މާތްﷲ ހަނދުމަކުރުމުގެ ތެރޭގައި ހިމެނޭ އެންމެ މަތިވެރި އަމަލަކީ ނަމާދު ގާއިމުކުރުން ކަމަށާއި ނަމާދު ގާއިމުކުރުމަކީ މަރު އަމާންވާ ކަންތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމެއްގެ އިތުރުން ކަށްވަޅުގެ އެކަނިވެރިކަމުންނާއި، އަޒާބުން ސަލާމަތްވުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭކަމެއް ކަމަށް ޚުތުބާގައި ބުނެފިއެވެ.
ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ "ތަގުވާވެރީންނަކީ، މާތްﷲ ހަނދުމަކުރާ މީހުން"، މި މައުޟޫއުގެ މައްޗަށެވެ.
މާތްﷲ އަށް އީމާންވުމަށް ފަހު، އެކަލާނގެ މުސްލިމުންނަށް އެންމެ ފުރަތަމަ ވާޖިބުކުރެއްވި އަޅުކަމަކީ ނަމާދުކަން ފާހަގަކޮށް ޚުތުބާގައި ބުނީ، މި އުންމަތަށް ނަމާދު ފަރުޟުކުރެއްވުނީ ކީރިތި ނަބިއްޔާ މިޢުރާޖު ކުރެއްވުނު ރޭ މެދުވެރިޔަކު ނެތި، ސީދާ އެ ކަލޭގެފާނަށް މާތްﷲ ގެ ބަސް ވަހީކުރައްވައިގެން ކަމަށެވެ.
މާތްﷲ ހަނދުމަކުރުމުން އެއްކިބާވެ، ކީރިތި ޤުރްއާނަށާއި، ކީރިތި ރަސޫލާގެ ސުންނަތަށް ފުރަގަސްދީފި މީހަކީ، ދުނިޔެއާއި އާޚިރަތުގައި ގެއްލެނިވެގެންވާ މީހެއް ކަމަށް ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.
މާތްﷲ ހަނދުމަކުރުމާއި، ނަމާދު ގާއިމުކުރުމާއި، ހެޔޮ އަމަލުތަކަށް ހުރަސްއަޅާ ކަންތައްތަކަކީ، ހަވާނަފުސުގެ އެދުންތަކާއި، މުންކަރާތްތަކާއި، ފާހިޝު އަމަލުތައް. ޒިނޭކުރުމާއި، އެއްޖިންސުން ގުޅުން ހިންގުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، ޖުވާކުޅުން ފަދަ ފާހިޝު އަމަލުތައް. މި އަމަލުތަކަކީ ޝައިތޯނާ އިންސާނާ މަގުފުރައްދައި، ނަރަކައިގެ އަހުލުވެރިއަކަށް ހެދުމަށް ޓަކައި، ނުހަނު ޒީނަތްތެރިކޮށް، އޭނާއާ ކުރިމަތިކުރުވާ ކަންތައްތައް
ޚުތުބާގައި ބުނީ، ބިރުވެރިކަން ބޮޑުވެގެންވާ ގިޔާމަތް ދުވަސް އޮތީ ދާދި ކައިރީގައި ކަމަށެވެ. އެއީ، މާތްﷲ ގެ ޙަޟުރަތަށް މީސްތަކުން ހާޒިރުކުރެވޭނޭ އަދި ހިސާބު ބައްލަވާ ދުވަސް ކަމަށް ބުންޏެވެ. އެއީ ސުވަރުގެވަންތަ ވެރީން ސުވަރުގެއަށް، ނަރަކަވަންތަވެރީން ނަރަކައަށް ވަންނަ ދުވަސް ކަމަށާއި ދުންޔަވީ ދިރިއުޅުމުގައި މެދުވެރިވެދާނެ ނުރައްކާތަކުން ރައްކާތެރިކަން ހޯދުމަށްޓަކައި، ކުރެވޭން އޮތް ކޮންމެ ކަމެއް ކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.
ބައެއް އިންސާނުން އަދާވާތްތެރީންގެ ހަމަލާތަކާއި، މަރު އެތިފަހަރުތަކުން ސަލާމަތްވާން ގަދަފަދަ، ބިޔަ ކިއްލާތައް ހަދައިގެން ދިރިއުޅޭކަން ފާހަގަކޮށް ޚުތުބާގައި ބުނީ އަތުވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި އެފަދަ ކިއްލާތަކުގައި ބިންގަރާސް ހަދައިގެން ވެސް ދިރިއުޅޭ ކަމަށެވެ. އެއީ، ރައްކާތެރިކަން ލިބޭނޭކަމަށް އުންމީދުކޮށްގެން ކަމަށް ބުންޏެވެ.
ބިންހެލުމެއް އަތުވެދާނެތީ، ނުވަތަ ސުނާމީއެއް އަރައިފާނެތީ، ނުވަތަ ފުރާޅުތައް އުކައިލައި، ގަސްތައް މުލުން ލުހެލައި، ގެދޮރު ސުންނާފަތިކޮށްލައިފަނިވި ގަދަ ކޮޅިގަނޑުތައް ދެކެ ތިބާ ބިރުގަންނައިރު، އެއްވެސް ޝައްކެއްނެތި، ކަށަވަރުވަނިވި ދުވަހާ މެދު، ބިރުވެތިވާން ހަނދާންނެތޭކަމީ އަޖައިބެއް ކަމަށް ޚުތުބާގައި ބުންޏެވެ. އެ ދުވަހަށް ތައްޔާރު ނުވެވޭކަމީ ހިތާމަހުރި ކަމެއް ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.
ގިޔާމަތް ދުވަހުގެ ބިރުވެރިކަމުން އަމާންކަން ލިބެނިވި އަމަލުތަކަކީ ކޮބައިކަން ދެނެގަނެ، ވަގުތު ފާއިތުވުމުގެ ކުރީން އެ ފަދަ އަމަލުތައް ކުރުން މަތީ ތިޔަބައިމީހުން ގާއިމުވެތިބުމަށް ޚުތުބާގައި ވަނީ ގޮވައިލާފައެވެ.