ބޭނުންވީމާ ބޭނުންގޮތެއް ގައުމީ ދިދައަށްވެސް ހަދަންވީ ހެއްޔެވެ.
މިދައްކަން އުޅެނީ އިއްޔެ ފެށުނު ސާފްޗެމްޕިއަންޝިޕްގައި ބޭނުން ކުރުމަށް ގައުމީ ޓީމު ލުމަށްޓަކައި ހަދާފައިވާ ޖާރޒީގެ ވާހަކައެވެ. ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައިވެސް މި ޖާރޒީއަށް ފާޑު ކިޔަމުންނެވެ. ސަބަބުންތައް ވަރަށް ގިނައެވެ.
އަހަރެންގެ ހިޔާލެއްވެސް ތިޔަ ކިޔުންތެރިންނާއި ހިއްސާ ކޮށްލާނަމެވެ. ގައުމީ ދިދައިގެ އެހުންނަ ރީތި ކުލަތަކާއި ރީތި ގޮތްގަނޑު ހުންނަން ޖެހޭނީ އެންމެ ކުރިއްސުރެ ހުންނަ ގޮތަށެވެ. ހަމަ ބަޔަކު ބޭނުންވާ އިރަށް އެ ދިދަދއިގެ ކުލަ އާއި ހުންނަ ގޮތަށް ބަދަލު ގެނެވިގެންވާނެ ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވެއެވެ.
އެހެންނަމަވެސް މިފަހަރު ސާފުޗެމްޕިއަންޝިޕް މުބާރާތުގައި ބޭނުން ކުރުމަށް ހަދާފައިވާ ޖާރޒީގެ މެދުގައި ދިދަ އެ އިންނަ ގޮތުން ހީވަނީ މުޅީން އެހެން ގޮތެކެވެ.
" އަހަރުމެންގެ ގައުމީ ޓީމު ދަނޑަށް ކުޅެން ނިކުންނައިރު ޖާރޒީގައި އިންނަ ދިދަ ފެނުނީނަމަ އަޅުގަނޑުގެ ހިތަށް އެރީ މިއީ އަނެއްކާ ދިދަ ބާއެ. ނޫނީ އެކުލަތައް ބޭނުންކޮށްގެން ކޮންމެވެސް އެހެން މޮޅު އެއްޗެއް ބަޔަކު ކުރާހަފަބާއެ" މިއީ ސޯޝަލް މީޑިއާގައި އާއްމުންގެ މީހަކު ފާޅުކޮށްފައި ހިޔާލެކެވެ.
"އާން ޖާރޒީ ކަމަކު ނުދޭ ރަތް ކުލައިގެ ޖާރޒީ ލީމަ ގައުމީ ޓީމާ ގުޅެނީ" އިތުރު މީހަކު ބުނެފައިވެއެވެ.
އަހަރުމެން ކަން ކުރަންވީ ކަމަކަށް ކަމެއް ކުރާ އުސޫލަކުންނެއް ނޫނެވެ. ގައުމީ ޓީމު ބަލިވުން އެއީ އެހެން ކަމެކެވެ. ބަލިވުމާއި ދެރަވުމަކީ ކުޅިވަރުގައި އޮންނަ ކަމެކެވެ. ނަމަވެސް ކުޅުންތެރިން ބޭނުންކުރާ ޖާރޒީ އެއްޗެހި ހަދާއިރު އެއީ ކޮންމެ ބަޔަކަށްވިއަސް މިއަށްވުރެ ޒިންމާ ދާރުވާން އެބަޖެހެއެވެ. ގައުމީ ދިދަވެސް ބޭނުން ކުރަންވީއެވެ. ނަމަވެސް އޭގެ އަސްލު ނުގެއްލޭ ގޮތަށެވެ. މިއީ އަޅުގަނޑުގެ ހިޔާލެވެ. މިހުންނަނީ ދެރަވަރު ކަންކަމެވެ.