ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވައިލަން މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ދިން ހަމަލާއަކީ މިހާތަނަށް ރާއްޖޭގައި ދިން އެންމެ ބިރުވެރި އެއް ޓެރަރިސްޓު ހަމަލާ އެވެ. މާލޭގެ އެންމެ ބައި ބޯ މަޖީދީ މަގުގައި ބޮމެއް ގޮއްވާލައިގެން ދިން މި ހަމަލާ ރާވާފައިވަނީ ވަރަށްވެސް މޮޅަށެވެ. ސިފައިންގެ އެންމެ ވަރުގަދަ ސެކިއުރިޓީ ފޯރުކޮށްދޭ ފަރާތަކަށް މިފަދަ ހަމަލާއެއް ދޭން ރޭވިއިރު ސިއްރު އިދާރާތަކަށް ހިލަމެއްވެސް ނުވި އެވެ. ބަޔަކު ކަމެއް ކުރަން އުޅޭކަން ރޭކާވެސް ނުލި އެވެ.
ރާއްޖޭގައި މިހާތަނަށް ދިން ޓެރަރިސްޓު ހަމަލާތަކުގެ ތަހުގީގުގައި މާ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެއް ނުއެވެ. ރޯމާ ދުވާލު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން "ކަތިލައި" ނޫސްވެރިން ވަގަށް ނެގިއިރުވެސް އެކަމުގެ އަޑީގައި ތިބި މީހުން ހޯދަން ތަހުގީގީ އިދާރާތަކަށް ވަނީ ނުކުޅެދިފަ އެވެ. މި ހަމަލާގެ ތަހުގީގު ފުލުހުންނާއި އެހެންވެެސް މުއައްސަސާތަކުން ފެށިއިރު މި ސުވާލު އޮތީ އުފެދިފަ އެވެ. މީހަކު އަވަހާރަކޮށްލަން ހަމަލާއެއް ދޭން ރާވާއިރު ޝައްކެއްވެސް ނެތް ގޮތުގައި އެންމެ ފުރަތަމަ ކަމަކަށް ވާނީ ނުރައްކާތެރި ތަކެތި ތައްޔާރު ކުރުމަށް ބޭނުންވާ އެއްޗެހި ހޯދުމެވެ. އެކަމަށް ފައިސާ ބޭނުންވެ އެވެ. އެހެންކަމުން ކަމުގެ ފެށުމަކީ އެ ފައިސާ އެވެ.
އިއްޔެ އާއި ހަމައަށް ތަހުގީގީ އިދާރާތަކުން އާންމުކުރި މައުލޫމާތުތަކުގައި ތަހުގީގުގެ ފުނަށް ވާސިލު ވެވިފައިވާކަމަށް ބެލެވިފައެއް ނުވެ އެވެ. އެހެންނަމަވެސް އިއްޔެ ނޫސްވެރިންނާއި މައުލޫމާތު ހިއްސާ ކުރިއިރު ޓެރަރިސްޓު ހަމަލާގެ އެތެރެއިން ކޮންމެވެސް ވަރެއްގެ މައުލޫމާތުތަކެއް ލިބިގެން ދިޔަ އެވެ. ހައްޔަރުކުރި މީހުންނަށް ކުށް ސާބިތު ކުރެވޭ ވަރުގެ ބޮޑެތި ހެކިތައްވެސް ވަނީ ހޯދިފަ އެވެ.
ހަމަލާ ރޭވި މީހުން ހައްޔަރަށް
ދީނީ ހަރުކަށި ފިކުރުގެ މީހުން އިސްކޮށް ތިބެ ރޭވި ހައެއް މޭގެ ހަމަލާއާއި ގުޅިގެން އެކަމުގައި އަމަލީ ގޮތުން އުޅުނު މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުން ލިބުނު މައުލޫމާތަށް ބަލާއިރު ހަމަލާ ރޭވުމުގައި އިސްކޮށް ތިބި މީހުންވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އޭގެން އެކަކު ހައްޔަރު ކުރީ އިއްޔެ އެވެ. އައްޑޫ ސިޓީން ހައްޔަރު ކުރީ ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްމީނު އެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވި ގޮތުގައި ތަސްމީނު މީގެ ކުރިން މަސައްކަތް ކުރަމުން ދިޔައީ އެޓިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ކިޔާ އަމިއްލަ ކުންފުންޏެއްގަ އެވެ. އެ ކުންފުނީގެ އޮފީސް ތެރޭގައި ބޮމެއް ހަދަން އުޅުނުކަމުގެ ތުހުމަތުގައި 2017 ވަނަ އަހަރު އޭނާ ހައްޔަރުވެސް ކުރި އެވެ. އެހެންނަމަވެސް ޖެހިގެން އައި 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އޭނާ ވަނީ ބަންދުން ދޫވެފަ އެވެ. އޭރު އޭނާގެ ޝަރީއަތްވެސް ވަނީ ފަށައިފަ އެވެ.
ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން މިހާތަނަށް ހައްޔަރު ކުރީ 10 މީހަކެވެ. އެއީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ) އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ) އާއި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް އާއި ކ. މާލެ މާފަންނު ކުދެހިގެ އިސްހާގު އާއި ގއ. ވިލިގިލި ހުދުރުވާގެ ފަހުމީ އަލީ އާއި އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމް އާއި ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކު އަދި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްމީން އެވެ.
އޭގެ ތެރެއިން އެންމެ އިސްކޮށް އުޅުނު ކަމަށް ބެލެވެނީ ތަސްލީމް އާއި އިސްހާގުގެ އިތުރުން ހައިޝަމް އެވެ. ހައިޝަމް އަކީ ސައިކަލުގައި ބޮން ހަރުކުރި މީހާ އެވެ. އިސްހާގު ހަރަކާތްތެރިވީ ބޮން ގޮއްވައިލި ރިމޯޓު އޮޕަރޭޓު ކުރި އަދުހަމް އެކަމަށް ތައްޔާރު ކުރުމުގައި އިސްކޮށް ހުރި މީހާ އެވެ.
"އަބްދުﷲ އަލި މަނިކަކީ ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހެއް. މި ހަމަލާދިން އަހުމަދު އަދުހަމް ފިލުވުމާއި ހެކި ނަތާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ މައުލޫމާތު ތަހުގީގަށް ވަނީ ލިބިފައި."
- ސީޕީ މުހައްމަދު ހަމީދު
ތަސްީމު ދެކޭ ގޮތުގައި ނަޝީދަކީ މުރުތައްދުވެފައިވާ ކާފަރެކެވެ. އެހެންކަމުން އޭނާ ވަނީ ނަޝީދަކީ މަރައިލަން ޖެހޭ މީހެއްކަމަށް ކަނޑައަޅައިފަ އެވެ. އަދި ހަރުކަށި ފިކުރުގެ ތެރެއަށް މީހުން ވައްދައި، ސެލްއެއްގެ ގޮތުގައި އެތަން އޮޕަރޭޓު ކުރަންވީ ގޮތް އަދުހަމް ކިޔައިދިން ކަމަށް ވެއެވެ. އަދުހަމް ވަނީ އެފަދަ ސެލްތައް އޮޕަރޭޓު ކުރާނެ ގޮތުގެ މައުލޫމާތު ހުރި ފޮތްތަކާއި ވީޑިއޯތައް ހަރުކަށި ފިކުރުގެ ތެރެއަށް ވަންނަ މީހުންނަށް ފޯރުކޮށްދޭ މީހެކެވެ.
ދައުވާ ހަތަރު މީހެއްގެ މައްޗަށް
ހައެއް މޭގެ ހަމަލާއާއި ގުޅިގެން ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވަނީ ހަތަރު މީހެއްގެ މައްޗަށެވެ. އެއީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ) އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ) އެވެ.
މީގެ ތެރެއިން އަދުހަމް އަކީ ބޮން ގޮއްވައިލި މީހާ އެވެ. ތަހުމީނަކީ ހަމަލާ ދޭން ބޭނުންކުރި ސައިކަލުގެ ވެރިފަރާތެވެ. މުޖާޒަކީ އަދުހަމް ފިލުމަށް އެހީތެރިވެދިން މީހާ އެވެ. ފާތިހު އެހީތެރިވެދިނީ މުޖާޒުއާއި އަދުހަމް ބައްދަލުކޮށްދިނުމުގަ އެވެ.
މީގެ ކުރިންވެސް ދެފަހަރެއްގެ މަތިން ހަމަލާ ދޭން ރޭވި
އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުން އެނގިގެން ދިޔަ ގޮތުގައި ރައީސް ނަޝީދަށް ދިން ހަމަލާއަކީ މަހެއް ނުވަތަ އަހަރެއް ވަންދެން ރޭވި ރޭވުމެއް ނޫނެވެ. 2019 ވަނަ އަހަރުން ފެށިގެން އެފަދަ ހަމަލާއެއް ދިނުމަށް ދިޔައީ ތައްޔާރުވަމުންނެވެ. އަދި މެއި މަހު ހަމަލާ ދިނުމުގެ ކުރިން ދެ ފަހަރެއްގެ މަތިން އެ ހަމަލާ ދޭން މަސައްކަތް ކުރި އެވެ.
ތަހުގީގަށް އެނގުނު ގޮތުގައި ގޮއްވައިލަން ބޭނުންކުރި ސައިކަލު ގަތީ 2019 ވަނަ އަހަރު އެވެ. ހަމަލާ ދޭން ފުރަތަމަ ރޭވީ ނަޝީދު ކުރިން ދިރިއުޅުއްވި ޔާގޫތު ގޭގައި ސައިކަލު ބަހައްޓައިގެންނެވެ. ސައިކަލުގައި އައިއީޑީ ހަރުކޮށް ހަތަރު ދުވަހެއްގެ މަތިން ގޮއްވައިލަން މަސައކްަތް ކުރި އެވެ. އެހެންނަމަވެސް ހަމަލާ ދޭން އުނދަގޫވުމާއިއެކު އޭރު ހެދި އައިއީޑި ނައްތައިލީ އެވެ.
ދެވަނަ ފަހަރަށް ހަމަލާ ރޭވީ ރައީސް ނަޝީދު ކަސްރަތައް ނިކުންނަވާ ވަގުތަށެވެ. ބޮޑުތަކުރުފާނު މަގުގައި ހުންނަ މެރީ ބްރައުން ސަރަހައްދުގައި ސައިކަލު ބަހައްޓައިގެން ހަމަލާ ދޭން މަސައްކަތް ކުރިނަމަވެސް އެތަނުގައި ގޮއްވާލައި ނަޝީދަށް އެކަށީގެންވާ ވަރުގެ އަނިޔާއެއް ދެވިދާނެކަމަށް ގަބޫލު ނުކުރެވި އެ ރޭވުން ކުރިއަށް ނުގެންދަން ފަހުން ނިންމި އެވެ.
ތިންވަނަ ރޭވުމަކީ ކެނެރީގެއަށް ރައީސް ނަޝީދު ދިރިއުޅުން ބަދަލުކުރެއްވުމުން ނީލޯފަރު މަގުގައި ހަމަލާ ދިނުމަށް ރޭވި ރޭވުމެވެ. އެކަމަށް މަޝްވަރާ ފެށީ މިއަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ. ސައިކަލު ސާވިސް ކުރުމަށް މެއި މަހުގެ ތިން ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ގަރާޖަކަށް ގެންދިޔަ އެވެ. އެއަށްފަހު ޖެހިގެން އައި ދުވަހު ހަމަލާގެ ފަހުގެ މަޝްވަރާތައް ކުރިއަށް ގެންގޮސް އެކި މީހުންނާއި އެކި ޓާސްކުތައް ހަވާލު ކުރި އެވެ.
ހަމަލާގެ މޯޓިވް
ނަޝީދަށް ދިން ހަމަލާ ދިނުމުގެ ފަހަތުގައި ތިބީ ދީނީ ހަރުކަށި ފިކުރުގެ މީހުންކަމަށް މީގެ ކުރިންވެސް ވަނީ ބެލެވިފަ އެވެ. ނަޝީދަކީ ރާއްޖޭގެ ތާރީހުގައި އެންމެ ބޮޑަށް "ލާދީނީ" ޓެގު އެޅުވިފައިވާ ސިޔާސީ ލީޑަރެވެ. މީގެ ސަބަބުން އެކި ފަހަރު މަތިން އެމަނިކުފާނަށް ހަމަލާ ދިނުމަށް އިންޒާރުވެސް ދީފައިވެ އެވެ.
ފުލުހުން ވަނީ ނަޝީދަށް ހަމަލާ ދިނުމުގެ ފަހަތުގައި އޮތް މަގުސަދު ނުވަތަ މޯޓިވް ހޯދައިފަ އވެެ.
"ރައީސް ނަޝީދު އަވަހާރަކޮށްލަން މަސައްކަތްކޮށްފައި ވަނީ، ހަމަލާ ދިން މީހުންގެ ވިސްނުމާއި ގަބޫލުކުރުންތަކަކީ ރައީސް ނަޝީދަކީ އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފާޅުގައި ފުރައްސާރަކޮށް ދީނުން ބޭރުވެފައިވާ މީހެއްގެ ގޮތުގައި ކަނޑައަޅައި އެމަނިކުފާނުގފެ ލޭ ހުއްދަވެފައިވާކަމަށް ނިންމައިގެން"
- އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ރިޔާޒު
ހަމަލާއަށް ފަންޑެއް ނުކުރޭ
ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގިނަ ބަޔަކަށް ގަބޫލުކުރަން އެންމެ އުނދަގޫވި އެއް ވާހަކައަކީ ރައީސް ނަޝީދަށް ދިން ހަމަލާއަށް އެއްވެސް މީހަކު ފަންޑު ކުރިކަމަށް ނުބެލެވޭކަމަށް ވިދާޅުވި ވާހަކަ އެވެ. ރިޔާޒު ވިދާޅުވީ ޓެރަރިޒަމްގެ މައްސަލަތަކަށް ބަލާއިރު ފަންޑުކުރުމަށް ދެގޮތަކަށް އަމަލު ކުރެއެވެ. އެއްގޮތަކީ ހަމަލާއަށް ފެސިލިޓޭޓް ކުރުމަށް ހަރަދުކުރުމެވެ. ދެވަނަ ގޮތަކީ ހަމަލާ ދިނުމަށް އެހެން ފަރާތަކުން އެފަރާތަށް އިނާމެއްގެ ގޮތުގައި ފައިސާ ދިނުމެވެ.
މިހާތަނަށް އައިއިރު ފާހަަގަވި ބައެއް ކަންކަމަކީ ގޮއްވައިލި ސައިކަލު ގަތުމަށް 18،000 ރުފިޔާ ހަރަދު ކުރުމެވެ. އަދި ސައިކަލު ސާވިސްކުރި ގަރާޖަށް ފައިސާ ދިނުމާއި ބޮން ހެދުމަށް ވަކި އެޕާޓްމެންޓެއް ކުއްޔަށް ނެގުންފަދަ ކަންކަމެވެ. ފުލުހުން ބުނީ ހަމަލާއާއި ގުޅުންހުރި މީހުންނާއި އެމީހުންނާއި ގުޅުންހުރި އާއިލާއާއި ރައްޓެހިންގެ ބޭންކް ސްޓޭޓްމެންޓުތައް ނަގާފައިވާކަމަށެވެ. އެގޮތުން 317 ބޭންކް ސްޓޭޓްމެންޓެއް ވަނީ އެނަލައިޒް ކޮށްފަ އެވެ.
މިކަންކަމަށް ބެލުމަށްފަހު ނަޝީދަށް ދިން ހަމަލާއަކީ މީހަކު ބޮޑު ހަރަދު ކޮށްގެން ނުވަތަ އިނާމެއް ދީގެން ކުރި ކަމެއްކަމަކަސް ލަފައެއް ނުކުރެވެ އެވެ. އޭގެ ބަދަލުގައި މިއީ ފިކުރީ ސަަބަބުތަކަށްޓަކައި އަމިއްލަ މަގްސަދެއް ހާސިލްކުރުމަށް ކުރި ކަމެއްކަމަށް ފާހަގަކުރެވެ އެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް އެނގުނު ގޮތުގައި ހަމަލާ ދިން މީހުން ތިބީ ޖާނުން ފިދާވެގެންވެސް ނަޝީދު އަވަހާރަކޮށްލާށެވެ. އެމީހުންގެ މަގްސަދަކަށްވީ ކޮންމެ ހާލެއްގައިވެސް ނަޝީދުގެ ފުރާނަފުޅު ދުއްވައިލުމެވެ. ދީނީގޮތުން އެމީހުން ގަބޫލުކުރާ ހަމަތަކުގައި ނަޝީދަށް ހިފެހެއްޓިފައި ނުުވުމާއި އެކިއެކި ފޯރަމްތަކުގައި އިސްލާމް ދީނަށް ފުރައްސާރަކޮށް ދީނުން ބޭރުވާފަދަ ވާހަކަތައް ނަޝީދު ދައްކަވާފައިވާކަމަށް އެމީހުން ގަބޫލު ކުރެ އެވެ.
ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ދެ މީހަކު ވަނީ ކުށަށް އިއުތިރާފުވެސް ވެފަ އެވެ. އިއުތިރާފު އެއްބަސްވުމެއް ދައުލަތާއިއެކު ހެދުމަށް ދެމީހުން އެދިފައިވީނަމަވެސް ދައުލަތުން ދަނީ އެމީހުންގެ ފަރާތުން ލިބޭނީ ކޮން މައުލޫމާތެއްތޯ ބެލުމުގެ ދިރާސާތައް ކުރަމުންނެވެ.
މެއި ހައެއްގެ ޓެރަރިސްޓް ހަމަލާގެ ފުނަށް ދިއުމަށް ފުލުހުން ފަށާފައިވާ މަސައްކަތުގައި މިހާތަނަށް 640 ވުރެ ގިނަ މީހުންނާއި ބައްދަލުކޮށް މައުލޫމާތު ހޯދާފައި ވެއެވެ. 228 މީހަކާއި ސުވާލުކޮށް ބަޔާން ނަގާފައި ވެއެވެ. އަމިއްލަ މީސްމީހުންގެ 109 ތަނެއްގެ ސީސީޓީވީ ފްޓޭޖް ތަހުގީގަށް ހޯދާފައިވާއިރު އެއީ 5،600 ގަޑިއިރުގެ ފްޓޭޖެވެ. އެ ހުރިހާ ވީޑިއޯއެއް ވަނީ ދިރާސާ ކޮށްފަ އެވެ.
މާލެ އާއި ހުޅުމާލެ ހިމެނޭހެން 190 ސަރަހައްދެއްގައި ހަރުކޮށްފައިވާ 372 ޕޮލިސްގެ ސީސީޓީވީ ޕްޓޭޖްވެސް ތަހުގީގަށް ހޯދާ ދިރާސާކޮށްފައި ވެއެވެ. އެއީ 60،072 ގަޑިއިރުގެ ފްޓޭޖެވެ. 103 ތަނެއް ވަނީ ބަލާ ފާސްކޮށްފައެވެ. އަދި 830 ވުރެ ގިނަ މާއްދީ ހެކި ވަނީ ހޯދާފަ އެވެ.