނަ ދުވަސް ހޭދަކުރި އެއް އަހަރެވެ. ބަރާބަރު 18 މަސް ދުވަސް ދަރިވަރުން ވަނީ އެއް ގްރޭޑެއްގައި ހޭދަކޮށްފައެވެ. ސަބަބުތައްވެސް ވަރަށް ގިނަ އެވެ. ހަލުވި ކަމާއެކު ފެތުރެމުންދިޔަ ކޮވިޑްގެ ބަލިމަޑު ކަމުގެ ސަބަބުން ސުކޫލުތައް ބަންދުކުރަން ޖެހުނީއެވެ. ދެން ކިޔެވުން ކުރިއަށް ގެންދަން ޖެހުނީ މުޅިން ތަފާތު ގޮތަކަށެވެ. ޓެކްނޮލޮޖީގެ އެހީގައި އެމީހަކު ހުރިތަނެއްގައި ހުރެގެން ކްލާސްތަކުގައި ބައިވެރި ވެވޭނެ ގޮތަށެވެ.
ނަމަވެސް މި ގޮތް ވެގެން ދިޔައީ ކުދިންނާއި ބެލެނިވެރިންނަށް ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނު ގޮތަކަށެވެ. ވަޒީފާއަށް ދަމުން ކުދިންނާއެކު އޮންލައިން ކްލާސްތަކުގައި ބައިވެރިވެ ކުދިންނާއެކު ތިބުން ވެގެން ދިޔައީ ބައެއް ބެލެނިވެރިންނަށް ކުރަން އުދަނގޫ އެހެންނަމަވެސް ހާލަތުގެ ގޮތުން މަޖުބޫރުވި ކަމަކަށެވެ. މި ކްލާސްތަކުން ދަރިފުޅަށް ދަސްވީ ކޮންއެޗެއްތޯއެވެ. ގައިމުވެސް އަޅުގަނޑަށް ފާހަގަވި އެއް ކަމެއް ދަންނަވާލާނަމެވެ. ސުކޫލަށް ގޮސް ދަރިވަރު އެތައް ބައިވަރު ކަންކަމެއް ދަސްކުރެއެވެ. ނުވަތަ ދަސްކުރަން ފުރުސަތު ލިބިގެންދެއެވެ. އެކުވެރިންނާއި ކްލާސް ކުދިންނާއެކު ސުކޫލްގައި 5 ގަޑި އިރު ހޭދަކުރާއިރު ކޮންމެ ދުވަހަކުވެސް އެކުދިންނަށް ތަފާތު އައު ކަންކަން ތަޖުރިބާ ކުރަން ލިބެއެވެ.
މި އުދަނގޫ އެއް އަހަރު ދަރިވަރުން ކެތް ކުރީ ވަރަށް ހިތްވަރުން ކަން އަޅުގަނޑަށް ޔަގީނެވެ. އަޅުގަނޑަށް އެކަން ތަޖުރިބާ ކުރެވުނު މީހެއްގެ ހައިސިއްޔަތުން ދަރިވަރުން ބޭނުންވަނީ ސުކޫލަށް ގޮސް ކިޔަވަންކަން ޔަގީނާ ގާތަށް ބުނަން އެނގެއެވެ. އެހެންކަމުން އަޅުގަނޑުމެންގެ އުއްމީދަކީ މިހާލަތުން އަރައިގަނެ އައި ދިރާސީ އަހަރެއް ފެށޭއިރު ސުކޫލަށް ގޮސް ކިޔެވުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދިއުމެވެ.