ރާއްޖެ މުޅިން ޑިޖިޓަލް ކޮށްލުމުގެ މަޝްވަރާތަކަށް "މޯލްޑިވްސް 2.0" ސަމިޓު ރޭ ފަށައިފިއެވެ.
"މޯލްޑިވްސް 2.0" އަކީ ޑިޖިޓަލް ޓްރާންސްފޮމޭޝަނަކަށް ރާއްޖެ ގެންދިޔުމުގައި ރައީސުލްޖުމްހޫރިއްޔާގެ ގައުމީ ތަސައްވުރެވެ. އެއީ ސަރުކާރުން ޚިދުމަތްކުރާ ގޮތާއި، އިގްތިޞާދު ކުރިއަރަމުންދާ ގޮތާއި، އާންމު ޚިދުމަތާއި، ޒަރޫރީ މައުލޫމާތު ކޮންމެ ދިވެއްސަކަށް، ކޮންމެ ރަށަކަށް ފޯރުވާގޮތް އަލުން ބައްޓަންކުރުމުގެ ތަސައްވުރެކެވެ.
މި ސަމިޓު ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ހޯމްލޭންޑް ސެކިއުރެޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާނު ވިދާޅުވީ، މޯލްޑިވްސް 2.0 އަކީ މުޅި ދިވެހި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ހިމެނޭހެން ދައުލަތުގެ ތިން ބާރު ވެސް ފުރިހަމައަށް ބައިވާގޮތަށް ފަރުމާކޮށްފައިވާ ސިޔާސަތެއް ކަމަށެވެ.
އިހުސާން ވިދާޅުވީ މި ސަމިޓުގައި ރާއްޖެ ޑިޖިޓަލައިޒޭޝަންގެ ދާއިރާގައި ކުރާނެ ކަންކަމާމެދު ބަހުސްކުރެވި ހުރިހާ އިދާރާތަކުން އެއްބަސްވާ ކަންކަން ނިންމާނެ ކަމަށެވެ.
އަދި ރާއްޖޭގެ ޑިޖިޓަލް ޓްރާންފޮމޭޝަން އެޖެންޑާއަކާ މެދު އެއްބަސްވާނެ ކަމަށާއި ރައީސްގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ތަންފީޒްކުރުމުގެ އަމަލީ މަސައްކަތް ބާރު ސްޕީޑުގައި ފެށާނެކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.
އިހުސާން ވިދާޅުވީ މި ސަމިޓުގެ މުޅި މަސައްކަތް ކުރިއަށްދާނީ ރައީސް ޗެއާކުރައްވާ، ދާއިރާގެ އެކްސްޕާޓުން ހިމެނޭ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލްގެ ބެލުމުގެ ދަށުން ކަމަށެވެ.
އިހުސާން ވަނީ މި ސިޔާސަތު އެކުލަވާލައި، ތަންފީޒުކުރުމަށް ހޯމް މިނިސްޓްރީއާއި، ޓްރޭޑް ނެޓުގެ އިތުރުން ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގެ ފަންނީ މުވައްޒަފުން ކުރި މަސައްކަތް ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު އަދައިކުރައްވައިފައެވެ.
މިރޭ އޮތް ހަފްލާގައި، ވަނީ އެސްޓޯނިއާ ސަރުކާރުގެ އިސްވެރިންނާއި، ދާއިރާގެ ތަޖުރިބާކާރުން ބޭރުގެ ފަންނީ ބޭފުޅުންގެ ޕެނަލް ޑިސްކަޝަނެއް ވެސް ކުރިއަށް ގެންގޮސްފައެވެެ.
މީގެ ކުރިން ރައީސް ވަނީ ޑިޖިޓަލް ރާއްޖެއަކަށް މިސްރާބު ޖެހުމަށް، އަށް ލަނޑުދަނޑިއެއް ކަނޑައަޅައިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ އަށް ލަނޑުދަނޑި ބައްޓަންކުރަނީ، ވެރިކަން ކުރާ ގޮތާއި، ހައްގުތައް ހިމާޔަތްކޮށް، ދެފުށް ފެންނަ ގޮތުގެ އިތުރުން ދައުލަތުގެ މުއައްސަސާތަކަށް ކުރާ އިތުބާރު އަލުން އާރާސްތުކުރަން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އެ އަށް ލަނޑުދަނޑިއަކީ:
- ޑިޖިޓަލް އައިޑެންޓިޓީ އެންޑް ޓްރަސްޓެޑް ޓްރާންސެކްޝަން - ތިމާގެ ހައްގުތައް
- ހިމާޔަތްކޮށް ރައްކާތެރި ގައުމީ އައިޑީ ސިސްޓަމެއް ގާއިމުކޮށް، ޚިދުމަތްތަކާއި ޑޭޓާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުން.
- އޯޕަން ޑޭޓާ ޝެއަރިން އެންޑް ގަވަނަންސް - ސްމާޓް، ހަލުވި އަދި ގުޅިފައިވާ ޑިޖިޓަލް ސިސްޓަމްތަކެއް ގާއިމުކުރުން.
- ސައިބާ ސެކިއުރިޓީ ފޯ ނޭޝަނަލް ރެޒިލިއަންސް - ގައުމީ ނިޒާމު ހިމާޔަތްކުރާ ވަރުގަދަ ސައިބާ ޑިފެންސް ސިސްޓަމެއް ގާއިމުކުރުން.
- ޒަމާނީ ގާނޫނީ އޮނިގަނޑަކަށް ޑިޖިޓަލް ޓްރަސްޓް އަދި ގަވަނަންސް - ތިމާގެ ހައްގުތައް ހިމާޔަތްކޮށް، ޑިޖިޓަލް ޚިދުމަތަށް އިތުބާރު އުފައްދައިދޭ ޒަމާނީ ގާނޫނުތައް އުފެއްދުން.
- ސެކިއުއާ އެންޑް ސޮވެރިން ޑިޖިޓަލް އިންފްރާސްޓްރަކްޗާ - މައުލޫމާތާއި ޑިޖިޓަލް މިނިވަންކަން ހިމާޔަތްކުރާ ނެޝަނަލް ކްލައުޑާއި، ޑޭޓާ ސެންޓަރުތަކާއި، އަރުޝީފުތައް ރައްކާތެރިކުރުން.
- ސިޓިޒަން ސެންޓްރިކް އީ-ގަވަމަންޓް ސާވިސަސް - އާންމު ޚިދުމަތްތަކަކީ އަވަސް، ފަސޭހަ އަދި ދެފުށް ފެންނަ ޚިދުމަތަކަށް ހެދުން.
- ސެކްޓޯރަލް ޑިޖިޓަލް ޓްރާންސްފޯމޭޝަން - ސިއްހީ ޚިދުމަތާއި، ތައުލީމާއި، އަދުލުއިންސާފާއި، ރައްޔިތުންގެ މަޖިލީސް ޒަމާނީކޮށް، މިހާރަށްވުރެ ހަރުދަނާ، އެންމެން ޝާމިލުވާ ގޮތަށް އާންމު ޚިދުމަތްތައް ފޯރުކޮށްދިނުން.
- އައިސީޓީ އިކޯސިސްޓަމް ޑިވެލޮޕްމަންޓް އެންޑް އިނޮވޭޝަން - މުސްތަގުބަލުގައި އިގްތިސޯދު ކުރިއަށް ގެންދިއުމަށް ޓަކައި ދިވެހި ހުނަރުވެރިންނާއި ޑިޖިޓަލް އިންޑަސްޓްރީތައް ބާރުވެރިކުރުވުން.